ނަޝީދަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި، ސިރާޖް ރައީސް ޞާލިޙްގެ ފަޅިއަށް

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު -- ފޮޓޯ/ މަޖިލިސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވުމަށް ފަހު ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

އެކަން ހާމަކޮށް ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާ އެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމެވީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސިރާޖު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ޕްރައިމަރީއަށް ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙް ގެންދަވަނީ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތުތަކާއި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

comment ކޮމެންޓް