ފަގީރުންނަށް ކާންދިނުމުން ކުރީ ހައްޔަރު

ފަގީރުންނަށް ކާންދީގެން ހައްޔަރު ކުރި ނޯމާ ތޯންޓަން —- ފޮޓޯ : އެމްއެސްއެން

އެމެރިކާގެ ހުޅަނގު ދެކުނު ސަރަހައްދުގެ ސްޓޭޓެއް ކަމަށްވާ އެރިޒޯނާގައި ގެއެއް ނެތި ހާލުގައި ޖެހިފައި ތިބި ފަގީރުންނަށް ކާންދިން މީހަކު ހައްޔަރު ކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

އުމުރުން 78 އަހަރުގެ ނޯމާ ތޯންޓަން އެރިޒޯނާގެ ޕާކެއްގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާން ދިން މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެތެރޭގައެވެ. އެންމެފަހުން މައްސަލަ އިތުރަށް ގޯސްވެ ނޯމާ މިހާރު އެރިޒޯނާ ސަރުކާރާ ދެކޮޅަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

އެރިޒޯނާއިން މިދިޔަ އަހަރު ނެރުނު ގަވާއިދެއްގައި ބުނާގޮތުން ޗެރިޓީގެ ގޮތުގައި ކާއެއްޗެހި ބެހުމަކީ ޕަބްލިކް ޕާކުގައި ކުރުން މަނާކަމެކެވެ.

ނަމަވެސް އެކަމާ ގުޅިގެން ނޯމާ ހައްޔަރުކުރުމުން އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ނޯމާއަކީ 2018 ވަނަ އަހަރުން ފެށީގެން އެ ޕާކުގައި ފަގީރުންނަށް ކާންދީ އުޅުނު މީހެއް ކަމަށެވެ.

ތޯންޓަންގެ ވަކީލު ޑަޔާނާ ސިމްޕްސަން ބުނެފައިވާގޮތުގައި ނޯމާ ފަދައިން އެމެރިކާގެ ކޮންމެ މީހަކަށް ވެސް ޗެރިޓީގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމީހެއްގެ ހައްގެއް ކަމަށެވެ.

"އޭގެތެރޭގައި ކާއެއްޗެހި ބަހައި އެ ހަދިޔާ ކުރުމަކީ ވެސް ކޮންމެ އެމެރިކާ މީހެއްގެ ހައްގެއް،" އޭނާ ބުންޏެވެ.

ނޯމާ ހުށަހެޅި މައްސަލައަކީ އޭނާއަށް އިތުރު ފައިސާއެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއް ނޫނެވެ. ނޯމާ ބޭނުންވަނީ ފިކުރެއް ނެތި އާންމުންނަށް ކާއެއްޗެހި ބެހުމުގެ ފުރުސަތު ކަމަށް ސިމްޕްސަން ބުންޏެވެ.

ނޯމާ ހައްޔަރު ކުރިއިރު އެ މައްސަލައިގައި އޭނާ ހަތަރު މަސް ޖަލުގައި ހޭދަކުރަން ޖެހުނެވެ. އޭގެއިތުރުން އޭނާ ވަނީ 750 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.

comment ކޮމެންޓް