ގެދޮރުވެރިން ޕޯޓަލްގައި ފޯމު ސަބްމިޓް ކުރެވުނުކަން ޔަގީން ކުރުމަށް އެދެފި

ހިޔާ ފްލެޓް ސަރަހައްދު / ފޮޓޯ ސަން

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ "ގެދޮރުވެރިން ޕޯޓަލް" ގައި ފޯމު ސަބްމިޓް ކުރެވުނުކަށް ޔަގީން ކުރުމަށް ޕްލޭނިން މިނިސްޓްރީން މިއަދު އެދެފިއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "ބިންވެރިޔާ" ސްކީމް އަދި "ގެދޮރުވެރިޔާ" ސްކީމުންގެ ދަށުން ގޯއްޗާއި، ފުލެޓަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތަކުން އަންނަ ހޮނިހިރު ދުވަހުގެ ރޭ 23:59ގެ ކުރިން ފޯމުގެ ސްޓޭޓަސްގައި އިނީ “Submitted” ތޯ ޔަގީން ކުރުމަށް އެދޭ ކަމަށެވެ.

ޕޯޓަލް އިން ފޯމު ފުރާފައިވާ މީހުންގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގައި ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓް ވާނީ، އެ އެޕްލިކޭޝަންގައި ބައިވެރިވާ އެންމެންގެ އީފާސް މެދުވެރިކޮށް ކަމަށެވެ. ގެދޮރުވެރިން ޕޯޓަލްއަށް ވަދެ ފޯމް ފުރިހަމަ ކުރާ ފަރާތަތަކުން "އިޤުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ" ގެ ތެރެއިން ބޭނުންވާ ގޮތެއް ޚިޔާރުކުރުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

"ގެދޮރުވެރިން ޕޯޓަލް" ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ މީހުންނަށް އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާފައެވެ. އެގޮތުން އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެލެނިވެރިކަމުގައިވާ މީހުންނަށް އެކުގައި ގޯޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލާފައެވެ. އެހެންކަމުން ފޯމް ހުށަހަޅާ އެންމެންގެ ޝަރުތުތައް ވެސް ފުރިހަމަ ވާންޖެހޭނެއެވެ.

"ގެދޮރުވެރިން" ސްކީމްގެ ދަށުން ފުލެޓަށް އެދޭ މީހުންގެ ޝަރުތުތައް

* ދިވެހި ރައްޔިތަކަށް ވުން.

* އުމުރުން 18 އަށާރަ އަހަރު ވެފައިވާ މީހެއް ކަމުގައި ވުން.

* މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން.

* ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން
މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.

* މާލެ ސިޓީން ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން
600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިން ޔުނިޓެއް/ބިމެއް ގަނެފައިނެތުން.

"ގެދޮރުވެރިން" ސްކީމްގެ ދަށުން ގޯއްޗަށް އެދޭ މީހުންގެ ޝަރުޠުތައް

* މާލޭގެ ރައްޔިތެއް ކަމުގައި ވުން.

* އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

* މާލެ ސަރަޙައްދު މާލެ، ހުޅުމާލެ، ވިލިނގިލީގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައި ނެތުން.

* އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް
މިހާތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުން.

* މާލެ ސަރަޙައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީ ފައިވާ، ނުވަތަ ދޫކޮށްލައިފައިވާ، ނުވަތަ ވިއްކައިލައިފައިވާ ފަރާތަކަށް ނުވުން.

ސަރުކާރުން ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެ ހޯދައިދެއްވުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ސަރުކާރުން މިފަހަރު ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތަށެވެ. އެގޮތުން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. ގުޅީފަޅުން 2000 ގޯތި ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

"ގެދޮރުވެރިޔާ" ގެ ދަށުން ގޯއްޗާއި، ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް މިނިސްޓްރީން ވަނީ ދެ ފަހަރެއްގެމަތިން މުއްދަތު އިތުރު ކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް މުއްދަތު އިތުރު ކޮށްފައެވެ.

comment ކޮމެންޓް