ޕާކިސްތާނުގެ ޝަރުއީ ދާއިރާއަށް އަސްކަރިއްޔާއިން ވަންނަ މައްސަލަ ތަހުގީގު ކުރަނީ

ޕާކިސްތާނުގެ ގާނޫނުތަކާބެހޭ ވަޒީރު އަޒާމް ނަޒީރު ތަރާރު -- ފޮޓޯ/އަލް ޖަޒީރާ

ޕާކިސްތާނުން ޝަރުއީ ނިންމުންތަކަށް އެ ގައުމުގެ ބާރުގަދަ ޖާސޫސީ އިދާރާތަކުން ތަދައްޚުލުވެ ބިރުދެއްކި ކަމަށް ހައިކޯޓުގެ ހަ ފަނޑިޔާރަކު ކުރާ ތުހުމަތުތައް ތަހުގީގުކުރުމަށް އިންކުއަރީ ކޮމިޝަނެއް އުފައްދާނެ ކަމަށް އެ ގައުމުގެ ގާނޫނުތަކާބެހޭ ވަޒީރު އަޒާމް ނަޒީރު ތަރާރު ވިދާޅުވެއްޖެއެވެ.

ތަރާރު އެގޮތަށް ވިދާޅުވީ އިސްލާމްއާބާދުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދި، އެކަމާމެދު ގޮތެއް ނިންމީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޕާކިސްތާނުގެ އުއްތަމަފަނޑިޔާރު ގާޒީ ފާއިޒް އީސާއާއެކު ބޭއްވެވި ބައްދަލުވުމަކަށްފަހު ކަމަށް ތާރާރު ވިދާޅުވިއެވެ.

އެ ބައްދަލުވުން ބާއްވައިފައިވަނީ އިސްލާމްއާބާދު ހައިކޯޓުގެ ހަ ފަނޑިޔާރަކު ލިޔުއްވި ސިޓީއެއް އީސާގެ އޮފީހަށް ފޮނުވުމުންނެވެ.

އެގޮތުން ސިޔާސީ މައްސަލަތަކުގައި ފަހި ނިންމުންތައް ހޯދުމަށް އެ ގައުމުގެ އެންމެ އިސް ޖާސޫސީ އިދާރާ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި)އިން ބިރުދައްކަމުން އަންނަ ކަމަށް ފަޑިޔާރުގެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

އެކަމާގުޅިގެން ޕާކިސްތާނުގެ އަސްކްރިއްޔާއިން ވާހަކަދައްކައިފައެއްނުވެއެވެ.

ޕާކިސްތާނުގައި ސަރުކާރުތައް އުފެއްދުމާއި ވައްޓައިލުމުގައި ވެސް އަސްކަރިއްޔާގެ ނުފޫޒު ވަރަށް ބޮޑެވެ. ކުރިން 1947 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަތްދަށުން މިނިވަންވި ފަހުން ޕާކިސްތާނުގައި އަސްކަރީ ވެރިކަން ކުރަމުން އަންނައިރު، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނާއި މިހާރުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވެސް މީގެކުރިން ވެރިކަމުން ދުރުކޮށްފައިވަނީ އަސްކަރިއްޔާގެ ނުފޫޒުން ކަމަށް ތުހުމަތުކުރެއެވެ.

comment ކޮމެންޓް