ކޮމިޓީއަށް ގަޑިއަށް ނާދެވުނީ މައްސަރު ކަންތައް ދިމާވުމުންކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެއްޖެ

ޓުރާންސްޕޯޓު މިނިސްޓްރީއިން ބޭއްވި ޕުރެސްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ގަޑިއަށް ނާދެވުނީ މައްސަރު ކަންތައް ދިމާވުމުން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވެއްޖެއެވެ.

އެދުވަހު މިނިސްޓަރު ކޮމިޓީއަށް ހާޒިރުވުން ލަސްވުމުން ކޮމިޓީ ހޫނުވެ އަމުރު ނެރެގެން ވެސް ދެން އަންނަ ކޮމިޓީއަކަށް މިނިސްޓަރު ހާޒިރު ކުރުމަށް އެ ކޮމިޓީން ނިންމިއެވެ. އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދުގެ ކޮމިޓީއަށް ވަޑައިގެން ވިދާޅުވީ ލަހުން އައިސްފައިވަނީ އިހުތިރާމް ކުޑަކުރުމުގެ ގޮތުން ނޫން ކަމަށެވެ.

"ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ.." މިނިސްޓަރު ވިދާޅުވިއެވެ.

ކޮމިޓީއަށް ހާޒިރުވުން ލަސްވުމުން އެކަމަށް މައާފަށް އެދެމުން މިނިސްޓަރު ވިދާޅުވީ ލަސްވާނެ ވާހަކަ މަޖިލީހަށް އެދުވަހު އަންގާފައިވާނެ ކަމަށެވެ.

އެއަށް ރައްދުދެއްވާ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރަމުންދަނީ ވަރަށް ފްލެކްސިބަލް ކޮށް ކަމަށެވެ. އަދި ވަޒީރަކަށް ވަޑައިނުގެންނެވޭނެ ކަމުގެ އިޝާރާތް ކުރައްވަވާ، ކޮމިޓީއަށް އެކަންކަން ހިއްސާކޮށްފައިވާނަމަ، އެކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށާއި ކޮމިޓީއަށް ޖަވާބުދާރީ ވާން ޖެހޭނީ މިނިސްޓްރީތަކުން މިނިސްޓަރެވެ. އަދި މިނިސްޓަރު އެކުލެވޭ ގޮތަށް ޓީމެއްގެ ގޮތުގައި ވެސް ޖަވާބުދާރީ ވެވޭނެއެވެ. އެދުވަހު މިނިސްޓަރު ވަޑައިގެންއިރު ކޮމިޓީ ނިންމާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް