އަހްމަދިއްޔާއިން އޭލެވެލް ހެދި ކުދިންގެ 42 ޕަސެންޓު ގަދަ ދިހަޔަކަށް

އަހްމަދިއްޔާ ސްކޫލުން އޭލެވެލް ނިންމި ބައެއް ދަރިވަރުން ގައުމީ ގަދަ ދިހައެއްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ---

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން 42 ޕަސެންޓު ދަރިވަރުން ގައުމީ ގަދަ 10 އަކުން ޖާގަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި އެ ސްކޫލުން 206 ދަރިވަރަކު ބައިވެރިވިއިރު 87 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނޭވަރުގެ ނަތީޖާއެއް ހޯދާފައެވެ.

އޭގެ ތެރެއިން ތިން ދަރިވަރުން ވަނީ ރާއްޖޭން އެއްވަނަ ހޯދާ ރައީސްގެ ސްކޮލާޝިޕް ވެސް ހޯދައިފައެވެ.

އަހްމަދިއްޔާ ގެ 25 ދަރިވަރަކު ވަނީ ހައި އެޗީވާސް ސްކޮލާޝިޕް ވެސް ހޯދާފައެވެ. މި ދަރިވަރުންނަކީ އެންމެ ދަށް ވެގެން ފަސް އޭ ހޯދައިފައިވާ ދަރިވަރުންނެވެ.

މިދިޔަ އަހަރު ހަމައެކަނި ދިވެހި މާއްދާއިން މުޅި ރާއްޖެ އިން އެއް ވަނަ ހޯދި ހަމައެކަނި ދަރިވަރަކީ ވެސް އަހުމަދިއްޔާ ދަރިވަރެކެވެ.

އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ސަން" އަށް ވިދާޅުވީ ރާއްޖޭގައި އޭލެވެލް ހަދަން މިހާރު އެންމެ ރަނގަޅު ސްކޫލަކީ އަހްމަދިއްޔާ އިންޓާނޭޝަނަލް ކަމަށެވެ.

"އަހްމަދިއްޔާ އަކީ މި ވަގުތު މާލޭގައި އޭލެވެލް އަށް ކިޔަވަން އޮތް އެންމެ ރަނގަޅު ސްކޫލް. ސަބަބަކީ މި ސްކޫލުގަ ތިއްބަވާ ޓީޗަރުންނަކީ ބިޒްނަސް ސްޓްރީމަށް ބަލައިލި ކަމުގައިވީ ނަމަވެސް، ސައިންސް ސްޓްރީމަށް ބަލައިލި ކަމުގައިވީނަމަވެސް، ރާއްޖޭގަ ތިބި އެންމެ ތަޖުރިބާކާރު ޓީޗަރުން މަސައްކަތް ކުރަމުންދާ އެއް ސްކޫލް. އެހެންވީމަ އަހްމަދިއްޔާ އަކީ ނަތީޖާ ނެރެދޭ ސްކޫލެއް." ރަޝީދު ވިދާޅުވިއެވެ.

އަހްމަދިއްޔާއަކީ އޭލެވެލް ގެ އިތުރުން އޯލެވެލް އިން ވެސް ރަނގަޅު ނަތީޖާ އެއް ނެރޭ ސްކޫލެކެވެ. މި އަހަރު ވެސް އޯލެވެލް ގެ ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަ އުޅެނީ ވަރަށް މަތީގައެވެ.

އަހްމަދިއްޔާއަަށް އޭލެވެލްއަަށް ވަނުމަށް ގިނަ ދަރިވަރުންތަކެއް ދަނީ އެދެމުންނެވެ. އެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވައިލައިފައެވެ.

comment ކޮމެންޓް