ވައިކަރަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކޮށްފި

ހދ. ވައިކަރަދޫ ކައުންސިލުން ހުސްވެފައިވާ އަންހެން ކައުންސިލަރުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރަން ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ އެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިޒުނާ ކާމިޔާބު ކޮށްފައިވަނީ 283 ވޯޓާއެކުއެވެ. އިންތިޚާބުގައި ދެން ވާދަކުރި އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ނަޒުލާއަށް ލިބުނީ 258 ވޯޓެވެ.

ބައި-އިލެކްޝަން ބާއްވާފައި ވަނީ ވެސް އެމްޑީޕީގެ ކައުންސިލަރަކު އެ މަގާމުން އިސްތިއުފާ ދެއްވުމުގެ ސަބަބުންނެވެ.

ކައުންސިލްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ވައިކަރަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑީގެ ބައި-އިލެކްޝަން ވެސް މިއަދު ވަނީ ބާއްވާފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ އަދާލަތު ޕާޓީގެ ފާތިމަތު ޒުނައިނާއެވެ. އޭނާއަށް 376 ވޯޓު ލިބިފައިވާއިރު، ދެން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓު ރަމްޒިއްޔާ އިބްރާހީމަށް ލިބިފައިވަނީ 167 ވޯޓެވެ.

ވައިކަރަދޫއަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ތާއީދު ބޮޑު ރަށެކެވެ. މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް އެ ރަށުގެ ގޮނޑިތަކަށް އާންމުކޮށް ވާދަކޮށްފައި ވަނީ އެ ދެ ޕާޓީންނެވެ.

މިހާރު އޮތް ރަށު ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ 4 މެންބަރުންނާއި އަދާލަތުގެ މެންބަރެކެވެ.

comment ކޮމެންޓް