ހެވީ މެޓަލް ލެޖެންޑް އޮޒީ އޮސްބޯންގެ މޭކަޕް ލައިން އެއް މާކެޓަށް ނެރެފިއެވެ.
ރޮކް އެންޑް ރޯލް ބިއުޓީ އާ ގުޅިގެން އޮޒީ އޮސްބޯން ނެރުނު މޭކަޕް ލައިނަކީ އޭނާގެ އަމިއްލަ ކަލެކްޝަން އެކެވެ. 'ޕްރިންސް އޮފް ޑާކްނެސް' ނުވަތަ އޮޒީގެ އިންސްޓަގްރާމް އެކުއުންޓުގައި މި ހަބަރު ހިއްސާކޮށް އޭނާ ނެރެފައިވާ އުފެއްދުންތައް ވަނީ ދައްކާލާފައެވެ.
އޮޒީގެ ކަލެކްޝަންގައި ފެންނަނީ އޭނާގެ ސްޓައިލުގެ އުފެއްދުންތަކެކެވެ. އެގޮތުން، ކޮފިން ޝޭޕަށް އުފައްދާފައިވާ އައިޝެޑޯ ޕެލެޓަކާއި ވާލެއްގެ ޝޭޕަށް އުފައްދާފައިވާ ޕެލެޓަކާއި ލޯގަނޑެއްގެ އިތުރުން އުއްބައްތި ހިމެނެއެވެ. މި ޕެލެޓުގައި ހުންނަނީ ލަވަކިޔުންތެރިޔާ ސްޓޭޖުގައި ބޭނުންކުރާ އޭނާގެ ލުކްތައް ގެނެސްދެވޭނެ ކަހަލަ އަނދިރި ކުލަތަކެކެވެ. ނުވަތަ ޑްރެމެޓިކް އައި މޭކަޕްތަކެއް ގެނެސްދޭނެ ކުލަތަކެކެވެ.

އޮޒީ އޮސްބޯންގެ ކޮސްމެޓިކް
އޮޒީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލުކަމެއް ހޯދީ 70ގެ އަހަރުތަކުގައި އޭނާ ގެނެސްދިން ހެވީ މެޓަލް ލަވަތަކުންނެވެ. ހާއްސަކޮށް އޭނާގެ ބޭންޑް 'ބްލެކް ސަބްބަތު' އިން 'ޕްރިންސް އޮފް ޑާކްނެސް'ގެ ގޮތުގައި އޭނާ މަގުބޫލެވެ. ކާފަދަރިންވެސް ލިބިފައިވާއިރު އޮޒީގެ ހުށަހެޅުންތައް އަދިވެސް ފެނެއެވެ. އެގޮތުން، އެންމެ ފަހުން އޭނާ ހުށަހަޅައިދީފައިވަނީ މިއަހަރު ބޭއްވި ކޮމޮންވެލްތު ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މިއީ، އޭނާގެ ލައިވް ޕަފޯމަންސްއެއް 2019ގެ އެމެރިކަން މިއުޒިކް އެވޯޑްސްއަށްފަހު ފެނުނު ފުރަތަމަ ފަހަރެވެ.