ހައުސްފުލް 5: މަޝްހޫރު ގިނަ ތަރިންތަކެއް އެކުގައި

ހައުސްފުލްގެ 5 ގެ ކާސްޓުން--

ހައުސްފުލްގެ ކާމިޔާބު ހަތަރު ފިލްމު ގެނެސްދިނުމަށްފަހު ފަސް ވަނަ ފިލްމަށް ތައްޔާރުވެއްޖެއެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ބޮލީވުޑް ފިލްމެއްގައި މަގުބޫލު ގިނަ ތަރިންތަކެއް އެއް ފިލްމަކުން ފެންނަ ފުރަތަމަ ފިލްމެވެ. އެގޮތުން، އަކްޝޭ ކުމާރު އާއި ޖޯން އަބްރަހަމް އާއި އަބީޝޭކް ބަޗަން އާއި ބޮބީ ޑިއޯލް އެކުގައި ފެންނާނެއެވެ.

މި ފިލްމުގެ ޑައިރެކްޓަރު ސާޖިދު ނާޑިއާޑްވަލާއަށް ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ހައުސްފުލްގެ 5 ވަނަ ފިލްމަށް ގިނަ ތަރިންތަކެއް އެކުގައި ގެނެސްދިނުމަށް ވަނީ ވަރަށް ކުރިން ނިންމާފައެވެ. އެގޮތުން ހަތަރު ވަނަ ފިލްމު ރިލީޒް ކުރި ފަހުން މި ހިޔާލު ގެންގުޅޭ ކަމަށާއި ބޭނުންވީ ހުރިހާ ތަރިން ހިމެނޭ ރަނގަޅު ޕްލޮޓެއް ދައްކުވައިދިނުމަށް ކަމަށް އޭނާ ބުންޏެވެ. އަދި، މިހާރު ކުރިއަށްދަނީ ސްޓޯރީ ފައިނަލައިޒް ކުރުމާއި ސްކްރީންޕްލޭގެ މަސައްކަތް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެހެން ނަމަވެސް، މި ފިލްމަށް ކާސްޓުކުރާ މި ތަރިންގެ ތެރެއިން އެއްވެސް ތަރިއެއް ފިލްމުގެ މަސައްކަތް ކުރާ ކަމަށް ޔަގީން ކޮށްދީފައެއް ނުވެއެވެ.

ހައުސްފުލް އެންމެ ފުރަތަމަ ނެރުނީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2012 އާއި 2016 އާއި 2019ގައި ވަނީ ސީކުއެލް ފިލްމުތަކެއް ނެރެފައެވެ. ހައުސްފުލްގެ އެންމެ ފުރަތަމަ ފިލްމުގައި އަކްޝޭ ކުމާރު އާއި ރިތޭޝް ދޭޝްމުކް ލީޑުން ފެނިފައިވާއިރު، އަބީޝޭކް އާއި ބޮބީ ޑިއޯލް ތިން ވަނަ އަދި ހަތަރު ވަނަ ފިލްމުގައި ވަނީ ފެނިފައެވެ.

comment ކޮމެންޓް