ކަންގަނާ ރަނައުޓް ލީޑް ރޯލުން ފެންނަ ފިލްމު 'ތޭޖަސް' ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފިއެވެ.
އިންޑިއާ އެއާ ފޯސް ޕްއިލެޓް ތޭޖަސް ގިލްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގައި ކަންގަނާ ކުޅެނީ ތޭޖަސްގެ ރޯލެވެ. މި ފިލްމާ ގުޅޭގޮތުން އެންމެ ފަހުން ބޮލީވުޑް ހަބަރުތަކުގައި ބުނެފައިވަނީ ފިލްމު ރިލީޒްކުރަން ތައްޔާރުވެފައިވަނީ އަންނަ އަހަރު ޖޫން ހިސާބުގައެވެ.
ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ފިލްމުގައި މިހާރު އެންމެ ވަގުތު ނަގާ ކަންކަމަކީ ވީއެފްއެކްސްގެ މަސައްކަތްތައް ކަމަށްވީ ނަމަވެސް އަންނަ އަހަރު މެދު ތެރެއަށް ވޯލްޑް ކްލާސް އެއާ ކޮމްބެޓްތަކެއް ދައްކުވައިދޭން ކެތްމަދުވެފައިވާ ކަމަށެވެ. އަދި، ޑައިރެކްޓަރު ސުރްވޭޝް މެހެރާ ބޭނުންވަނީ ރެއާ ދުވާލު މަސައްކަތް ކޮށްގެން ވިޔަސް ވީއެފްއެކްސް ފުރިހަމަ ކުރަން ކަމަށް ބުނެފައިވެއެވެ.
މި ފިލްމުގެ އިތުރުން ކަންގަނާ މިހާރު ދަނީ ކުރީގެ އިންޑިއާ ޕްރައިމް މިނިސްޓަރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމު ޑައިރެކްޓް ކުރުމާއި ޕްރޮޑިއުސް ކުރުމުގެ އިތުރުން އޭނާ އިންދިރާ ގާންދީގެ ރޯލު ކުޅޭނެއެވެ. މި ފިލްމު އުފައްދަނީ 70ގެ އަހަރުތައް ގެނެސްދޭ ފަދަ ބެކްޑްރޮޕެއްގައި ޕީރިއަޑް ޕޮލިޓިކަލް ޑްރާމާއެއްގެ ގޮތުގައެވެ.
މި ފިލްމަކީ ކަންގަނާގެ 'މަނީކަރްނިކާ ފިލްމްސް' އިން އުފައްދާ ފިލްމެކެވެ.