ވޯލްޑް ކަޕް ނިމުމުން ވެން ހާލް އިސްތިއުފާދީފި، ކޯޗުކަމާ ކޫމަން ހަވާލުވެއްޖެ

ކޫމަންއާއި ވެން ހާލް --ފޮޓޯ/ގެޓީ އިމޭޖަސް

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވެ މުބާރާތާއި ވަކިވާން ޖެހުނު ނެދަލެންޑްސް ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުން ލުއިސް ވެން ހާލް އިސްތިއުފާދީފިއެވެ.

ނެދަލެންޑްސްގެ ކޯޗުކަމުގެ މަގާމަށް މި އަހަރުގެ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ކޫމަން ވަނީ އައްޔަންކޮށްފައެވެ. އެހެންނަމަވެސް އޭނާ މަގާމާއި ހަވާލުވާ ގޮތަށް އޮތީ ވޯލްޑް ކަޕް ނިމުމުންނެވެ. ކޫމަން ޓީމާއި ހަވާލުވީ، ޔޫރޯ 2024 އަށް ޓީމު ތައްޔާރުކުރުމުގެ ގޮތުންނެވެ.

ރޭގެ މެޗުގައި އާޖެންޓީނާ އަތުން ނެދަލެންޑްސް ބަލިވިއިރު، އާޖެންޓީނާގެ ގިނަ ކުޅުންތެރިންތަކެއް، ހާއްސަކޮށް ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން ވެން ހާލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މެސީ ވަނީ ވެން ހާލް އޭނާއަށް އިހްތިރާމް ނުކުރި ކަމަށް ބުނެ، މާގިނަ ވާހަކަ ނުދެއްކުމަށް ބުނެފައެވެ،

އާޖެންޓީނާއަތުން ނެދަލެންޑްސް ބަލިވި މެޗުގެ ތެރެއިން ލުއިސް ވެން ހާލް --ފޮޓޯ/ގެޓީ އިމޭޖަސް

ނެދަލެންޑްސްގެ ކޯޗުކަމުން ވެން ހާލް އިސްތިއުފާދިން އިރު މިއީ އޭނާ އެގައުމުގެ ގައުމީ ޓީމަށް އިރުޝާދުދިން ތިންވަނަ ފަހަރެވެ. މީގެކުރިން 2000 ވަނަ އަހަރާއި 2001 ވަނަ އަހަރާއި ދެމެދު ވެން ހާލް ނެދަލެންޑްސްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު، 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދުވެސް އޭނާގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް ކުޅެފައިވެއެވެ.

ތިންވަނަ ފަހަރަކަށް ވެން ހާލް ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެފަހަރު އޭނާ ނެދަލެންޑްސް ޓީމާއި ހަވާލުވީ 2021 ވަނަ އަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގައި ނެދަލެންޑްސް ޓީމަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ފްރެންކް ޑީ ބޮއާ ކޯޗުކަމުގެ މަގާމުން ވަކިކުރުމާއެކުއެވެ.

ނެދަލެންޑްސްގެ ކޯޗުގެ ގޮތުގައި ވެން ހާލް ހޯދި ހަމައެކަނި ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދުމެވެ. އެހެންނަމަވެސް ކުލަބު ފެންވަރުގައި އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ވެން ހާލް ވަނީ މީގެކުރިން ނެދަލެންޑްސްގެ އަޔެކްސްއާއި ސްޕެއިންގެ ބާސެލޯނާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗަސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދީފައެވެ.

ރޮނާލްޑް ކޫމަން --ފޮޓޯ/ގެޓީ އިމޭޖަސް

ވެން ހާލްގެ ބަދަލުގައި ނެދަލެންޑްސް ޓީމާއި ހަވާލުވި ކޫމަން އަކީވެސް ކޯޗިންގް ކެރިއަރުގައި ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކަށް އަދި ނެދަލެންޑްސްގެ ގައުމީ ޓީމަށްވެސް މީގެކުރިން އިރުޝާދުދިން ކޯޗެކެވެ.

ކޫމަން ވަނީ 1997 ވަނަ އަހަރާއި 1998 ވަނަ އަހަރާއި ދެމެދު ނެދަލެންޑްސްގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ. އަދި 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ދެމެދު އޭނާ ވަނީ ނެދަލެންޑްސްގެ ހެޑް ކޯޗުގެ ގޮތުގައި ޓީމަށް އިރުޝާދުދީފައެވެ. އެ މުއްދަތުގެ ތެރޭގައި ނެދަލެންޑްސްއިން ވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދާފައެވެ.

comment ކޮމެންޓް