ރައީސްގެ ދެ ކަނބަލުން ބަހްރައިންގެ ބައިތް-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންގެ ޤައުމީ ދާރުލްއާސާރާއި، ބަޙްރައިންގެ ބައިތް-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައި އެދެތަން ބައްލަވާލައްވައިފިއެވެ.

ބަޙްރައިންގެ ޤައުމީ ދާރުލްއާސާރު ރަސްމީކޮށް ހުޅުވައިދެއްވީ 15 ޑިސެމްބަރ 1988 ގައި، އަމީރު ޙުސްނުޢީ ބިން ސަލްމާން އަލްޚަލީފާއެވެ. މި ދާރުލްއާސާރު ހަދާފައި ހުންނަނީ ދެ ޢިމާރާތް ގުޅުވައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާޓް ގެލަރީއަކާއި، ލެކްޗް ހޯލެއް ހިމެނެއެވެ. މި ދާރުލްއާސާރުގައި ބަޙްރައިންގެ ތާރީޚުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައިވެއެވެ.

ބައިތް-އަލް ޤުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް އިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާސާރަކަށް ވުމުގެ ސަބަބުންނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާސާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. އަދި މިތަން ޢިމާރާތްކުރެއްވީ ޤުރުއާނާއި އެނޫންވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުޞްޙަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައެވެ.

ރައީސްގެ ދެ ކަނބަލުން ބަޙްރައިންގެ ޤައުމީ ދާރުލްއާސާރު ބައްލަވައިލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި އިންސްޓިޓިއުޝަންގެ ދާރުލްއާސާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީޚީ ޤުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ބަޙްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

comment ކޮމެންޓް