ޓެކްސީ ކުރުން ހުޅުމާލެއަށް، މާލެއިން ޓެކްސީ ހޯދުން ތަކުލީފަކަށް

މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ޓެކްސީ ކުރާ ކާރުތައް މަދުވެ، ޓެސްކީގެ ޚިދުމަތް މާލެއިން ހޯދުން ރައްޔިތުންނަށް ތަކުލީފަކަށް ވެއްޖެއެވެ.

ޓެކްސީ ޑްރައިވަރުން މިހާރު ގިނަ ދަތުރުތައް ނަގަނީ ހުޅުމާލެއިންނެވެ. ހުޅުމާލެއިން ޓެކްސީ ދަތުރުތައް ހޯދަން ފަސޭހަކަމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ.

މާލެއިން ކާރު ހޯދަން ދަތިވެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ. އެގޮތުން މީހަކު ހިއްސާކޮށްފައި ވާގޮތުގައި އަވަސް ރައިޑުން ވެސް ދަތުރު ނަގަނީ ގިނަ ފަހަރު ހުޅުމާލެއަށް ދާނަމައެވެ. ބައެއް މީހުންނަށް ގަޑިއިރެއް ވަންދެއް ވެސް މަގުމަތިން ކާރު ހޯދަން މަސައްކަތްކޮށް ނުލިބިގެން އެ ވާހަކަ ހިއްސާކޮށްފައި އެބަހުއްޓެވެ.

"އަޅުގަނޑު އަވަސް ރައިޑަށް ރިކުއެސްޓު ކޮށްގެން މަޖީދީ މަގުގައި ހުރިން 45 މިނެޓު ވަންދެއް. ހަތަރު ޓެކްސީ މަޑުކުރި ކޮންތާކަށް ތޯ ދަނީ އަހަން. އޭޑީކޭއަށޭ ބުނީމަ ބުނަނީ މިދަނީ ހުޅުމާލެ އަށް ދާށޭ، ނުގެންދެވޭނެއޭ،" މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން ޓެކްސީ ޑިރައިވަރުންގެ ޚިޔާލު ތަފާތެވެ. އެ މީހުން ބުނާ ގޮތުގައި މާލޭ މަގުތަކުގައި ދުއްވަން އުނދަގޫ ވެފައި، ގިނަ އިރުވެއެވެ. އަދި މާލޭގައި ޕާކު ކުރާނެ ޖާގަ ނެތުމަކީ ހުޅުމާލެއިން ދަތުރު ނަގާ އެއް ސަބަބު ކަމަށް "ސަން"އާ ވާހަކަ ދެއްކި ޑްރައިވަރަކު ބުންޏެވެ.

"މިހާރު އަޅުގަނޑަށް އެނގޭ އެއް ގޮތަކަށް ވެސް މާލެ ނާރާ ޓެކްސީ ޑްރައިވަރުން،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ގަބޫލު ކުރަނީ، މިކަމަށް ކޮންމެ ވެސް ގަވާއިދެއް ހަދާ، މާލެއިން މިއަށްވުރެ ފަސޭހައިން ކާރު ލިބޭނެ އިންތިޒާމެއް ކަމާ ގުޅުންހުރި އިދާރާތަކުން ހަދަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް