އަންނަ ހަފުތާގައި ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅަނީ

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރަން ބޭއްވި ހަވާލޭ ވަތަން ޖަލްސާގައި ރައީސް ޔާމީން --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފެށޭ ހަފުތާގެ ތެރޭގައި ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ފެށޭ ހަފުތާގައި ހުށަހެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްސަލައިގެ ތަފުސީލީ ރިޕޯޓުތަކާއި މަހުޟަރު ބަޔާންތައް އިދިކޮޅަށް ދީފައިވާއިރު އެ ރިޕޯޓުތަކަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި އެ ރިޕޯޓުތަކާއި ބަޔާންތައް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހުނު ކަމަށެވެ.

"އެއީ ވަރަށް އާދަޔާ ޚިލާފަށް ނިންމާފައިވާ ރިޕޯޓެއް. މި ރިޕޯޓު ވަރަށް ރަނގަޅަށް ދިރާސާ ކޮށްފަ، އޭގަ ހުރި ކަންތައްތަކާ އެކީގައި އިސްތިއުނާފަށް ހުށަހެޅިގެންދާނީ. އެ މަސައްކަތް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި. ފެށޭ ހަފުތާގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް މި އުއްމީދު ކުރަނީ،" ޖަމީލް ވިދާޅުވިއެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ދިފާއަށް 60 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު އެ މުއްދަތް ހަމަވާން އަދި ކައިރިވެސް ނުވެއެވެ. ނަމަވެސް އިސްތިއުނާފު ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީއެވެ.

ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުވެސް ހައިކޯޓުން ނިމުނީ އަހަރެއްހާ ދުވަހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގެ ކުރިން މި މައްސަލައިގެ އިސްތިއުނާފު ނުނިމިދާނެ ކަމުގެ ބިރު ބޮޑެވެ.

comment ކޮމެންޓް