މޮސްޓާއަށް ދިން ހަމަލާގައި ކުށް ސާބިތުވި މީހުން ޖޫރިމަނާކޮށްފި

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ --

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ދިން ހަމަލާގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ، ޖޫރިމަނާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ދައުވާކުރި ދެ މީހުންނަކީ މާތިއު މުހައްމަދު ޝަކީބާއި އިބްރާހިމް ލުބާން އަބްދުﷲ އެވެ. ދެ މީހުންގެ މައްޗަށް ވެސް ކުރި ދައުވާއަކީ ގައިގައި އަތްލުމުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޮސްޓާއަށް ހަމަލާދޭން އުޅުނީ އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން ދަނިކޮށެވެ. ދައުވާގައިވާ ގޮތުން ޝަކީބާއި ލުބާން، މޮސްޓާއަށް ހަމަލާދިނީ ސައިކަލުގައި ގޮސް އަތުންނެވެ.

މި ދައުވާއަށް މާތިއުއާއި ލުބާން ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އަދި އެ ދެމީހުން ވަނީ ލުއި އަދަބެއް ދިނުމަށް ކޯޓުގައި އެދިފައެވެ.

ކުށަށް އިއުތިރާފުވުމުން އަސާސީ އަދަބުގެ އެއް ދަރަޖަ ލުއިކުރަން ޖެހެއެވެ. ދެމީހުން ވެސް ކުށަށް އިއުތިރާފްވުމާއެކު، އެ ހާލަތުގައި ކަނޑައެޅޭ އަދަބަކީ 27 ދުވަހަށް ޖަލަށް ލުމެވެ.

މި ކުށުގެ ތުހުމަތުގައި ޝަކީބު 21 ދުވަހު ޖަލު ބަންދުގައި ހޭދަކޮށްފައިވާއިރު، ލުބާން ވަނީ 16 ދުވަހު ޖަލު ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމުން ޝަކީބަށް ހުކުމުން ތަންފީޒުކުރަން ހަ ދުވަސް އޮތްއިރު ލަބީބަށް ހުކުމުން ތަންފީޒުކުރަން އޮންނާނީ ބާކީ 11 ދުވަހެވެ. އެއާއެކު މި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ހުކުމް ކުރެއްވުމަށެވެ.

އެގޮތުން ހުކުމް ކޮށްފައި ވަނީ ޝަކީބް 1،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި ލުބާން 2،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އެ ޖޫރިމަނާ ދައްކަން އަންގާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައެވެ.

comment ކޮމެންޓް