ޑްރޯން ބޭނުންކޮށްގެން ތަފާތު ޚިދުމަތްތައް ދިނުމަށް އަންނަ އަހަރު ހުއްދަ ދެނީ

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ޑްރޯން ބޭނުންކޮށްގެން ރާއްޖޭގައި އިތުރު ހަރަކާތްތައް ހިންގާ، ތަފާތު ޚިދުމަތްތައް ދިނުމަށް އަންނަ އަހަރު ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

މި ބަޔާނުގައި ނަހުލާ ވިދާޅުވީ، ޑްރޯން އެރުވުމުގެ އުސޫލު މި އަހަރު ނިމުމުގެ ކުރިން އެކުލަވާލާ ގެޒެޓުކުރާނެކަމަށެވެ.

ނަހުލާ އިތުރަށް ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އެ ނިޒާމް އެންމެ ހަރުދަނާ ގޮތެއްގައި ކުރިއެރުވޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުގެ ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އާ ރަންވޭ އޮޕަރޭޓްކުރަން ފެށުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

ހަމައެއާއެކު، ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ގުޅިފައިވާ ކަމަށާއި، ޖެހިޖެހިގެން ތިން އަހަރު ރާއްޖެއަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ މަގާމު ލިބުނީތީ އެކަމާ އުފާކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރުގެ ބަޔާނުގައި ވަނީ، ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 2019 ވަނަ އަހަރު "އޭވިއޭޓާސް ނެކްސްޓް ޖެން"ގެ ނަމުގައި ސްކޮލަޝިޕް ޕްރޮގްރާމެއް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ސްކޮލަޝިޕް ފުރިހަމަކުރި ހުރިހާ ދަރިވަރުން މިހާރު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ޚިދުމަތް ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް