އަނިޔާކުރުން ހައްދުން ނެއްޓުމުން، އޭގެ ބަދަލު ނުހިފާނެ ކަމަށް ފުލުހުން ދެކިގެން ނުވާނެ: މޮސްޓާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މޮސްޓާ ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލީސް

އަނިޔާކުރުން ހައްދުން ނެއްޓުމުން އެ ކުދިން ވެސް އޭގެ ބަދަލު ނުހިފާ ދޫކޮށްލަފާނެ ކަމަށް ދިވެހި ފުލުހުން ދެކިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެެއެވެ.

މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުން ތަކަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު، މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ ފުލުހަކަށް އަނިޔާ ވިޔަސް އެ ވަނީ ހަމަ އަހަރެމެންގެ އާއިލާގެ ކޮންމެ ވެސް މީހަކަށް ކަމަށެވެ. އެހެންކަމުން ފުލުހުންނަށް އެފަދަ ހަމަލާތައް އަންނަންޖެހޭ ސަބަބެއް އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ އެކަން ހިންގަން މެދުވެރިވީ ހޮޓަލުން ސައި ބޮއެގެން ނިކުތް ކުއްޖަކު ހައްޔަރުކޮށްގެން ގެންގޮސް އެ ކުއްޖާއަށް ފުލުހުން އަނިޔާކޮށް އައިސީޔޫއަށް ވައްދާ ހިސާބަށް ކަންތައް ދިޔުމުން ކަމަށެވެ. އަދި އެފަދަ ވަގުތުގައި އޭނާގެ އާއިލާއަށް ލިބޭނެ ހިތާމައަށް ވެސް ވިސްނާލަން ޖެހޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

"ފުލުހުން ޖަޒުބާތުގައި ޖެހޭ ނަމަ، އާއްމު ރައްޔިތުން ވެސް ޖަޒުބާތުގައި ޖެހޭނެ. އެކަން ދަނެގެން ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރަން ވާނީ. އަނިޔާ ކުރުން ހައްދުން ނެއްޓީމަ އެ ކުދިން ވެސް އޭގެ ބަދަލު ނުހިފާނެ ކަމަށް ފުލުހުން ވެސް ދެކިގެން ނުވާނެ. އެތަން މި ފެންނަނީ،" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރާއިރު، އެ އަނިޔާ ލިބޭ މީހުންނަކީ ވެސް ހަމަ ދިވެހި ގޮނޑުދޮއްތަކުގައި ދިވެހި ކަނޑުމަސް ކައިގެން ބޮޑެތިވެފައި ތިބޭ ކުދިން ކަމަށެވެ. އަދި ފުލުހުން ކުރާ އަނިޔާގެ ހަސަދަވެރިކަން ހަމަ އެ ކުދިންގެ ހިތުގައި ވެސް އޮންނާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެފަދަ ކުދިންނަށް އެކަން ހިތުގައި އަޅައިގެން ތިބެވޭނީ ވަކި ހިސާބަކަށް ކަމަށެވެ.

"ފުލުހުން ޒާތީ ވެގެން ކިތަންމެ ބަޔަކަށް އަނިޔާ ކޮށްފައި އެބަހުރި. ފުލުހުން ބޭނުންވާ ނަމަ މަގުމަތިން ބާރަށް ސައިކަލް ދުއްވާލީމަ އެމީހާ އެބަ ހަދާ ޓެރަރިސްޓަކަށް. ޓެރެރިޒަމަށް ދައުވާ އެބަ ކުރޭ. މުޒާހަރާ ތަކުން ހައްޔަރުކުރާ އިރުގައިވެސް އައުގުރާނަ ގޮވާފައި ހައްޔަރުކުރާ ތަން ކިތަންމެ ދުވަހަކު އެބަ ފެނޭ. އެހެންވީމަ އެކަން ތަހައްމަލު ކުރެވޭނީ ވަކި ވަރަކަށް،" މޮސްޓާ ވިދާޅުވިއެވެ.

އެފަދަ ކަންކަމަކީ ދިވެހި ޒުވާނުންނަށް އަނިޔާ ދިނުމުގެ ނަމުގައި ބަޔަކު ރާވައިގެން ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވައި މޮސްޓާ ވިދާޅުވީ އެކަން ހުއްޓައިލުމުން ފުލުހުންނަށް އެގޮތަށް އަނިޔާ ކުރުން ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވިދާޅުވީ މާފަންނުގައި ހަރަކާތްތެރިވާ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން، އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިނުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރު ދިން މީހާ ހަމަ އެވަގުތު ހައްޔަރު ކުރި ކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް ކޯޓުން އިއްޔެ ވަނީ އެމީހާ ދޫކޮށްލާފައެވެ.

comment ކޮމެންޓް