ސޮނީން މާލޭގައި އެޑިޑާސްގެ ފިހާރައެއް ހުޅުވައިފި

އެޑިޑާސްގެ އައު ފިހާރަ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މަޝްހޫރު ސްޕޯޓްސް ބްރޭންޑު، އެޑިޑާސްގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ. ސޮނީ ސްޕޯޓްސް އިން ހުޅުވި މި ފިހާރަ ހުންނަނީ ޗާންދަނީ މަގުގައެވެ.

އެޑިޑާސްގެ ފިހާރަ ރޭ ހުޅުވިއިރު، އެތަނަށް ވަރަށް ބޮޑު ތަރުުޙީބެއް ވަނީ ލިބިފައެވެ. އެތަން ހުޅުވުމާއެކު، އެފިހާރަ ބަލާލުމަށާއި އެކި ތަކެތި ގަތުމަށް ގިނަ ފަރާތްތަކެއް ވަނީ ޒިޔާރަތްކޮށްފައެވެ.

އެޑިޑާސް ފިހާރައިން އެ ބްރޭންޑުގެ ބޫޓާއި، ޖާޒީ، ކީޕަރު އަންގި އަދި އެނޫންވެސް ސްޕޯޓްސް އަދި ކެޝުއަލް ތަކެތި ލިބޭނެއެވެ.

މި ފިހާރައިން ފެނުނު އެންމެ ޚާއްސަ ކަމަކީ، ނިމިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާގެ ކެޕްޓަން، ލިއޮނެލް މެސީގެ ކޯނަރުތައް އެ ފިހާރައިގައި ހުރުމެވެ. އެ ކޮންމެ ކޯނަރަކުންވެސް އާންމުންނަށް ދެނީ ވަރުގަދަ މެސެޖުތަކެކެވެ.

އެޑިޑާސްގެ ފިހާރައިގައި ހުރި މެސީގެ ކޯނަރެއް. ކޮންމެ ކޯނަރަކުން ވެސް ދެނީ ވަރުގަދަ މެސެޖެއް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މާލޭގައި ސޮނީ ސްޕޯޓްސް އިން ގާއިމް ކުރި އެޑިޑާސް ސްޓޯ ހުންނަނީ ޗާންދަނީ މަގުގައި ކުރީގެ ސޮނީ ސްޕޯޓްސްގެ ފިހާރަ ހުރި ތަނުގައެވެ. އެ ފިހާރަ ބަންދުކޮށް އެފިހާރައިން ލިބޭ ޚިދުމަތްތައް އަމީނީމަގު ގައި ހުންނަ ސޮނީ ސްޕޯޓްސްއަށް ބަދަލުކުރީ މިދިޔަ އަހަރުއެވެ. އެތަން ބަންދުކުރިއިރު، މާ ޝައުގުވެރި ތަނެއް އެފިހާރަ ހުރި ތަނަށް އަންނާނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ.

ސޮނީ ސްޕޯޓްސް އަކީ އެޑިޑާސް، ނައިކް ފަދަ ބޮޑެތި ބްރޭންޑްތަކުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެވެ. އެކުންފުނިން ދާދި ފަހުން މާލޭގައި ވަނީ ނައިކް ބްރޭންޑުގެ އައުޓްލެޓެއް ވެސް މަޖީދީ މަގުގައި ހުޅުވިއެވެ. ސޮނީ ސްޕޯޓްސް އަކީ އާންމުންގެ އިތުބާރު ލިބިފައިވާ ތަނެކެވެ.

comment ކޮމެންޓް