އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ބިލެއް

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ގޮވާލައި މަޖިލީހުގެ ބޭރުގައި ކުރިން ކުރި އިހްތިޖާޖެއްގެ ތެރެއިން -- ސަން ފޮޓޯ

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް އެދި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އޭނާ މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ މިއަދެވެ.

މި ބިލުގައި ވަނީ، އިމިގްރޭޝަން ގާނޫނުގެ ރައްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ މާއްދާގައި، ޤައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް އުނިކަމެއް ފޯރުކޮށްފާނެކަމަށް ބެލެވޭ މީހުންގެ ފަހަތަށް "އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުން"، މިފަދައިން ނަންބަރެއް އިތުރު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ބިލު ހުށަހެޅި ސަބަބުކަމަށް މޮސްޓާ ބަޔާންކޮށްފައި ވަނީ، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް އެކަން ހުއްޓުވުމެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ -- ފޮޓޯ/ މަޖިލިސް

އަދި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެކި ގައުމުތަކުން އިޒްރޭލުގެ ޕާސްޕޯޓުގައި އަންނަ ފަރާތްތައް އެ ގައުމުތަކަށް އެތެރެވުން މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާތީ، ރާއްޖެއިން ވެސް އެ ގައުމުތައް ނަމޫނާއަކަށް ދެކި، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކާ ގާނޫނަށް އިސްލާހު ގެނައުމަކީ މި ބިލު ހުށަހެޅި ސަބަބުކަމަށް މޮސްޓާ ހާމަކޮށްފައި ވެއެވެ.

އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވައިލާ ގަރާރެއް މިދިޔަ މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައި ވެއެވެ. އެ ގަރާރު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސެއިނެވެ.

އިސްރާއީލުން ހިނގަމުންދާ އަސްކަރީ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާރު ވެސް ކުށެއް ނެތް އާންމުންގެ ފުރާނަ ގެއްލި، ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތައް ފަދަ މުހިންމު އިމާރާތްތަށް ވަނީ ހަލާކުވެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 11،000 އަށްވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުން އަދަދު ވަނީ 3000 އަށް އަރައިފައެވެ.

comment ކޮމެންޓް