ދިރުވާލައިގެން ރާއްޖެ އެތެރެކުރި ރަންކޮޅު ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް: ދިރުވާލައިގެން ރަން ރާއްޖެ ގެނައި އިންޑިއާ މީހަކު ވަނީ ޖޫރިމަނާ ކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ މީހަކު ދިރުވާލައިގެން ރާއްޖެ އެތެރެކުރި ރަން ދައުލަތަށް ނަގައި ބޮޑު ޖުރިމަނާއެއް ކޮށްފިއެވެ.

މި އަހަރުގެ ޖުލައި 17 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އެމީހާގެ ހަށިގަނޑުގެ ތެރޭގައި ދެ ބުލެޓް އޮތް ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. އެ ދެ ބުލެޓް ބޭރުވެފައިވަނީ އޭނާ ބޮޑުކަމު ދިޔުމުންނެވެ.

ދެ ބުލެޓްގައި ހުރި ސާމާނުގެ ތެރޭގައި ރަން އަދި އެ ނޫން ވެސް މިކްސްޗާ ހުރި ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. ނަމަވެސް އެތަކެތީގެ ބަރުދަނެއް ބުނެފައެއް ނުވެއެވެ. ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ އެތަކެތި ދައުލަތަށް ނެގުމަށް ވެސް އެދިފައެވެ.

ކަސްޓަމްސް ގާނޫނު ބުނާ ގޮތުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމަކީ ކުށެކެވެ. އެކުށުގެ އުގޫބާތެއްގެ ގޮތުން ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ. ނުވަތަ 10,000ރ. އާއި 240,000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވި ވެސް ދާނެއެވެ.

ޖަލު އަދަބު ނުވަތަ ޖޫރިމަނާ ކުރުމުގެ އިތުރުން މައްސަލައިގައި ހިމެނޭ މުދާ ދައުލަތަށް ނަގަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް އުފުލި ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ ސާބިތުވުމުން 60,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގާޒީ މުހައްމަދު މިސްބާހު ވަނީ ހުކުމް ކުރައްވާފައެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހޭއިރު އޭނާ އެތެރެކުރި ދެ ބުލެޓް ރަން ވަނީ ކަސްޓަމްސްއަށް ނަގާފައެވެ.

comment ކޮމެންޓް