ތެލަސީމިއާއަށް ފަރުވާ ހޯދާ މީހުންނަށް އެމްޓީސީސީގެ ބަހާއި ފެރީ ހިލޭކޮށްދީފި

އެމްޓީސީސީގެ ބަހެއް: ތެލަސީމިއާއަށް ފަރުވާކުރާ މީހުންނަށް ބަހާއި ފެރީ ހިލޭކޮށްދޭން ސަރުކާރުން ވަނީ ނިންމައިފައި --- ސަން ފައިލް ފޮޓޯ: ނާއިލް ހުސައިން

ތެލަސީމިއާއަށް ފަރުވާ ހޯދަން ދާ ފަރާތްތަކަށް އާރުޓީއެލް ފެރީއާއި ބަސް ދަތުރުތައް ހިލޭކޮށްދީފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ތެލަސީމިއާއަށް ފަރުވާ ހޯދަން ދާ ފަރާތްތަކަށް އާރުޓީއެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

އެގޮތަށް ދަތުރުކުރެވޭނީ ތެލަސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިންނަށް ކަމަށް، ބަޔާނުގައިވެއެވެ.

މިހާރު ވެސް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށާއި އުމުރުން 65 އަހަރުން މަތީ މީހުންނަށާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަށް އެމްޓީސީސީގެ ބަހުގައި ހިލޭ ދަތުރުކުރެވެއެވެ.

https://sun.mv/230347

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ވަނީ މި މަހުގެ 10ވަނަ ދުވަހު ތެލަސީމިއާ ޑިޖިޓަލް ކާޑު ވެސް ތައާރަފުކޮށްފައެވެ. އެ ބަދަލާއެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓު ކާޑުގެ ބަދަލުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބިގެންދާނެ ކަމަށް، ބްލަޑް ސާވިސަސްއިން އޭރު ބުނެފައިވެއެވެ.

އޭގެ އިތުރުން ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް މިދިޔަ ފެބްރުވަރީ މަހުގެ އަށްވަނަ ދުވަހު ހުޅުވިއެވެ.

ތެލަސީމިއާ ހުންނަ ކުދިންނާއި މީހުންނަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީކޮށްފައިވާ، އެ ބަލި ހުންނަ ކުދިންނާއި މީހުންގެ އަދަދު 546އަށް އަރާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް