އިމްރާން ޚާން ހައްޔަރުކުރަން ނެރުނު އަމުރު އިސްލާމްއާބާދު ހައި ކޯޓުން ބާތިލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން މުޒާހަރާ ކުރުން. -- ފޮޓޯ/ ރޮއިޓާސް

ކޮރަޕްޝަނުގެ މައްސަލައެއްގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރަން ނެރުނު އަމުރު އެގައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ހައި ކޯޓުން ސަސްޕެންޑްކޮށްފިއެވެ.

އިމްރާން ޚާން ހައްޔަރުކުރަން އިސްލާމްއާބާދުގެ ދަށު ކޯޓަކުން މީގެ ކުރިން އަމުރު ނެރެފައި ވަނީ، ދައުލަތަށް ލިބުނު ހަދިޔާތަކެއް ވިއްކައި ފައިދާ ނެންގެވި ކަމުގެ ތުހުމަތުގައި ބަލާ މައްސަލައެއްގައެވެ.

ޚާން ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ހައްޔަރުކުރުމުގެ އަމުރު ބާތިލުކުރަމުން ހައި ކޯޓުން ވަނީ އޭނާގެ މައްސަލަ ބަލާ ދަށު ކޯޓަށް މާދަމާ ހާޒިރުވާން އަންގާފައެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ޚާންގެ ވަކީލު ފައިސަލް ފަރީދު ޗައުދަރީ ވިދާޅުވީ ޚާންގެ މައްސަލަ ބަލާ ސެޝަންސް ކޯޓަށް އޭނާ މާދަމާ ވަޑައިގަންނަވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޚާން ހައްޔަރުކުރަން މިދިޔަ އަންގާރަ ދުވަހު ފުލުހުން އޭނާގެ ގެކޮޅަށް ދިޔުމުން، އޭނާގެ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހުރީކީ އިންސާފް (ޕީޓީއައި)ގެ މެމްބަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގާފައިވެއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުން މުޒާހަރާ ކުރުން. -- ފޮޓޯ/ ރޮއިޓާސް

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޚާން ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ އޭޕްރިލް މަހު އޭނާ މަގާމުން ދުރުކުރި ފަހުން އޭނާއާ ދެކޮޅަށް 85 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އޭނާ ހައްޔަރުކުރަން މަސައްކަތް ކުރަނީ އޭނާ އަވަހާރަކޮށްލަން ބޭނުންވާ ބަޔަކު ކަމަށް ޚާން ތުހުމަތު ކުރައްވައެވެ.

ޚާން މަގާމުން ދުރުކުރި ފަހުން އޭނާ ގެންދަވަނީ އެގައުމުގެ އާންމު އިންތިޚާބު އަވަސް ކުރުމަށް ގޮވާލައްވައި މުޒާހަރާތައް އިންތިޒާމު ކުރައްވަމުންނެވެ. އޭގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރެލީއެއްގައި މީހަކު ވަނީ އޭނާގެ ހަށިކޮޅަށް ބަޑި ޖަހައި، ޒަޚަމްކޮށްލާފައެވެ.

ޚާން މަގާމުން ދުރުކުރީ އޭރު އިދިކޮޅުގައި އޮތް ޕާޓީތަކުން ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއްގައެވެ. އެގޮތުން ޚާނަށް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިސްކޮށް އޮވެގެންނެވެ. އަދި ފަހުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފެވެ.

އޭރު އިދިކޮޅުން ބުނީ ސަރުކާރު ބަދަލު ކުރަން ޖެހުނީ ކޮރަޕްޝަނުގެ އަމަލުތައް އިތުރުވެ، ގައުމުގެ އިގްތިސާދު ނަގަހައްޓަން ސަރުކާރު ނުކުޅެދިފައިވާތީ ކަމަށެވެ.

comment ކޮމެންޓް