ހުޅުމާލެއިން އަހްމަދިއްޔާއަށް އަންނަ ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކެއް ފަށަނީ

13 ޖެނުއަރީ 2016: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް ކްލާސް ތެރޭގައި --- ސަން ފައިލް ފޮޓޯ

ހުޅުމާލެއިން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ކިޔަވަން އަންނަ ކުދިންނަށް ޚާއްސަކޮށް ބަސް ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ އެ ސްކޫލުގެ ދަރިވަރުންނަށް ކޮންމެ ދުވަހަކު ހެނދުނު ވަގުތު ސައިކަލުތަކާއި، އެމްޓީސީސީ ބަހުގައި މާލެއަށް އަންނަން ޖެހުމުން ބައެއް ކަހަލަ ދަތިތައް ހުރި ކަމަށެވެ.

"ކޮންމެ ދުވަހަކު މިހެން ކުދިން ޕަބްލިކު ޓްރާންސްޕޯޓުގަ ނުވަތަ ސައިކަލުގަ އަންނަން ވީމަ އަސްލު ވަރަށް ގިނަ ދަތިތަކާ ކުރިމަތި ލާން ޖެހޭ. އެހެންވެ، އަޅުގަނޑުމެން އެކުދިންނަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް އަހުމަދިއްޔާ ސްކޫލުގެ ކުދިންނަށް ޚާއްސަ ބަހުގެ ޚިދުމަތް ފެށޭތޯ މަަސައްކަތް ކުރަމުން މި ދަނީ،" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އެ ސްކޫލުގައި ކިޔަވާ 200އެއްހާ ދަރިވަރުން ހުޅުމާލޭގައި ދިރިއުޅޭ ކަމަށެވެ. އަދި ބަސް ދަތުރުތައް ފެށުމުން ހުޅުމާލޭގެ ވަކި ސަރަހައްދުތަކުން ކުދިން ގޮވައިގެން ސްކޫލު ގަޑިއަށް އައިސް ސްކޫލު ނިމުމުން އެ ކުދިން އަނެއްކާވެސް ހުޅުމާލެއަށް އަނބުރާ ގެންދެވޭނެ ފަދަ ގޮތަކަށް ބަސް ދަތުރުތައް ރާވާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ބަޔަކާ ވާހަކަ ދައްކަމުން ބަސް ދަތުރުތައް ފެށުމަށް. އަންނަ މަހުގެ ތެރޭގައި ބަހުގެ ޚިދުމަތް ފެށޭތޯ މި މަސައްކަތް ކުރަނީ،" ރަޝީދު ވިދާޅުވިއެވެ.

އަހުމަދިއްޔާ އިން ބަސް ދަތުރުގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު، ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ސްކޫލް ބަސް ތައާރަފުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ބަސްތައް ނުލިބޭތީ، އަދި އެ ޚިދުމަތް އޮތީ ނުފެށިފައެވެ.

އަހުމަދިއްޔާ ސްކޫލުގެ އައު އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ވަނީ އެ ސްކޫލަށް 43،000 އަކަފޫޓުގެ ބިމެއް ކަނޑައަޅައި ހަވާލުކޮށްފައެވެ. އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އައު އިމާރާތުގެ މަސައްކަތް ވެސް އަވަސް މުސްތަގުބަލެއްގައި ނިންމާ އެ ސްކޫލުން ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލެވޭނެ ކަމަށެވެ.

comment ކޮމެންޓް