ފޭރިގެން މީހަކު މަރުވި މައްސަލަ: ދެ މީހަކު ހައްޔަރު ކޮށް ދިގު މުއްދަތަކަށް ބަންދަށް

އަދުނާނު: ފޭރުނު މައްސަލަ ރޮޕޯޓްކުރަން ފުލުހަށް ގޮސް އިންދާ ވަނީ މަރުވެފައި ---

އުމުރުން 75 އަހަރުގެ މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާ ރިޕޯޓްކުރުމަށް ތ. އޮމަދޫ, ޑޭޒީ, އަދުނާނު ހުސައިން ޕޮލިސް ސްޓޭޝަނަށް ގޮސް އިންދާ ވަނީ މަރުވެފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ރޭ ކޯޓު އަމުރުގެއް ދަށުން ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 45 ދުވަސް އިތުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އާއިލާގެ ފަރާތުން 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނީ, ދަތުރުވަރެއްގައި މާލެ އައިސް އުޅުނު އޭނާގެ ބޭބެއަށް ބަޔަކު މީހުން ހަމަލާދިނުމަށްފަހު ވޮލެޓް އަތުލައި އޭގަ ހުރި ފައިސާތައް ފޭރިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭގައި ހުރީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އޭނާ ނުބުނެއެވެ.

ގަދަވެ ހެޔޮހާލުގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ އަދުނާނު ވަނީ ދާދި ފަހުން ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. ނަމަވެސް އިއްޔެގެ ހާދިސާ ހިނގުމާ ހަމައަށް އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފޭރުމުން އެ ހާދިސާ ރިޕޯޓް ކުރުމަށް އަންގާރަ ދުވަހުގެ ހެނދުނު އަދުނާނު ދިޔައީ ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެތަނަށް ގޮސް ހާދިސާ އެއްކޮށް ރިޕޯޓް ނުކުރެވެނީސް އަދުނާނުގެ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔައެވެ.

ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

comment ކޮމެންޓް