އަރަބިއްޔާ ސްކޫލު ހިންގުން ދަރުމަވަންތައިގެ ވަގުތީ އިމާރާތަށް ބަދަލުކުރަން މަޝްވަރާ ކުރަނީ

އަރަބިއްޔާގެ ދެ ބެލެނިވެރިއަކާއި އެޑިއުކޭޝަނުގެ ވެރިންނާ މީގެ ކުރިން ބައްދަލުކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތުގެ މަސައްކަތް ނިމި، އެ އިމާރާތަށް އެ ސްކޫލު ހިންގުން ބަދަލުކުރެވެންދެން ދަރުމަވަންތަ ސްކޫލު މިހާރު ހިންގަމުން އަންނަ ވަގުތީ އިމާރާތަށް އަރަބިއްޔާ ބަދަލުކުރުމުގެ މަޝްވަރާ ކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުން އަންނަ ކުރީގެ އެމްޓީސީސީ ސޯމިލް އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ އަރަބިއްޔާގެ ބެލެނިވެރިން އަބަދުވެސް ދައްކަމުން އަންނަ ކަމަށެވެ.

އެއާއެކު މިހާރު މަޝްވަރާކުރަމުން އަންނަނީ ވަގުތީ އިމާރާތަށް އަރަބިއްޔާ ބަދަލުކުރުމާ ގުޅޭގޮތުންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި ނުނިންމަން ބަދަލުކުރާކަށް. އެކަމު މަޝްވަރާތައް ކުރިއަށްދަނީ،" މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް އަދި ދަރުމަވަންތައިގެ ދާއިމީ އިމާރާތުގެ މަސައްކަތް ނިމި މިހާރުގެ ވަގުތީ އިމާރާތް ހުސްކުރެވޭނެ ވަކި ތާރީޚެއް އަދި ނޭނގޭކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަރަބިއްޔާގެ ބެލެނިވެރިން މިހާރު ވެސް އަންނަނީ އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ލަސްވުމުން އެ ކަމުގެ ޝަކުވާކުރަމުންނެވެ. އެގޮތުން މިހާރުގެ އިމާރާތުގައި ދަރިވަރުންނަށް ކުޅިވަރު ކުޅޭނެ ޖާގައާއި ލޭބޯޓްރީގެ ޚިދުމަތް ފަދަ ބައެއް ކަންކަން މަދުވުމުގެ ޝަކުވާ ވެސް ކުރެއެވެ. އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ނިންމާފައިވަނީ ބާ ޖަމާލުއްދީން ހިންގި ބިމުގައެވެ.

comment ކޮމެންޓް