އޭވިއޭޝަން އެކްސްޕާޓް އަހްމަދުގެ ގަލަމުން ރާއްޖޭގައި އޭވިއޭޝަން ފެށިގެން އައިގޮތާ ބެހޭ ތަފްސީލީ ފޮތެއް

"އޭވިއޭޝަން އިން ދަ މޯލްޑިވްސް، ހިސްޓޮރިކަލް ޕާސްޕެކްޓިވް" -- ފޮޓޯ/ އަހުމަދު ޒުހައިރު، ފޭސްބުކް

"އޭވިއޭޝަން އިން ދަ މޯލްޑިވްސް، ހިސްޓޮރިކަލް ޕާސްޕެކްޓިވް"ގެ ނަމުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރު ނުވަތަ އޭވިއޭޝަން ޚިދުމަތް ފެށިގެން އައިގޮތާ ގުޅޭ ތަފްސީލީ ފޮތެއް މިރޭ ނެރެފިއެވެ.

މި ދާއިރާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި އަހްމަދު މުހައްމަދު ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ މީރުމާގައި ބޭއްވި ހަފްލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މި ފޮތް ޚާއްސަކޮށްފައި ވަނީ ރާއްޖޭގައި ފުރަތަމަ އުފެދު އޭވިއޭޝަން ޕްރޮފެޝަނަލުންނަށެވެ. މި ފޮތުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށިގެން އައި ގޮތަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން 1903ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ މަތިންދާ ބޯޓެއް ދުއްވުމުން ފެށިގެން ދާއިރާއަށް އައިސްފައިވާ ބަދަލުތައް މި ފޮތުން އެނގޭނެއެވެ.

މީގެ އިތުރުން މީގެ 81 އަހަރުކުރިން އައްޑޫގެ ގަމުގައި "ވީލް ބޭސްޓް" އެއާ ކްރާފްޓެއް ދުއްވުމާއި ދަގަނޑު ރަންވޭއެއްގައި ރާއްޖޭގެ އެއާޕޯޓުގައި ފުރަތަމަ މަތިންދާ ބޯޓެއް ޖެއްސި ޖެއްސުމުގެ ވާހަކަތައް ވެސް މި ފޮތުގައި ހިމަނާފައިވެއެވެ.

މި ފޮތާ ގުޅިގެން ވާހަކަ ދައްކަވަމުން ފޮތުގެ މުސައްނިފު އަހްމަދު މުހައްމަދު ވިދާޅުވީ، މިއީ ތިން އަހަރު ދުވަހުގެ ބުރަ މަސައްކަތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވި އޭވިއޭޝަން ދާއިރާއަށް ހާއްސަ ފޮތެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ދާއިރާ ރާއްޖޭގައި ފެށިގެން އައިގޮތް ވަރަށް ތަފްސީލުކޮށް ލިޔުއްވާފައި ވާނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ފޮތުގައި ހިމެނެނީ 12 ޗެޕްޓަރެވެ. ދެވަނަ ޗެޕްޓަރުގައި ދެވަނަ ބޮޑުހަނގުރާމައިގެ ވާހަކަތަކަށް އަލި އަޅުވާލާފައި ވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މި ފޮތަކީ ކިޔުންތެރިންގެ ޝައުގުވެރިކަން އަތުލާނެ ފޮތަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް