ކަނޑަށް މީހުން އަޅާ ކުނިތައް ބޭނުންކޮށްގެން މީހުން ހޭލުންތެރި ކުރުމަށްޓަކައި އޮސްޓްރޭލިއާގައި މައުރަޒެއް ހުޅުވައިފިއެވެ.
އޮސްޓްރޭލިއާއަށް ނިސްބަތްވާ އެންވަޔަރަންމެންޓަލް އާޓިސްޓެއް ކަމަށްވާ މެރީނާ ޑެބްރީޒް މައުރަޒު ހުޅުވާފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގެ އަތިރިމަތީގައެވެ.
"ކޮންމެ މީހަކު ވެސް ބުނަނީ އެތިކޮޅެއް ކަނޑަށް އަޅާ ވާހަކަ. އެކަމު ދުނިޔޭގެ އާބާދީގެ 7.8 ބިލިއަން މީހުން މިވަރަށް ކަނޑަށް އަޅާނަމަ އެއީ ވަރަށް ގިނަ އަދަދެއް،" ޑެބްރީޒް ބުންޏެވެ.
އެ މައުރަޒުގައި ޑެބްރީޒް ވަނީ 100 އަށް ވުރެ ގިނަ އާޓްވޯކް ބަހައްޓާފައެވެ. އަދި މި އާޓްވޯކުތައް ބަހައްޓާފައިވަނީ ދެ ކިލޯމީޓަރުގެ އަތިރީގެ އެކި ސަރަހައްދުތަކުގައެވެ. އެގޮތުން ބޮންޑީ ބީޗާއި ޓަމަރާމާ ސަރަހައްދުގައި މިތަކެތި ބަހައްޓާފައިވާއިރު މި ތަކެތި ދައްކާލުމަށް ތިން ހަފުތާއަށް މައުރަޒު ކުރިއަށް ދާނެއެވެ.
އިވެންޓު ރާވާފައިވާ މީހުން ބުނާގޮތުގައި މި މައުރަޒު ބަލާލުމަށް ބައި މިލިއަނެއްހާ މީހުން ދާނެއެވެ.
ކަނޑަށް އުކާ ކުނި އެކި ސަރަހައްދުތަކަށް އެއްވެއެވެ. އޭގެތެރޭގައި އަތިރިމައްޗަށް އެއްވާ ކުނި ވެސް ވަރަށް ގިނައެވެ. ޑެބްރީޒް އެ ކުނިތައް އެއްކުރަން ފެށީ 2009 ވަނަ އަހަރުން ފެށިގެނެވެ. އަދި އެއްކުރާ ކުނިތައް އާޓްވޯކުތަކަށް ހެދުމުގެ މަސައްކަތް އޭނާ ކުރަމުން އަންނަނީ ވަރަށް ގަޔާވެގެންނެވެ.
އޭނާ ދެކޭގޮތުގައި ކޮންމެ މީހެއްގެ އަމަލުންވެސް ބޮޑު ބަދަލެއް ގެނެވޭނެއެވެ. އެގޮތުން އޭނާ އުފައްދާ އާޓްވޯކަށް ކިޔައިއުޅެނީ "ޓްރެޝަން" އެވެ. އެއީ ޓްރޭޝް ބޭނުންކޮށްގެން އުފައްދާ ފެޝަން ކަމުގައި އޭނާ ސިފަކުރެއެވެ. މި އާޓްވޯކް ބޭނުންކޮށްގެން އެކި ކަހަލަ ފެޝަން އެއްޗެހި ވެސް އޭނާ ހަދައި އުޅެއެވެ. މައުރަޒުގައި އެ އެއްޗެހި ބަލާލަން ފެންނާނެއެވެ.