ޝަރުއީ ދާއިރާ ވަނީ ނިޒާމީ ބޮޑު ބަދަލަކަށް މިސްރާބު ޖަހާފައި: އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު ސާތިއު

މިހިނގާ އަހަރަކީ ޝަރުއީ ދާއިރާ ނިޒާމީ ބޮޑު ބަދަލަކަށް މިސްރާބު ޖަހާފައިވާ އަހަރެއް ކަމަށް އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރެއްވުމަށް ޤާނޫނުތަކަށް ބަދަލު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެކަމަށް ޓަކައި އުއްތަމަ ފަނޑިޔާރު ވަނީ ރައީސަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮންމެ އިސްލާހީ ބަދަލެއްގައި ހިފަހައްޓަންޖެހޭ އަސާސީ ހަމަތަކެއް ހުންނާނޭ ކަމަށާއި، މި ހަމަތައް އެންމެ ތިލަކޮށް ސާފްކޮށްދެއްވާފައިވަނީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްތާން މުހައްމަދު ޝަމުސުއްދީން ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލަން ކުރެއްވި އަމުރުފުޅުގައިކަމަށެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ސާތިއު

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފާއިތުވެދިޔަ އަހަރަކީ ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނުވި އަހަރެއް ކަމަށެވެ. ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި މައްސަލަ ހިންގުމާއި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން އިއްވި ހުކުމްތަކަށް އިންގިލާބީ ބަދަލުތަކެއް މަދަނީ އިޖުރާއަތުގެ ގާނޫނުން ގެނެސްފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ އިލްމީ ގާބިލްކަން މަތިކުރުމަށް ޓަކައި ގިނަ ޕްރޮގްރާމްތަކެއް ފާއިތުވެދިޔަ އަހަރު ޖުޑީޝަލް އެކަޑަމީން ކުރިއަށްގެންގޮސްފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ފަނޑިޔާރުންނަކީ ގާނޫނުތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް މަސައްކަތްތައް ބައްޓަންކުރާ ބަޔަކަށް ވުމަށްޓަކައި އެފަދަ ބަދަލުތަކަށް އަހުލުވެރިވެ، ފަރުދީގޮތުން އެކަން ދިރާސާކޮށް ތިމާގެ ނަފްސު އަދާހަމަ ކުރަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ސާތިއު

ގާނޫނީ ނިޒާމު ތަރައްގީވެ ކުރިއަރައިގެން ދާވަރަކަށް އެ ނިޒާމުގެ މަގުސަދު ހާސިލް ކުރެވިގެންދާނީ ގާނޫނުތައް ތަންފީޒު ކުރުމަށް ތިއްބެވި ބޭފުޅުން އެކަމަށް އަހުލުވެރިވެގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވި 17 ފަނޑިޔާރުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ވަނީ މެޑެއްޔާއި، ޝަރަފްގެ މުގުރު އަރުވާފައެވެ. އެ ބޭފުޅުންނަށް މެޑެއްޔާއި ޝަރަފްގެ މުގުރު އެރުވީ އުއްތަމަ ފަނޑިޔާރެވެ.

comment ކޮމެންޓް