މި އަހަރު އާ 20 ރިސޯޓު ހުޅުވައި، 2 އެއާޕޯޓުގެ މަސައްކަތް ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް

މި އަހަރު މުޅިން އަލަށް ދެ އެއާޕޯޓު އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށާއި އަދި، އަމާޒަކީ އާ 20 ރިސޯޓު ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ވަނީ އިއްވަވައިފައެވެ. އެ ބަޔާނުގައި މުހިއްމު ގިނަ ދާއިރާތަކަކުން ގިނަ ކަންތައްތަކަކަށް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ އެއާޕޯޓުތަކުގެ މަސައްކަތް ނިންމުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އާ ދެ އެއާޕޯޓުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ސަރުކާރުން ފަށާނެކަން ރައީސް ވަނީ އިއުލާނުކުރައްވައިފައެވެ.

"މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް ނިންމަމުން ދިއުމުގެ އިތުރަށް، އައު 2 އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއާޕޯޓުތަކާ އެކު އެންމެ ޒަމާނީ އަދި އެންމެ ރައްކާތެރި ހެލިކްޕޮޓަރުތަކުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ވެސް ކެބިނެޓުގެ ނިންމެވުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު އަންދާޒާ ކުރައްވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެ ކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/188317

އެގޮތުން، ފަތުރުވެރިކަމަށް ތަރައްގީކުރަން ދޫކޮށްފައި ހުރި 63 މަޝްރޫއެއް ނިންމައި، މާކެޓަށް ނެރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި މީރާ އަދި އިކޮނަމިކް ކައުންސިލުން ގުޅިގެން ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް މުޅި ޖުމްލަ 174,400 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ، 155,851 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 16,529 ފަތުރުވެރިންނާއެކު މާކެޓުގެ ތިންވަނައިގައި ޗައިނާ އޮތްއިރު، 18,111 ފަތުރުވެރިންނާ އެކު ދެވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަދި 18,561 ފަތުރުވެރިންނާއެކު އެއްވަނަ މާކެޓެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ.

comment ކޮމެންޓް