ޓެކްސް ބޮޑުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

ޕީޖީ ލީޑަރު މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ތްރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް މިއަދު "ސަން"އަށް ވިދާޅުވީ އެ ގޮތަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމީ، އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. ނަމަވެސް އެއީ ކިތައް މެންބަރުން ކަމެއް އަސްލަމް ހާމަނުކުރައްވައެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީން ތްރީލައިން ވިޕެއް ނެރުނު ކަމުގައި ވީނަމަވެސް މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެންބަރުން ވަނީ އިތުރަށް މަޝްވަރާ ނުކޮށް، ޚިޔާލު ނުހޯދައި ބިލު ފާސް ކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލް ދިރާސާ ކުރަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގައި ވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓަށް ބޮޑުކުރުމަށެވެ.

މިހާރު ޖީއެސްޓީން ނަގަނީ ހަ ޕަސެންޓް ކަމުގައި ވާއިރު ޓީޖީއެސްޓީއަށް ނަގަނީ 12 ޕަސެންޓެވެ.

ސަރުކާރުން ބުނީ ޓެކްސް ބޮޑުކުރަން ނިންމީ ދުނިޔޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް