ނަޝީދުގެ މެންބަރުން ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވަޑައެއް ނުގަތް

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިހާރު ކުރިއަށްދާ ޖަލްސާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެޕާޓީގެ މެންބަރުން ހާޒިރުނުވާކަން އެނގިއްޖެއެވެ.

މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވުމަށް މިއަދު ހެނދުނު ފެށި ޖަލްސާއަށް އެމްޑީޕީގެ ނަޝީދަށް ތާއީދުކުރައްވާ އެއްވެސް މެންބަރަކު ވަޑައެއް ނުގަންނަވައެވެ.

ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ. އެކަމަކު، އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފުސީލެއް އެ މެންބަރުން ދެއްވައިފައެއް ނުވެއެވެ.

އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މިއަދުގެ ޖަލްސާ ބޮއިކަޓު ކޮށްފައިވާއިރު، މިދިޔަ މަހު 28ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެވަޑައިގަތުމަށް ފަހުގައި ވެސް އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައިފައެވެ.

އެ ޕާޓީގެ ޕްރައިމަރީ، ރައީސް ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ.

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު މަސައްކަތް ކުރައްވާނީ ޕާޓީގައި ގޮތްޕެއް އުފައްދާށެވެ. އަދި، އެ ގޮފިތަކަށް 50،000 މެންބަރުން ހަމަކޮށް، އެ ގޮފިން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓެއް ފަހުން ކަނޑައެޅުމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސަށް ތާއީދުނުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް