ތުއްތު ކުއްޖަކު މަރާލި ދެ މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އަބްދުލްޣަފޫރު ގާސިމް އަދި އަޒީޒާ އިބްރާހީމް --- ސަން ފައިލް ފޮޓޯ

މީގެ 10 އަހަރުކުރިން ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލިކަން ސާބިތުވި ދެ މީހަކު 10 އަހަރާއި ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލާގައި ހުކުމްކޮށްފައި ވަނީ ށ. ފޭދޫ، ބްލޫހެވަން އަބްދުލްޣަފޫރު ގާސިމް،55، އާއި އެރަށު ވައިމަތީގޭ އަޒީޒާ އިބްރާހީމް، 59، ގެ މައްޗަށެވެ.

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު ގޭގެ ގިފިލިތެރޭގައި ވަޅުލާފައި އޮއްވާ ފެނުނީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ދައުލަތުން އުފުލި ކުއްޖަކު މެރުމުގެ ދައުވާއަށް އަޒީޒާ އާއި އަބްދުލްޣަފޫރު ވެސް ވަނީ އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ބަލައިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެއެވެ.

އެ ދެ މީހުންގެ މައްޗަށް ސާބިތުވީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މަރުގެ ދިޔައިގެ ގޮތުގައި އެއް އަހަރުގެ ތެރޭގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް އެ ހުކުމްގައި އެ ދެ މީހުންނަށް އަންގާފައިވެއެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އެ ހުކުމްގައި އެ ދެ މީހުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

އެ ދެ މީހުންގެ ތެރެއިން އަބްދުލްޣަފޫރުގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ވެސް އުފުލިއެވެ. އެ ދައުވާ ސާބިތުވެ އޭނާ 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް