އަހްމަދިއްޔާގެ 10 ބުރީގެ އިމާރާތުގެ ބިންގާ އަޅައިފި

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 10 ބުރީގެ ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި އަލަށް ބިނާކުރާ 10 ބުރީގެ އިދާރީ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހެނދުނު ބޭއްވި ހަފްލާއެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒާއި އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

އެ އިމާރާތުގެ މަސައްކަތް ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ 10 ބުރީގެ އިމާރާތް ޚާއްސަ ކުރެވެނީ އިދާރީ ކަންކަމަށް ކަމަށެވެ. އޭގެ ތެރޭގައި ސްޓާފް ރޫމް، ލައިބްރެރީ، އެގްޒާމް ހޯލް، އޭވީ ރޫމް އަދި އެކި ލެބްތައް އެ އިމާރާތުގައި ހިމެނޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެ އިމާރާތުގެ ސަބަބުން ސްކޫލުގެ ޖާގައަށް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ.

"އިމާރާތް ހެދުނަސް ސްކޫލުގެ ޖާގައަށް އިތުރު ބަދަލެއް ނާންނާނެ. މިހާރު އަޅުގަނޑުމެން ސްކޫލުގެ ބައެއް ކްލާސްތައް އޮކިއުޕައި ކޮށްގެން މި އުޅެނީ އަޅުގަނޑުމެންގެ އެޑްމިނިސްޓްރޭޓިވް ބައެއް ކަންކަމަށް. އެހެންވީމާ އެތަންތަން ހަމަ ބެކްޓޫ ނޯމަލް ދާނީ ހަމަ،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ 10 ބުރީގެ އިމާރާތުގެ މަސައްކަތް ކުރި ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ސްކޫލުގެ ދަރިވަރުންނަށް އަދި ދަރިވަރުންގެ ކިޔެވުމަށް އެކަމުގެ ސަބަބުން އަސަރު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް ރިއާޔަތް ކޮށްގެން އިމާރާތް ކުރިއަށް ގެންދާނީ. އެމަސައްކަތުގެ ވާހަކަ ކޮންޓްރެކްޓާ އާ ދެކެވިފަ އޮންނާނީ އިނގޭތޯ އެގޮތަށް," ޕްރިންސިޕަލް ވިދާޅުވިއެވެ.

އަޙްމަދިއްޔާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ފެންވަރު ރަނގަޅު ތަޢުލީމު ދަރިވަރުންނަށް އުނގަންނައިދޭ އެއް ސްކޫލެވެ. ކޮންމެ އަހަރެއްގެ ވެސް އޯލެވެލް އަދި އޭލެވެލްގެ މަތީ އަރުތަވެރިންގެ އިނާމުން އެކަން ސާބިތުވެއެވެ.

comment ކޮމެންޓް