އެމްޑީޕީ ޕްރައިމަރީގެ ބޮޑު މަންޒަރު: އާންމު އިންތިޚާބަށް ބައްޔެއް

ޖޯޝެއް ނެތެވެ. ފޯރިއެއް ނެތެވެ. އޮތީ އަރާރުމާއި ތަޅާފޮޅުމެވެ. އެކު އޮތް އެމްޑީޕީއަށް ޕްރައިމަރީން ލިބުނީ ނާކާމިޔާބެކެވެ. އެއީ، ހިސާބު އަދަދުތައް ދައްކާ ބޮޑު މަންޒަރެވެ. ކަން މިއޮތްގޮތުން ކުރިއަށް އޮތް އާންމު އިންތިޚާބު އެ ޕާޓީއަށް މާ އުނދަގޫ ވާނެއެވެ.

އިއްޔެ ދެއްކީ ބައިބައިވުން ބޮޑުކަމާއި އެތެރޭ ވާދައިގެ ފިތުނައިގައި ޕާޓީ ޖެހިފައި އޮތް މިންވަރެވެ. އެކު ނުވެވޭ ވަރަށް ރުޅިވެފައި އޮތް ތަނެވެ.

އަދަދުތަކުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރީގައި އުޅުއްވި ނަމަވެސް، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަކީ އަދިވެސް އެމްޑީޕީގައި ބަސްވިކޭ ބޭފުޅެއްކަން ސާފުވިއެވެ. އެހެންވެ، އެކު ނުވެވޭ ވަރަށް ރުޅި ހަދާފައިތިބި އެ ޕާޓީގެ މެންބަރުންނަށް އޮތީ ދަތި ދުވަސްތަކެކެވެ. އަދަދުތަކުން ފެނިގެން ދިޔައީ އާންމު އިންތިޚާބު އުނދަގޫވާނެ ކަމެވެ.

ވޯޓުލާން ނުކުތް، އެކަމަކު ޔަގީންކަން ގެއްލިއްޖެ

ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް މި އިންތިޚާބުގައި 24،000އަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވިއެވެ. ދެން ވާދަކުރެއްވި ނަޝީދު 15،000އަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވިއެވެ. އެހެންވެ، އެ އަދަދު އެއް ނުވެއްޖެ ނަމަ، އާންމު އިންތިޚާބުގައި މިއީ ނުރައްކަލެކެވެ. އެމްޑީޕީއަށް ބައްޔެކެވެ.

އެޕާޓީގެ 57،255 މެންބަރުންނަށް ވޯޓުލެވޭ އިންތިޚާބުގައި ވޯޓުލާން ނުކުތީ 40،000 އެއްހާ މެންބަރުންނެވެ. މިއީ އެތެރޭ އިންތިޚާބަކާ ބަލާއިރު ގޯސް އަދަދެއް ކަމަށް އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ގަބޫލެއް ނުކުރައްވައެވެ.

"މިއީ މީގެ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު ވެސް ރަނގަޅު އަދަދެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. 70 ޕަސެންޓް ވޯޓުލާން ނުކުތް." އޭނާ ވިދާޅުވިއެވެ.

ރިސޯޓުތަކާއި ސިނާއީ ރަށްރަށުގައި ތިބި މެންބަރުންނާއި ރަށާއި މާދުރު ހިސާބުތަކުގައި ތިބި މެންބަރުންނާއެކު ވޯޓުނުލާ މީހުންގެ އަދަދު ގިނަ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ. އެތެރޭ އިންތިޚާބުތަކުގެ މާޒީއާ ބަލާއިރު މިއީ ދެރަ އަދަދެއް ނޫނެވެ.

އެމްޑީޕީގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ވޯޓް ފޮށިތައް މަރުކަޒުތަކަށް ވައްދަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

އެކަމަކު މި އިންތިޚާބު އެމްޑީޕީއަށް ބައްޔަކަށް ވަނީ ދެ ކެންޑިޑޭޓުން އެކަތިވާ މަންޒަރު ފެންނާން ނެތީމައެވެ.

ޕްރައިމަރީގެ ނަތީޖާ އިއުލާނު ކުރުމާއެކު ބަލިގަބޫލުކުރެއްވުމުގެ ބަދަލުގައި ނަޝީދު ކުރެއްވީ ވޯޓު އޮޅުވާލިކަމުގެ ތުހުމަތެވެ. ގިނަ ވޯޓު ފޮށިތަކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށާއި ޖުމުލަ އަދަދަށްވުރެ ގިނަ ވޯޓު ބައެއް ފޮށިތަކަށް އަޅާފައިވާ ކަމަށް ތުހުމަތު ކުރައްވާ އެމަނިކުފާނު ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވައިފައެވެ.

"ވަރަށް ގިނަ ވޯޓު ފޮށިތައް ބާތިލު. ވޯޓު ނަތީޖާ ޝީޓުގައި އެއް ފޮއްޓަށް ވޯޓު ހައްގުވާ އަދަދަށް ކަމަށް ޖަހާފައި އޮންނަ އަދަދަށްވުރެ ގިނަ ވޯޓު، ފޮށީގައި ހުރެގެން ނުވާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ނުފޫޒެއް އެބައޮތް؛ މޮޅެއް ގެއްލުމަށް ބަދަލުވާ ހިސާބު

ހަރުދަނާ ކަމާއެކު، ޖޯޝާ ފޯރީގައި ކުރިއަށް ދިޔަނަމަ މި ނަތީޖާ ވާނީ މޮޅަކަށެވެ. އެކަމަކު، ގަޑުބަޑުވެ، ތުހުމަތުތައް ވީ އިތުރެވެ. ހަތުރުންނަށް ވި ދެ އެކުވެރިން އެކަތިވާން އޮތް ހަމައެކަނި ޕްރައިމަރީން ވެސް އެކަން ވެދާނެ މަންޒަރެއް ނުފެނުނެވެ.

މި އިންތިޚާބަށް ރައީސް ޞާލިހް ނުކުންނެވީ ވެރިކަމުގައި ހުންނަވައިގެންނެވެ. ވެރިކަމުގެ ބާރުވެރިކަމާއި ނުފޫޒާއެކު ނުކުންނެވި ރައީސާ ވާދަކުރައްވާ 15،000 އަށްވުރެ ގިނަ ވޯޓު ހޯއްދެވުމުން ފެނިގެންދަނީ ނަޝީދުގެ ނުފޫޒު އަދިވެސް އެޕާޓީ ތެރޭގައި އޮތް ކަމެވެ. އެމަނިކުފާނުގެ ބަސް ގަބޫލުކުރާ ބަޔަކު އަދިވެސް އެޕާޓީގައި ތިބި ކަމެވެ. ރައީސް ޞާލިހް ކަމުނުދާ ބަޔަކު ޕާޓީގައި ތިބި ކަމެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ގަބޫލުކުރައްވާ ގޮތުގައި އެއީ އާންމު އިންތިޚާބަށް ނުކުންނައިރު ވަރަށް މުހިއްމު ކަމެކެވެ.

ޕާޓީގެ 57،000 މެންބަރުންގެ ތެރެއިން 70 އިންސައްތަ މެންބަރުން ވޯޓުލާން ނުކުތްއިރު ރައީސަށް ކާމިޔާބު ކުރެއްވުނީ އޭގެ ތެރެއިން 60 އިންސައްތައެވެ. އިބުރާ ގަބޫލުކުރައްވާ ގޮތުގައި އެހެންވެ، މި ނަތީޖާއަށް ބަލާފައި އާންމު އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ މުހިއްމު ކަމަކީ ޕާޓީ ކާމިޔާބު ކުރުމެވެ.

"ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް 140،000 އެއްހާ ވޯޓު ބޭނުންވާނެ. އެހެންވީމަ އޭގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް." އޭނާ ވިދާޅުވިއެވެ.

އާންމު އިންތިޚާބަށް ނުކުންނައިރު މުޅި ޕާޓީ އެއްކޮށް އޮތުން މުހިއްމީ އެހެންވެއެވެ. ދެ ރައީސުންގެ ވާދަވެރިކަމުގައި އުފެދުނު ފިތުނައިގައި އެޕާޓީގެ އާންމު މެންބަރުން ވެސް ތިބީ ޖެހިފައެވެ. ދެ ރައީސުންގެ ސަޕޯޓަރުންގެ ހިތުގައިވެސް ވާދަވެރިޔާއަށް އޮތީ ނަފުރަތެވެ. އާންމު އިންތިޚާބުގައި މި ނަތީޖާ ބައްޔަކަށް ވާނީ އެހެންވެއެވެ.

ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ، ރައީސާއެކުގައި ކުރިއަށް ދިއުމަކީ އޮތް 'ޗޮއިސް'އެއް ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވައެވެ. އަދި، މި ސަރުކާރުގެ ނަތީޖާއަށް ބަލާފައި، ރައީސާ އެކުގައި ސިޔާސީ މަސައްކަތް ކުރެއްވިދާނެ ކަމަކަށް ވެސް އެމަނިކުފާނު ގަބޫލެއްނުކުރައްވައެވެ.

"ރައީސް [ނަޝީދު]، އިބްރާހިމް މުހައްމަދު ޞާލިހާއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެއްވޭ. އެ ވިސްނުމެއް އެމަނިކުފާނު ނުވެސް ގެންގުޅުއްވާ. އެއީ ޕާޓީގެ މެންބަރުން އެދޭ ގޮތެއް ވެސް ނޫން، މިއީ ގަޑުބަޑުކޮށްފައި އޮތް އިންތިޚާބެއް." ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

އެހެންވެ، އެމަނިކުފާނު ދެކޮޅަށް ނުކުންނަވައިފި ނަމަ، އާންމު އިންތިޚާބުގައި ރައީސް ޞާލިހަށް މޮޅެއް ނެތެވެ. މި އިންތިޚާބުގެ ނަތީޖާއިން ސާފުވާ މަންޒަރަކީ އެއީއެވެ. އެކުގައި ދިއުން ނޫން ގޮތެއް އެމްޑީޕީއަށް ނެތް ކަމެވެ. އެކަމަކު، އެކަން ވާ މަންޒަރެއް ނުފެނެއެވެ.

މާޒީގެ ނަތީޖާތަކުން ބަލާއިރު އުންމީދު ކުޑަ އަދަދުތަކެއް

އަންނަ ރިޔާސީ އިންތިޚާބުގައި 250،000 އެއްހާ މީހުން ވޯޓުލާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެން ވެއްޖެއްޔާ ކޯލިޝަނަކައިނުލާ ވެރިކަމަށް ވަޑައިގަތުމަށް 130،000 އަށްވުރެ ގިނަ ވޯޓު ކޮންމެހެން ވެސް ބޭނުންވާނެއެވެ. މިއަދު ލިބިވަޑައިގަތް 25،000 ވޯޓާއެކު ރައީސް ޞާލިހަށް އަދި އިތުރު 100،000 ވޯޓު އާންމު އިންތިޚާބަށް ބޭނުންވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް/ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް -- ފޮޓޯ: ރައީސް އޮފީސް

ނަޝީދު ދެކޮޅަށް ނުކުންނަވައިފި ނަމަ، އެ އަދަދު ހަމަ ކުރެއްވުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެކަން ކުރައްވަން ރައީސް ޞާލިހް ގެންގުޅުއްވަނީ އެންމެ ފޯމިއުލާއެކެވެ. އެކަމަކު، އެ ކާމިޔާބީއާ ގުޅިފައި އޮތީ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދެވުމެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ޕާޓީއަކީ އިދިކޮޅު ޕީޕީއެމެވެ. ބަދަހިކަމާއެކު އޮވެ، އެޕާޓީން ފުރަތަމަ ބުރުގައި ހެޔޮވަރު އަދަދެއް ހޯދާނެ ކަމަށް ލަފާ ކުރެވެއެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެޕާޓީން 96،000 ވޯޓު ހޯދީ އެކަނި ތިބެއެވެ.

ރައީސާއެކު ކޯލިޝަން ހަދަން ހުރި ޕާޓީތަކަށްބަލާއިރު، ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައެވެ. އެޕާޓީން ވެސް ފުރަތަމަ ބުރުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ލަފާ ކުރެވެއެވެ. ދެން އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވެސް ވަނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ފުރަތަމަ ބުރުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.

ސަރުކާރާއެކު އޮތް އަދާލާތު ޕާޓީއާއެކު އާންމު އިންތިޚާބަށް ނުކުތް ނަމަވެސް، ރައީސަށް ގެއްލުންވާ ހިސާބަކީ މިއީއެވެ. އެމްއެންޕީއާއި ޖުމްހޫރީ ޕާޓީން ވެސް ތިބީ ރައީސާއެކު ކުރިއަަށްދާން ނިންމައިގެނެއް ނޫނެވެ. ރައީސާ ގުޅުމުގެ ފުރުސަތު އޮތް ވަރަށް، އެ ދެ ޕާޓީ އިދިކޮޅާއެކު ވަޑައިގަތުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި ކޮންމެ ޕާޓީއަކާ އެކުގައި ވެސް އެޕާޓީން މަސައްކަތް ކުރާނެއެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި އިދިކޮޅު ޕީޕީއެމާއެކުގައި ސިޔާސީ މަސައްކަތް ކުރުމަކީ ނުކުރާނެ ކަމެއް ނޫނެވެ.

"ސިޔާސީ ގޮތުން މަސައްކަތް ނުކުރެވޭނެ ބައެއް ނޯންނާނެ. ސިޔާސީ ޕާޓީތަކަކީ ކޮންމެ ބަޔަކާ އެއްކޮށް ވެސް މަސައްކަތް ކުރެވޭނެ ބައެއް." އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ވިސްނުމަކީ ވެސް އެއީއެވެ. ރައީސް ޞާލިހެކޭ އެއްފަދައިން ސިޔާސީ މަޝްވަރާ ކުރައްވަން އެއްވަރުގެ ފުރުސަތެއް ޕީޕީއެމަށް ވެސް އެބައޮތެވެ. ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވި ފާއިތުވި އިންތިޚާބުތަކުގައި ވެސް އެޕާޓީން ދެއްކީ އެ ނަމޫނާއެވެ. ސިޔާސީ މަޝްވަރާ ކުރައްވާނީ ވަކި ޕާޓީއަކާއެކު ނުވަތަ ވަކި ލީޑަރަކާއެކު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީ އޭރުވެސް، ކޮންމެ ފަހަރަކުވެސް މަޝްވަރާގެ ރިވެތި އުސޫލަށް އަބަދުވެސް ފުރުސަތު ދޭނެ. އޮނަރަބަލް ގާސިމް އިބްރާހިމަކީ މަޝްވަރާ ކުރައްވާ ބޭފުޅެއް. އެހެންވީމާ ކޮންމެ ބަޔަކަށް ވެސް އެ ފުރުސަތު އޮންނާނެ." އަލީ ޞާލިހް ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބު ކުރައްވަން ރައީސް ޞާލިހް ގެންގުޅުއްވާ ކޯލިޝަންގެ ފޯމިއުލާ ދިމާކުރަން ފުރަތަމަ ބުރުގެ ނަތީޖާ މުހިއްމު ވަނީ އެހެންވެއެވެ. ދެވަނަ ބުރެއްގައި އިއްތިހާދެއް ހަދަން މުހިއްމީ ފުރަތަމަ ބުރުގެ ނަތީޖާއެވެ. މި ޕްރައިމަރީގެ 25،000 ގެއްލުމަކަށް ވަނީ އެހިސާބުންނެވެ. ފުރަތަމަ ބުރެއްގައި ފޮނި ނަތީޖާއެއް ނުހޯދިއްޖެ ނަމަ، ކޯލިޝަންގެ ބައިވެރިން އިދިކޮޅު ޕީޕީއެމާ ގުޅުމަކީ ގާތް ކަމެކެވެ.

މިއަދުގެ ނަތީޖާއާއެކު ސާފުވީ އެ މަންޒަރެވެ. ރައީސް ޞާލިހަށް އެކަނި އެމްޑީޕީއާއެކު ކުރިއަށް ދެވެން ނެތް ކަމެވެ. ކުރިއަށްދާން ނަޝީދު އަދިވެސް މުހިއްމު ކަމެވެ.

ރިޔާސީ ޓިކެޓް ލިބުމަށް ފަހުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ވެސް އެކަމަށް ކަމަށް ބެލެވެއެވެ. އެއީ، އެމަނިކުފާނާ ދެކޮޅަށް ނަޝީދު ނުކުންނަވައިފި ނަމަ، ޕާޓީ ދެކަފިވެ، ކޯލިޝަނެއްގެ ކަޅި އަމާޒުވާހާ ވޯޓު ނުލިބިދާނެތީއެވެ. ގިނިކަންޏާ އެވަރުގެ ތާއީދެއް ނުހޯއްދެވިދާނެތީއެވެ. ކުރިއަށް އޮތް ހަފްތާތަކުގައި ދެ ރައީސުންނަށް އެކުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯއްދަވަން ރައީސް ޞާލިހް މަސައްކަތް ކުރައްވާނެއެވެ.

މިހާރު އެހުންނެވި ވިސްނުންފުޅުގައި މި ވެރިކަން ބަދަލުކުރަން، ނަޝީދު ކުރިއަށް ވަޑައިގެންފިނަމަ، އޭގެ ގެއްލުން ރައީސަށް ބޮޑު ވާނެއެވެ.

އެހެންވެ، ކޯލިޝަނަށްވުރެ ބޮޑަށް އާންމު އިންތިޚާބަށް، ނަޝީދު ރުއްސުން ރައީސަށް މާ މުހިއްމެވެ. އެކަން ކުރައްވަން އެމަނިކުފާނު މަސައްކަތް ކުރައްވާނެއެވެ. މި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކުރިމަގު ބިނާވާނީ އެކަމުގައި ނަޝީދު ނިންމަވާ ނިންމެވުމެއްގެ މައްޗަށެވެ.

comment ކޮމެންޓް