މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ފުލުހުން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން ފިލްމީ ތަރިން ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް މިއަދު ޝަރީއަތުގައި އިއުތިރާފުވެއްޖެއެވެ.
ވިލިމާލޭން ފުލުހުން މިދިޔަ މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރި ފިލްމީ ތަރިންނަކީ އުމުރުން 29 އަހަރުގެ މުޙައްމަދު ވިޝާލް (ރޯމަން)އާއި އުމުރުން 35 އަހަރުގެ އިސްމާޢީލް ޖުމައިޙް (ޖުމާ)އާއި އުމުރުން 45 އަހަރުގެ އަޙްމަދު އަޒްމީލް (އަޒޭ)އެވެ. ދެން މި މައްސަލައިގައި ހައްޔަރުކުރީ އަޒޭގެ ކޮއްކޮއެއް ކަމަށްވާ އުމުރުން 42 އަހަރުގެ ޝާހިލް މުޙައްމަދެވެ.
އެ ތިން ފިލްމީ ތަރިން ވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ.
އޭގެ ތެރެއިން އަޒޭގެ މައްޗަށް އުފުލީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ރޯމަންގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އެހެންވެ ދައުލަތުން ވަނީ އަޒޭއާއި ރޯމަންގެ މައްސަލަ ޑްރަގު ކޯޓަށް ހުށަހަޅަން ވެގެން، އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާތައް އަނބުރާ ގެންދަން މިއަދުގެ އަޑުއެހުމުގައި އެދިފައެވެ. އަދި މަސްތުވާތަކެތީގެ އިތުރު މައްސަލައެއް ޖުމައިހްގެ މައްޗަށް ހުށަހެޅިފައި ނުވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމައިފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަޒޭގެ ކޮއްކޮ ޝާހިލްގެ މައްޗަށް ތުހުމަތުކުރި މައްސަލައިގެ ތަފުސީލެއް އަދި ނުލިބެއެވެ.
ފުލުހުން އޭރު ބުނި ގޮތުގައި އެ ތިން މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުއްޓެވެ. އަދި އެ ކޮޓަރީގައި ތިން މީހުން ތިބިކަން ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތިން ތަރިންގެ ތެރެއިން އަޒޭއާއި ރޯމަންގެ ހައްޔަރާއި ބަންދު ރެކޯޑު އޮތް ކަން ކޯޓު އަމުރުގައި މީގެ ކުރިން ފާހަގަކޮށްފައި ވެސް ވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެ އެންމެންގެ ތަހުގީގު ފުރިހަމަވެފައިވާތީ މިދިޔަ މަހުގެ 22ވަނަ ދުވަހު އެ އެންމެން ވެސް ވަނީ ދޫކޮށްލައިފައެވެ.