މިނީ ބަހުގެ ހިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދަށަށް

މާލޭ މަގުމަތި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ތެރޭގައި މިނީ ބަހުގެ ހިދުމަތް ފެށިފަހުން ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެމީހުން ބުނެފިއެވެ.

މިއަދު "ސަން" އާ ވާހަކަދެއްކި ބައެއް ޓެކްސީ ޑްރައިވަރުން ބުނި ގޮތުގައި މިނީ ބަހުގެ ދަތުރުތައް ކުރަން ފެށި ފަހުން އެމީހުންގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި، ބައެއް ޓެކްސީ ޑްރައިވަރުންނަކީ އެކަމުން ލިބޭ އާމްދަނީއަށް ބަރޯސާ ވެގެން އުޅޭ މީހުން ކަމަށާއި އެހެންވެ، އެކަމުގެ ނޭދެވޭ އަސަރު އެމީހުންގެ ދިރިއުޅުމަށް ވެސް ކޮށްފައިވާ ކަމަށެވެ.

މިނީ ބަހުގެ ދަތުރުތައް މާލޭގައި ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

https://sun.mv/167880

އެ ޚިދުމަތް އެންމެ ފުރަތަމަ ފަށުމުގެ ކުރިން ޓެކްސީ ޑްރައިވަރުން ވަނީ މިނީ ބަސް ދަތުރުތަކާއެކު ޓެކްސީ ޑްރައިވަރުންނަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށްވުރެ އޭރުން ލިބޭ އާމްދަނީ މަދުވާނެ ކަމަށް ވެސް އެމީހުން ވަނީ އަންދާޒާކޮށްފައެވެ.

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

އޭރު ޓެކްސީ ޑްރައިވަރުން ބުނަމުން ދިޔައީ މިނީ ބަހުގެ ދަތުރުތައް ފެށުމަށް ތާއީދު ކުރާ ކަމަށެވެ.

އެކަމަކު، ޓެކްސީ ދުއްވާ ބައެއް މީހުން ކުރާ މަސައްކަތްތަކީ ވެސް ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް އެމީހުން ބުންޏެވެ. އެހެންވެ، ޓެކްސީ ދުއްވާ މީހުންގެ އާމްދަނީއަށް އަސަރު ނުކުރާނެ ގޮތަކަށް އަގުތައް ކަނޑައަޅައިދިނުމަށް ވެސް އޭރު ޓެކްސީ ޑްރައިވަރުން ވަނީ ގޮވާލައިފައެވެ.

https://sun.mv/167461

"މިނީ ބަހަކީ ދޭން ޖެހޭ ޚިދުމަތެއް. އެކަމާ ޝަކުވާއެއް ނެތް. އެކަމު ކުރީގަ ދުވާލެއްގެ މައްޗަށް 1100 ރުފިޔާ ލިބެންޏާ މިހާރު ދުވާލެއްގެ މައްޗަށް ލިބެނީ 700 ރުފިޔާ ވަރު. އެއީ ބޮޑު ވެއްޓުމެއް. ދަތުރުތައް މަދުވެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެއްޖެ،" ޓެކްސީ ޑްރައިވަރު ހަސަން ފާއިޒް ބުންޏެވެ.

މާލޭގައި މިނީ ބަހެއް ދުއްވާފައި ދަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ބައެއް ޓެކްސީ ޑްރައިވަރުން ބުނި ގޮތުގައި މިނީ ބަހުގެ ދަތުރުތައް ފެށުމާއެކު މާލޭގެ މަގުތައް އޮންނަ ގޮތުން ވެސް ދަތިތަކާ ކުރިމަތިވެއެވެ.

އެގޮތުން މާލޭގެ މަގުތަކަކީ ބާރު ބޮޑު މަގުތަކަކަށް ވެފައި ކުރިންވެސް ޓްރެފިކް ބޮޑު ތަނަކަށް މާލެ ވާއިރު މިހާރު މިނީ ބަހުގެ ދަތުރުތައް ފެށި ފަހުން އެކަން އިތުރުވެފައިވާ ކަމަށް ޓެކްސީ ޑްރައިވަރުން ގަބޫލުކުރެއެވެ.

އަދި، ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ޕެޓްރޯލްގެ އަގުވެސް އިންތިހާއަށް ބޮޑުކަން ޑްރައިވަރުން ފާހަގަކުރިއެވެ. އެމީހުން ބުނާ ގޮތުގައި އެއީ ވެސް މިހާރު ކުރިމަތިވާ އިތުރު އުނދަގުލެކެވެ.

މިނީ ބަހުގެ ޚިދުމަތް ފެށިފަހުން ލިބޭ އާމްދަނީ ދަށްވެފައިވާއިރު ޕެޓްރޯލަށް ކުރަން ޖެހޭ ޚަރަދު ވެސް ބޮޑުކަމަށް އެމީހުން ބުންޏެވެ.

"ކުރީގަ ލިބޭ އާމްދަނީ މިހާރު ވަނީ ދަށްވެފަ. އަނެއްކާ 100- ރުފިޔާ ވަރު ދުވާލެއްގެ މައްޗަށް ލިބިގެން 300 ރުފިޔާ ވަރު ޕެޓްރޯލަށް ހޭދަކުރަން ޖެހޭ. ގެއަށް ގެންދަން ލިބޭނީ 700 ރުފިޔާ ނޫނީ 500 ރުފިޔާ. އެއީ މުޅި ދުވަސް އެއްކޮށް ހޭދަކޮށްގެން ވާވަރު،" ޓެކްސީ ޑްރައިވަރު އަބްދުﷲ ރަޝީދު ބުންޏެވެ.

މިނީ ބަސް --- ސަންފޮޓޯ/ ނާއިލް ހުސައިން

ޓެކްސީ ޑްރައިވަރުން ބުނި ގޮތުގައި މިހާރު ސަރުކާރުން ބަހުގެ ހިދުމަތް ދެމުން ގެންދަނީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނެވެ. އަދި އެކަން ކުރަނީ ސަރުކާރަށް އާމްދަނީ އިތުރުކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެމީހުން ތުހުމަތު ކުރެއެވެ.

"މާލެ ތެރޭގަ ދުއްވަން އެހާ އުނދަގޫ. ހަދާފަ އޮންނަ ގަވާއިދުތަކާ އަނެއްކަ މިނީ ބަހުގެ ދަތުރުތަކާ ހެދި. ބޭރު މަގުގައި އެކަނި ދުއްވެނީ، އޭގެ ސަބަބުން ވެސް ދަތުރުތައް މަދުވޭ. ކުރިން ލިބޭ އާމްދަނީއާ ބަލާފަ 30 - 50 ޕަސަންޓް ވަނީ ދަށަށް ގޮސްފައި،" ޓެކްސީ ޑްރައިވަރު އަބްދުލް ހާދީ ބުންޏެވެ.

މާލޭގައި މިނީ ބަހެއް ދުއްވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

މިނީ ބަހުގެ ދަތުރުތައް ކޮށް އެ ޚިދުމަތް ރައްޔިތުންނަށް ދިން ނަމަވެސް ޓެކްސީ ޑްރައިވަރުންނަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ބަލައި އަގުތައް ކަނޑައެޅުމަށް ވެސް އެ މީހުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ދަތުރަކަށް ހަތް ރުފިޔާ ނަގައިގެން މިނީ ބަހުގެ ދަތުރުތައް ކުރާއިރު އެމްޓީސީސީން ބުނި ގޮތުގައި ބަސް ދަތުރުތަކަށް އާއްމުންގެ ފަރާތުން ލިބޭ ތަރުޚީބު ބޮޑެވެ.

comment ކޮމެންޓް