ރާއްޖޭގައި އޭޑްސް ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު: މިނިސްޓަރު

ބައިނަލްއަގްވާމީ އޭޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

ދިވެހިރާއްޖޭގައި އެޗްއައިވީ އޭޑްސް ޖެހިފައިވާ މީހުންގެ އަދަދު އަދި މަދު ނަމަވެސް ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އޭޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގއ. ވިލިނގިލީގައި ބޭއްވި ހަފްލާއެއްގައި އެޗްއައިވީ، ހެޕަޓައިޓިސް އަދި އެސްޓީއައިގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ. މި ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރާއްޖޭގައި އޭޑްސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެކި އެކި ދިރާސާތަކުން ދައްކާ ކަމަށާއި، އެޗް.އިވީ އާ ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުން ދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެތިން ބަލި ހިމެނޭހެން އެފަދަ ބަލިތަކުން ރައްކާތެރިކުރުމާއި، ބަލި ދެނެގަތުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މި މަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޭޑްސް ބަލި ޖެހިފައިވާ 22 ދިވެހީން މިވަގުތު އެބަތިއްބެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ނިމިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މިބަލި ޖެހުނު ދިވެހީންގެ އަދަދު ވަނީ 39 އަކަށް އަރާފައެވެ. އޭގެ ތެރޭގައި 6 އަންހެނުންނާއި 33 ފިރިހެނުން ހިމެނޭއިރު، މިހާތަނަށް މިބަލީގައި 15 މީހުން މަރުވެފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށެވެ.

މިއަހަރުގެ އޭޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީން ރާވާފައިވެއެވެ. އެގޮތުން މިމަހުގެ މިދިޔަ ހޯމަ ދުވަހުން ފެށިގެން ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

comment ކޮމެންޓް