ޖަލުތަކުގައި ތިބޭ ގައިދީންނަށް ޚާއްސަކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަކި ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.
އެ އިދާރާއިން މިކަން ހާމަކުރީ ވަޒީފާއާ ބެހޭ އޮނިގަނޑުގެ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގައިދީންގެ އަދަދު 54 އިންސައްތަ އިތުރުވެފައިވާއިރު، އެ އިދާރާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިދީންގެ ބޭސްފަރުވާއަށް މާލެ ގެންނަން ޖެހުން ކަމަށެވެ.
އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހޮސްޕިޓަލެއް އެޅުމުގެ ކަރުދާސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހޮސްޕިޓަލް ގާއިމުކޮށް އޮޕަރޭޝަނަށް ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނަ ގައިދީން ބައިތިއްބާ ކ. މާފުށީ ޖަލުގައި ދުވާލަކު 180 އެއްހާ ގައިދީން އާންމު ޑޮކްޓަރުންނަށް ދައްކަމުން ދިޔަ ނަމަވެސް، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން އެ ރަށުގައި ނެތުމުން ފަރުވާއަށް މާލެ ގެންނަން މަޖުބޫރުވާ ކަމަށް ކަރެކްޝަންސްއިން ފާހަގަކުރިއެވެ.
ޚާއްސަކޮށް ގިނަ ގައިދީން ބޭނުންވަނީ ދަތާއި ލޮލުގެ ފަރުވާ ކަމަށްވާއިރު، އެ ޚިދުމަތްތައް މާފުށީ ހޮސްޕިޓަލުން ލިބެން ނެތުމުން، ކޯޓުތަކަށާއި ޑޮކްޓަރަށް ދެއްކުމަށް ދުވާލަކު 16 ވަރަކަށް ގައިދީން މާލެ ގެންނަން ޖެހެއެވެ. އަދި ކޮންމެ ގައިދީއަކަށް އޮފިސަރަކު އެސްކޯޓްކުރަން ޖެހޭއިރު، އެ މިންވަރަށް މުވައްޒަފުން ނެތުމުގެ ދަތިކަން ވެސް ބޮޑުކަން ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިދީންނަށް ޚާއްސަކޮށްގެން ހުޅުވާ ދަތާއި ލޮލުގެ ކްލިނިކް މި މަހުގެ ތެރޭގައި ހުޅުމާލޭގައި ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީ ހިންގި ތަނުގައި ގާއިމުކޮށްފައިވާ މި ކްލިނިކުން ސްޕެޝަލިސްޓުންނަށް ދެއްކުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި ގައިދީން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
"ގައިދީން ގިނަވާ މިންވަރަކަށް ޑޮކްޓަރަށް ދައްކަންޖެހޭ މީހުންގެ އަދަދު ގިނަވޭ. މާފުށީ ޖަލުގައި 180 ގައިދީން ދުވާލެއްގެ މައްޗަށް ކަރެކްޝަންސްގެ ޑޮކްޓަރުން ބަލާ. ނަމަވެސް ވަކިން ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މިހާތަނަށް ނެތް،" ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވިއެވެ.
ގައިދީންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އާންމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކަނީ މިފަދަ ކަންބޮޑުވުންތަކެކެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކުގެ 63.2 އިންސައްތައަކީ އެސްކޯޓުކުރާނެ ޖަލު އޮފިސަރުން ނެތުމުގެ ސަބަބުން ސިއްހީ ފަރުވާ ލަސްވި މައްސަލަތަކެވެ.
މިއީ 2023 ވަނަ އަހަރު (46.9 އިންސައްތަ) އަދި 2024 ވަނަ އަހަރުގެ ކުރީކޮޅާ (49.5 އިންސައްތަ) އަޅާބަލާއިރު އިތުރު އަދަދެކެވެ.
އެސްކޯޓުކުރާނެ އޮފިސަރުން ނެތުމުގެ އިތުރުން، ޚާއްސަ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ލިބުން ލަސްވުމާއި، އިދާރީ އޮޅުންތަކުގެ ސަބަބުން ފަރުވާ ލަސްވުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް އެޗްއާރުސީއެމްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން މާފުށީ ޖަލުން އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބެން ނެތުމާއި، މާލެ ގެނެސް ބައިތިއްބާނެ އެކަށީގެންވާ ޖާގަ ނެތުމަކީ ވެސް ގައިދީންގެ ސިއްހީ ހައްގުތަކަށް އެޅިފައިވާ ބޮޑު ހުރަހެއްގެ ގޮތުގައި އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.