އުމުރު ދުވަހުން އެއްކުރި ފައިސާ ދަވާލައިފި: އަނެއްކާވެސް ބޮޑު ޕޮންޒީ ސްކީމެއް

ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުލާނު ކޮށްގެން، ދުވާލުދާ ހަތަރު ދަމު ވަޒީފާގައި ތެޅި މަރުވެގެން އެއްކުރެވުނު ފައިސާ އިންވެސްޓް ކުރީއެވެ. އެހާ ދުވަހު ބުރަ މަސައްކަތުން އެއްކުރި ލައްކައެއްހާ ރުފިޔާ، އިންވެސްޓް ކުރަން ހަވާލުކުރީ އިތުބާރު އޮތަތީއެވެ. ކުރިން އިންވެސްޓް ކުރި މީހުން ދިން ޔަގީންކަމާއެކީއެވެ. އުޅެން ޖެހިފައިވާ ދަތި ހާލުން މިންޖުވާން އެދޭތީއެވެ.

އެކަމަކު، ލިބުނީ ފުރަތަމަ ދެތިން ޕޭމަންޓެވެ. ވަކި ހިސާބަކުން ފައިސާ ލިބުން ހުއްޓުނީއެވެ. ކަންބޮޑުވެ، ނުދަންނަ މީހަކާ ހަވާލު ކުރެވުނު ފައިސާއާ މެދު ފިކުރު ކުރެވެން ފެށީ އެ ހިސާބުންނެވެ.

މިއީ ރާއްޖޭގައި ހިންގި ބޮޑު ޕޮންޒީ ސްކީމެއްގެ ވާހަކައެވެ. އެއަށް އެތައް ހާހަކުން އިންވެސްޓް ކުރި ނިކަމެތިންގެ ވާހަކައެވެ. އުމުރު ދުވަހުން އެއްކުރި ފައިސާ އިންވެސްޓް ކުރީ އެތައް ޔަގީންކަމެއް ހޯދައިގެންނެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުކުރާށެވެ. އުންމީދު ކޮށްގެން ތިބީ ފުރަތަމަ ލިބުނު ފަހިކަމާއެކު ފަހުން ވެސް ފައިސާ އަނބުރާ ލިބިދާނެ ކަމަށެވެ.

މިއީ މުނީރު ނަމަކަށް ކިޔާ މީހަކު، މުނީރު އެފްއެކްސްގެ ނަމުގައި ހިންގި "ޓްރޭޑިން" ޕްލެޓްފޯމްގައި އިންވެސްޓް ކުރި މީހުންގެ ވާހަކައެވެ.

"އިންވެސްޓް ކުރީމައި، ފުރަތަމަ ދެ މަހު ގަވާއިދުން ފައިސާ އަނބުރާ ލިބުނު. ފަހުން ލަސްވަމުން، ބަހަނާތައް ގިނަވަމުން ގޮސް މިހާރު ހަތް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެއްވެސް ފައިސާއެއް ނުލިބޭތާ." ސްކީމްގައި ޖެހުނު މީހަކު ކިއައިދިނެވެ.

ހާހެއްހާ މީހުން: ބައެއް މީހުން ލޯނު ނަގައިގެން ވެސް އިންވެސްޓް ކުރި

މި ސްކީމްގައި ހާހެއްހާ މީހުން އިންވެސްޓް ކުރިއެވެ. އެކި މީހުން އެކި އަދަދުތަކުން އިންވެސްޓް ކުރިއިރު، ބައެއް މީހުން ލައްކައިން ވެސް އިންވެސްޓް ކުރިއެވެ. އެއީ، އެ ސްކީމްގައި ފުރަތަމަ އިންވެސްޓް ކުރި މީހުން ދިން އިތުބާރާއި ޔަގީން ކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ދެތިން މަހު ފައިސާ ލިބުނީމައެވެ. އެކަން ރޭވިގެން ކުރާ ގޮތަކީ އެއީއެވެ.

އިންވެސްޓް ކުރިއިރު ފުރަތަމަ އެއްބަސްވީ ދެ ހަފުތާއިން ޕޭމަންޓު ދިނުމަށެވެ. އެކަމަކު، ފަހުން ވަނީ އެ މުއްދަތު 16 ދުވަހަށް އިތުރުކޮށްފައެވެ. އިންވެސްޓް ކުރި މީހުން ބުނާ ގޮތުގައި އެ މުއްދަތު ފަސްކުރަމުން ފަސްކުރަމުން އެންމެ ފަހުން ޕޭމަންޓެއް ލިބުނީ އަހަރެއްހާ ދުވަސް ކުރިންނެވެ.

"މިދިޔަ އަހަރު ސެޕްޓެމްބަރުގެ ފަހުން ނުލިބޭ. 1،200 އެއްހާ އިންވެސްޓަރުން ތިބިއިރު 30 ދުވަހުން ނިމޭނެ ބީއެމްއެލް ކޮންމެ ލިމިޓެއް އޮތަސް. އެ މީހުން އަތުގައި ވެސް ފައިސާ ނެތީމަ ނުދެވެނީ،" ސްކީމްގައި ޖެހުނު މީހަކު ކިއައިދިނެވެ.

އެ މަޅީގައި ޖެހުނު މީހުން ކިޔައިދިން ގޮތުގައި އެކި ފަހަރު ދައްކަނީ އެކި ވާހަކައެވެ. ޔަގީންކަން ދީ، ފައިސާ ލިބޭނެކަމަށް ދައްކަނީ ކުރީގެ އިންވެސްޓަރުންނަށް ދެއްކި ފައިސާއެވެ.

"މިހާރު ހަތް މަހަށްވުރެ ގިނަސް ދުވަސްވީ ބީއެމްއެލް ޓްރާންސްފަ ލިމިޓާ ހެދީއޭ ކިޔަނީ. ފައިސާ އެބަހުއްޓޭ، ބެންކޮކަށް އައިމަ ލިބޭނޭ. މިހާރު މީހުން ފައިސާ ހޯދަން ބެންކޮކަށް ގޮސްގެން ވެސް ނުލިބޭ. ކޮންމެ ކަމަކަށް ވެސް މޮޅު ބަހަނާއެއް ދައްކަނީ،" އެ ސްކީމްގައި ޖެހުނު މީހަކު ބުންޏެވެ.

އެއަށް އިންވެސްޓް ކުރި މީހުންގެ ތެރޭގައި ހިމެނެނީ ނުލިބިދާނެ ކަމަށް ބަލައިގެން ކުދިކުދި އަދަދުތަކުން އިންވެސްޓް ކުރި މީހުންނާއި ފުރަތަމަ ދެ ޕޭމަންޓު ލިބުމުން، ފަހުން ބޮޑެތި އަދަދުތަކުން އިންވެސްޓް ކުރި މީހުންނެވެ. އޭގެ ތެރެއިން ބައެއް އާއިލާތަކަކީ ވަރަށް ނިކަމެތި ހާލުގައި އުޅެމުން އަންނަ މީހުންނެވެ. އެ ސްކީމަށް އިންވެސްޓް ކުރީ ވެސް އެ ހާލަތުން އަރައިގަނެވިދާނެ ކަމުގެ އުންމީދުގައެވެ.

"ފުރަތަމަ ހަވާލުކުރި ފައިސާ ބަރާބަރަށް އަނބުރާ ލިބުނީމައި، ބޭންކުން ލޯނު ނަގައިގެން ބޮޑެތި އަދަދުތަކުން އިންވެސްޓް ކުރީ. އެ ހިސާބަށް ދިޔައިރު މުޅި އެތި މިއޮތީ އަތަށް ގޮވާފައި." އެ ސްކީމަށް އިންވެސްޓް ކުރި މީހަކު ކިއައިދިނެވެ.

އިތުބާރު ހޯދައި، ނިކަމެތި ބައެއްގެ ހާލަތުން މީހަކު ހޯދި ނާޖާއިޒު ފައިދާއެވެ. ދިރިއުޅުމުގެ ހާލަތުން މިންޖުނުވެވިފައި ތިބި އެތައް ބަޔަކު އުމުރު ދުވަހުން އެއްކުރި ފައިސާ ދަވާލި ގޮތެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި، ބިކަވެފައި ތިބި ބައެއްގެ އުންމީދުގެ ހުޅުކޮޅު ނިއްވާލި ޖަރީމާއެވެ. އިންސާނިއްޔަތު ކަމެއް ނެތް ހީލަތެކެވެ.

އެކަމަކު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ސްކީމާ ބެހޭ އެއްވެސް މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައެއް ނުވެއެވެ.

ޝާމިލުވާ މީހެއްގެ ދުލުން: ސީދާ ޕޮންޒީ ސްކީމެއް

މި ނުބައި އޮޅުވާލުމުގައި ޝާމިލުވާ މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ކިއައިދިން ގޮތުގައި މި ކަމަށް އިންވެސްޓް ކުރި މީހުންގެ ފައިސާ ޖަމާކުރީ އޭނާ ހިމެނޭހެން އިތުރު ހަތަރު އެކައުންޓަކަށެވެ. އެ ފައިސާ އިންވެސްޓް ނުކުރާ ކަމަށާއި އެ ޖަރީމާ ހިންގީ ސީދާ ޕޮންޒީ ސްކީމުތައް ހިންގާ އުސޫލުން ކަމަށް އޭނާ އިއުތިރާފުވިއެވެ.

އެކި އިންވެސްޓަރުންނަށް ފައިސާ ޖަމާކުރަން ދެނީ އެކި އެކައުންޓުތަކެވެ. އެއިން އެއްބައި ޖަމާކުރީ އެ މީހުން ހިންގާ ކުންފުންޏެއްގެ އެކައުންޓަށެވެ. އެހެންވެ، އެއީ މި ސްކީމް ހިންގި މީހުން ފައިދާ ނަގަން ގެންގުޅުނު އެކައުންޓު ކަމަށް ތުހުމަތު ކުރެވެއެވެ.

ޕޮންޒީ ސްކީމަކީ ކޮބާ؟

ޕޮންޒީ ސްކީމްތަކަށް، އެ ނަން ދެވުނީ 1920ގެ އަހަރުތަކުގައި އެމެރިކާގެ އެތައް އިންވެސްޓަރުންނަކަށް އޮޅުވާލައިގެން އެތައް މިލިޔަން ޑޮލަރެއް ހޯދި މީހެއް ކަމަށްވާ ޗާލްސް ޕޮންޒީއަށް ނިސްބަތްކޮށެވެ.

އިންވެސްޓަރުންނަށް އާދަޔާ ހިލާފު ބޮޑެތި އަދަދުތަކުން ފައިދާވާ އެފަދަ ސްކީމްތަކުގައި ކުރާ ކަމަކީ ފަހުން އިންވެސްޓްކުރި މީހުންގެ ފައިސާއިން ބައެއް ކުރިން އިންވެސްޓްކުރި މީހުންނަށް ދިނުމެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް އަބަދުވެސް ނަގާނީ އެކަން ފެށި މީހާއެވެ. ޗާލްސް ޕޮންޒީ ހިންގި ޖަރީމާގައި އޭނާއެވެ.

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: --- ސަން ފައިލް ފޮޓޯ

ޕޮންޒީ ސްކީމްތައް ދެނެގަންނާނެ ގޮތް:

  • ކުޑަކުޑަ ރިސްކެއްގައި ނުވަތަ އެއްވެސް ރިސްކެއް ނެތި ބޮޑު ފައިދާއެއް
  • ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ފައިދާއެއް
  • އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީނުކޮށް ހިންގުން

ފުރަތަމަ އިންވެސްޓް ކުރާ މީހުންނަށް ބޮޑެތި އަދަދުތަކުން ފުރަތަމަ ޕޭމަންޓު ލިބުމުން، ދެން އެއަށް އިންވެސްޓް ކުރަނީ ފުރަތަމަ އިންވެސްޓް ކުރި މީހުން ކައިރިން އެ ވާހަކަ އަޑުއަހާ، އެކަން ދެނެގެން އަންނަ މީހުންނެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަނީ އެގޮތަށެވެ. ކުރިން އިންވެސްޓް ކުރި މީހުންނަށް ފައިސާ ދެނީ ފަހުން އަންނަ މީހުން އަތުން ނަގާ ފައިސާއިންނެވެ.

އެ ސްކީމްތައް އަތަށް ގޮވަނީ ބޭނުންވާ ވަރަށް އިންވެސްޓަރުން ނުލިބޭ ހިސާބުންނެވެ. އެ ހިސާބުން އިންވެސްޓަރުންނަށް ދޭނެ ޕޭމަންޓެއް ނެތި، މައްސަލަ ޖެހެނީއެވެ.

ގާނޫނުގައި މިފަދަ ސްކީމްތައް މާނަކޮށްފައިވާ ގޮތް

ރާއްޖޭގައި އޮންނަ އުސޫލަކީ ކަމެއްގެ ފަރުވާއެއް ހޯދާނީ އެކަމެއްގެ ކަންތައްގަނޑު އިންތިހާއަށް ބޮޑުވީމައެވެ. ވެދާނެ ކަމަށް ބަލައި، ކުރިއާލައި ފިޔަވަޅު އެޅުމެއް ނޯވެއެވެ.

މި މައްސަލައަށް ސީދާ އެޑްރެސް ކުރާނެ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ. އެ މާއްދާގައި "ޕިރަމިޑް ސޭލްސް" ސްކީމް މާނަކޮށްފައި ވަނީ މިފަދައިންނެވެ.

ގާނޫނުއަސާސީ --- /ސަން ފައިލް ފޮޓޯ

  • މީހަކު އަގެއް ހުރި އެއްޗެއް ދޫކޮށްލުމުގެ މުގާބިލުގައި، އަގެއް ހުރި އެހެން އެއްޗެއް ލިބިގަތުމުގެ ފުރުސަތު ހޯދުން.
  • މި މާއްދާގެ ހ. ގައިވާ އަމަލު ހިންގަނީ ވީހާވެސް ގިނަ މީހުން އެކަމުގައި ބައިވެރިވުމަށް ހިތްވަރުދެވޭ ގޮތަށް ކަމުގައިވުން.
  • އެކަމަކީ އެ ޕްލޭނުގެ ދަށުން ނުވަތަ މަޝްރޫއުގެ ދަށުން ވިއްކޭ، ނުވަތަ އަލުން ވިއްކުމަށްޓަކައި ބައިވެރިންގެ މެދުގައި ބަހައިލެވޭ މުދަލުގެ އަދަދުގެ ނިސްބަތަށް އެކަނި ބުރަވެފައި އޮންނަ ޕްލޭނަކަށް ނުވަތަ މަޝްރޫއަކަށް ނުވުން.

މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާއި އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ. އެކަމަކު، ގާނޫނީ ވަކީލުންގެ ނަޒަރުގައި މި ހުރިހާ ސިފައެއް ނެތި، އެފަދަ ސްކީމެއް ހިންގުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ނަމަވެސް މިފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ސާބިތު ކުރާއިރު، މި މާއްދާއަށް ފެއްތުމަކީ ވެސް އުނދަގޫ ކަމެކެވެ. އެއީ، މި މާއްދާގެ ހަނި ކަމުންނެވެ. އެހެންވެ، މި ފަދަ ބޮޑެތި މައްސަލަތަކަށް އެންމެ އެކަށޭނެ އަދަބު ދިނުމަށް ގޮންޖެހުންތައް ކުރިމަތިވެއެވެ. ކުރަން ޖެހޭ ދައުވާ ލުއިވެ، އަދަބު ވެސް ލުއިވެއެވެ.

comment ކޮމެންޓް