ވަޒީފާ އަދާކުރާ އަންހެނުންގެ މެދުގައި ކަށީގެ ދުޅަހެޔޮކަން ދަށްވަމުން އަންނަ ކަމުގެ ކަންބޮޑުވުންތަކެއް

ވަޒީފާ އަދާކުރާ ގިނަ އަންހެނުންގެ މެދުގައި އެންމެ އާއްމު އެއް ބައްޔަކީ ކަށީގެ ބަލިތައް ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައި--ފޮޓޯ/އިންޑިއާޓީވީނިއުސް

ދިރިއުޅުމުގެ ލައިފްސްޓައިލްގެ ސަބަބުން ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާ އެކު، ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ނިއުޓްރީޝަންސް މަދުވެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ވަޒީފާ އަދާކުރާ އަންހެނުންގެ ކަށީގެ ދުޅަހެޔޮކަން ދަށްވެ ބަލިކަށިވަމުންދާ ކަމުގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.

ކަށީގެ ދުޅަހެޔޮކަން އިތުރުކޮށް އެކަމަށް ކޮންމެ މީހަކުވެސް އަހުލުވެރިވެ ބޭނުންވާ ފަރުވާ ކުރިއާލާ ހޯދުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އެކަމަށް ތައްޔާރުވެ ތިބުމަށް ވެސް ސިއްހީ މާހިރުން ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ ދިމާވާ އަންހެނުން އިތުރުވަމުން އަންނައިރު އޭގެތެރޭގައި ހާއްސަކޮށް ހިމެނެނީ އުމުން 20ގެ އަހަރުތަކާއި 30ގެ އަހަރުތައް އަދި 40ގެ އަހަރުތައް ގުނަމުން އަންނަ އަންހެނުން ކަމަށް ވެސް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

އޮސްޓިއޯޕޮރޯސިސް (ކަށިފީވުން) އަދި ވިޓަމިން ޑީ މަދުވުން ފަދަ މައްސަލަތައް މީގެކުރިން ބެލެވިފައި އޮންނަނީ އަންހެނުން އިއްދައިން ކެނޑުމާ ގުޅިގެން ދިމާވާ މައްސަލައެއްގެ ގޮތުގައެވެ.

ނަމަވެސް މިފަހަކަށް އައިސް ޒުވާން އުމުރުގެ އަންހެނުންގެ މެދުގައި މި މައްސަލަ އާއްމުވަމުން އަންނާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން މިވަނީ ލަފާ ދެއްވާފައެވެ.

ކަށީގެ މައްސަލަތައް ދިމާވެފައިވާތޯ ބެލުމަށް ގަވައިދުން އެކަމަށް ސްކްރީންކޮށް ޑޮކްޓަރެއްގެ ލަފާ އެކަމުގައި ހޯދުން މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ވަޒީފާގައި ގިނަ ވަގުތު ހޭދަކުރާ އަންހެނުންގެތެރެއިން ގިނައީ ގިނަ ވަގުތު އިށީނދެކުރާ މަސައްކަތްތަކާއި އިރުގެ އަލިކަން ފުރިހަމައަށް ނުލިބުމާއި، ޕްރެޝަރާއި، ޤަވާއިދެއް ނެތި ކެއިންބުއިމުގެ ކަންކަން ކުރިއަށްގެންދާ މީހުންނެވެ.

އޭގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން ނުރައްކަލަށް ހުށަހެޅި ދިމާވާ ކަށީގެ މައްސަލައަކީ ދާއިމީ މައްސަލައަކަށް ނުވަނީސް އެކަމަށް ގިނަ މީހުން ސަމާލުކަމެއް ނުދެއެވެ.

އިންޑިއާގެ ޕޫނޭގެ އެޕޯލޯ ސްޕެކްޓްރާގެ އޯތޯޕެޑިކް ސާޖަން ޑރ. އަނޫޕަމް ގަޑޭކަރު ވިދާޅުވެފައިވާ ގޮތުގައި، ގިނަ ވަގުތު އިށީނދެ އުޅުމާއި، ހަށިގަނޑު ރަނގަޅު ގޮތަކަށް ނުބެހެއްޓުމުގެ ސަބަބުން، މަސައްކަތްކުރާ ގިނަ އަންހެނުންނަށް ކަށީގެ މައްސަލަތައް ދިމާވެއެވެ.

އޭގެތެރޭގައި ކުރިއްސުރެން ކަށިގިރޭ ބަލި، ވިޓަމިން ޑީ މަދުވުން އަދި ޖޮއިންޓް ޕެއިން ފަދަ އުނދަގޫތައް ކުރިމަތިވާ ކަމަށް ޑރ. ގަޑޭކަރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަތައް ދިމާވުމުގެ މައިގަނޑު ސަބަބުތަކުގެތެރޭ އިރުގެ ހޫނު ނުލިބުން، ކެއުން ދޫކޮށްލުން، ކެފޭއިންއަށް ބަރޯސާވާ މިންވަރު އިތުރުވުން، އަދި ކެލްސިއަމް އެކަށީގެންވާ ވަރަށް ނުލިބުން ހިމެނޭ ކަމަށް ޑރ.އަނޫޕަމް ވަނީ ވިދާޅުވެފައެވެ.

ކަށީގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަންދީ ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވެ އުޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރުން ލަފާ ދެއްވާ--ފޮޓޯ/ފޭސްބުކް

ޑރ.އަނޫޕަމް ވިދާޅުވިގޮތުގައި މިފަހަކަށް އައިސް އޯޕީޑީއަށް ޒިޔާރަތްކުރާ އުމުރުން 45 އަހަރުން ދަށުގެ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނަކީ ކަކުލުގައި ރިއްސުމާއި، ބުރަކަށީގައި ރިއްސުން އަދި ވަރުބަލިވުން ފަދަ އުނދަގޫތައް ކުރިމަތިވާ މީހުން ކަމަށް ވެސް ޑރ.ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް ކަންބޮޑުވާންޖެހޭ ކަމަކީ، އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކެއްގެ ކަށީގެ ބޯމިން ދަށްކަން ނުވަތަ ވިޓަމިން ޑީ މަދުކަން ދެނަގެނެވުމަކީ ޒުވާން އާބާދީއެއްގެ ތެރޭގައި ހަމަހިމޭންކަމާ އެކު ފެތުރެމުންދާ ސިއްހީ ބަލިމަޑުކަމެއްގެ ހެކި ކަމަށް ޑރ.އަނޫޕަމް ވިދާޅުވެފައިވެއެވެ.

މިކަންކަމަށް ސަމާލުކަން ނުދީ ފަރުވާކުޑަކުރެވިއްޖެނަމަ ތަކުރާރުކޮށް ކަށިބިނދުން، ހަށިގަނޑު އުފެދުމުގައި ހުރި ގޮތް ނޫން ގޮތަކަށް ބަދަލުތަކެއް އައިސް ދިގު މުއްދަތަށް ހަރަކާތް ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ޑރ. އަނޫޕަމް ވަނީ ވިދާޅުވެފައެވެ.

މިކަންކަމުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެތެރޭ ގަވައިދުން އެ ބަލިތަކަށް ސްކްރީން ކުރުމާއި، ފުރިހަމަ ކާނާ އަދި ކޮންމެ ދުވަހަކު ވެސް ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުން މުހިއްމު ކަމަށް ޑރ.އަނޫޕަމް ވަނީ ވިދާޅުވެފައެވެ.

ކަށީގެ ދުޅަހެޔޮ ކަމަކީ ހަމައެކަނި ޢުމުރާ ގުޅިފައިވާ ކަމަކަށް ނުވާއިރު އެއީ ހޭލުންތެރިކަމާއި އެކު ކޮންމެ ދުވަހަކުވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމެއް ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

މުމްބާއީގެ މެޑިކޯވަރު ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޖޮއިންޓް ރިޕްލޭސްމަންޓް އެންޑް ޑިރެކްޓަރ އޮފް އޮރްތޮޕެޑިކް ޑިސިޕްލިންސް ޑރ. ދީޕަކް ގޯތަމް ވިދާޅުވިގޮތުގައި ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ކެލްސިއަމް ގިނައިން އެކުލެވޭ ކާނާތައް ކަމަށްވާ ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތައް، އެކި ކަހަލަ ބަދަނުގެ ބާވަތްތައް، ސޯޔާބީންސް، ޓޮފޫ އަދި ގަވައިދުން ކަސްރަތު ކުރުމުގެ އިތުރުން ކޮންމެ ދުވަހަކު ވެސް 20 މިނެޓަށް އިރުގެ އަލިކަން ހަށިގަނޑަށް ހޯދައިދިނުން ހިމެނެއެވެ.

comment ކޮމެންޓް