މާޅޮހު ބަނދަރު މަރާމާތުކުރުން ހިމެނޭހެން އިތުރު މަޝްރޫއެއް އެމްޓީސީސީއަށް

ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ބ. މާޅޮހުގެ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއުގެ ޖުމުލަ އަގަކީ 75 މިލިއަން ރުފިޔާއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރަަށުގެ އިރުމަތި ފަރާތުގައި 50 މީޓަރުގެ 4 ގްރޮއިން ޖަހައި، އުތުރު ފަރާތުގައި 76 މީޓަރު ގްރޮއިން އަދި 240 މީޓަރު ބޮޑުހިލަ ރިވެޓްމަންޓެއް ހަދާނެއެވެ. އަދި ހުޅަނގު ފަރާތުގައި 290 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ގާއިމުކުރާނެއެވެ.

ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހަމައެއާއެކު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން 25 މީޓަރު ރިވެޓްމަންޓް 100 މީޓަރު ކޮންކްރީޓް ޖެޓީއާއެކު، ޖުމްލަ 296 މީޓަރަށް މިހާރުގެ ހާބަރު ތޮށި ބޮޑުކުރުމާއި މަރާމާތުކޮށް، ދެކުނު ފަރާތުގައި 50 މީޓަރުގެ ގްރޮއިން އަދި 40 މީޓަރުގެ ބޭރުތޮށި ގާއިމް ކުރާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާޅޮހުގެ ބަނދަރުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ކައުންސިލުގެ ނައިބު ރައީސް އަހުމަދު ފިރާގު މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށު ބަނދަރުގެ މަރާމާތަށް އަބަދުވެސް ނިކުންނަނީ ރައްޔިތުން ކަމަށެވެ. އެކަމަކު ބައިވަރު ދަތި އުނދަގޫތަކާ ކުރަމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ އަކީ ބަނދަރު ތިލަވުން، ތޮށި ވެއްޓިފަ އޮތުން. މެދުން އޮންނާނީ ބިންދައިގެން ގޮސް،" އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށާއި ކަނޑުދަތުރުކުރާ ފަރާތްތަކަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ހައްލުކުރުމަށް ރައްޔިތުން މީގެ ކުރިން ވަނީ ކަނޑު ދޮށި މަރާމަތުކޮށް އެއްގަމު ތޮށި ވެސް މަރާމާތުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބަނދަރު މަރާމާތުގެ މަޝްރޫއުގެ ދަށުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޮޑިދޯނި ފަހަރުތަކަށް ފަސޭހަވާނެ ކަމަށާއި މީހުންނަށް އަރާ ފައިބަން ވެސް ފަސޭހަވުމުގެ އިތުރުން އޮޑިދޯނި އެޅުމާއި މުދާ އުފުލުމަށް ވެސް ލުއިތަކެއް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާ ގުޅިގެން އޭނާ ވިދާޅުވީ މިހާރުވެސް ހުޅަނގު މޫސުމުގައި ރަށުގެ އެއްކޮޅު ގިރާލާ ކަމަށާއި އިރުވާ މޫސުމުގައި ވަރަށް ބޮޑަށް ގިރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރުވައި މޫސުމުގައި ކޮންމެ އަހަރަކު ރަށް ނުގުރި ނަމަވެސް ދޭތެރެއަކުން ގިރާނެ. އެކަމު ވަރަށް ބޮޑަށް އެފަހަރުތަކުގައި ގިރާނެ،" އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ އިރުވައި މޫސުމުގައި ރަށުގެ އެއްކޮޅު ގިރައި އެ ހިސާބުގައި ހުރި ރުއްތައް ވެސް ވެއްޓުނު ކަމަށެވެ. އެ ފަހަރުވެސް ވެލި ގޯނި ޖަހައި އެކަން ހައްލުކުރުމަށް ނުކުތީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑަށް ގިރާ ކަމަށް ފާހަގަވަނީ ރަށުގެ ހުޅަނގުކޮޅު ކަމަށެވެ.

މިއަދު ވަނީ ށ. މާއުނގޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް 16 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން 450 މީޓަރުގެ ރިވެޓްމެންޓެއް ޖަހާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް