2.54 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލައެއްގައި ނިމާލްގެ މައްޗަށް ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ---

ލިކުއިޑޭޓްސް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ނިމާލްގެ އިތުރުން އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި މިންހާޖު ވަހީދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.

ނިމާލް އާއި މިންހާޖްގެ މައްޗަށް ވެސް އުފުލާފައި ވަނީ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ދައުވާއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ނިމާލާއި މިންހާޖު އެ މަގާމުގައި ހުރި މުއްދަތުގެ ތެރޭގައި ފެނަކައާއި ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކެއްގެ ތެރެއިން އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައިނުވަނީ އެ ދެ ބޭފުޅުންގެ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ.

އަދި، ފެނަކައިން އެފަދައިން އަމަލު ކޮށްފައިވަނީ އެކުންފުނިތަކާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައްޔާއި ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވާކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވާ ފަހުން މުދާ ޑެލިވާކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެކަމަށް ބަޔާންކޮށްފައިވަނިކޮށް ކަމަށް ވެސް ދައުވާގައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅި އެ މައްސަލައިގައި އިތުރު ދެ ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދުނެވެ. އެއީ އެ ކުންފުނީގެ ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު އާއި، ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީއާއި, ދައުވާކުރުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ ދައުވާ ނުކޮށް، އެ ދެ ބޭފުޅުންގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް