ޔުކްރެއިންގައި ރަޝިއާއަށް އަސްކަރީގޮތުން ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިއްޖެ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ކިޔޭވް (12 ސެޕްޓެމްބަރު 2022): ޔުކްރެއިން ސިފައިންގެ ވަރުގަދަ ހަމަލާތަކާއެކު ރަޝިޔާގެ ސިފައިން ޔުކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކީވްއިން ފާބައިފިއެވެ.

ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވަނީ ޚަރްކީވް މިނިވަން ކުރެވުމަކީ ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޔުކްރެއިންއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ސިފަކުރައްވާފައެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ވެސް ވަނީ އެގައުމުގެ ސިފައިން ޚަރްކީވްއިން ފޭބިކަން ކަށަވަރުކޮށްދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާ ސިފައިން ޚަރްކީވްއިން ފޭބީ ޔޫކްރެއިން ދޭ ހަމަލާތައް ވަރުގަދަވެ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބުމާއެކު ޚަރްކީވްގައި ދެމިތިބުމަކީ ބޮޑު އަގެއް ދައްކަންޖެހޭ ކަމެއްކަމަށްވާތީ އެސިޓީގައި މިވަގުތު ތިބުން ސްޓްރެޓީޖިކް ގޮތުން މުހިންމު ނުވާތީއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާން އީގޯރު ކްނަޝިންކޯވް ވިދާޅުވިގޮތުގައި ރަޝިއާ ސިފައިން ޚަރްކީވްއިން ފޭބުމަކީ ޓެކްޓިކެކެވެ. ސްޓްރެޓެޖީއެއް ނޫނެވެ. ނަމަވެސް ލަސްތަކެއްނުވެ ރަޝިއާ ސިފައިންގެ ބޮޑު ލަޝްކަރެއް ޔުކްރެއިންގެ ޑޮނިޔެސްކް ސަރަހައްދަށް މިސްރާބު ޖަހާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަރްކިވް އިން ރަޝިއާ ސިފައިން ފާބާފައި

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔުކްރެއިންއިން ވަނީ ޚާރްކީވް އާއި އެސިޓީގެ ވަށައިގެންވާ އަވަށްތަކުގައިތިބި ރަޝިއާ ސިފައިންނަށާއި ރަޝިއާ ސިފައިންގެ ހަތިޔާރު ގުދަންތަކަށާއި ސަޕްލައި ޗެއިންތަކަށާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށް ވަރަށް ކާމިޔާބު ހަމަލާތަކެއް ދީފައެވެ.

މިކަން ޔުކްރެއިންއަށް ކުރެވުނީ އެމެރިކާއިން ސެޓަލައިޓްތަކުންނާ އެނޫން ވަސީލަތްތައް ބޭނުންކޮށްގެން ރަޝިއާގެ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް ބަލައި ފާރަލައި ޖާސޫސީކޮށްގެން ހޯދަމުން ގެންދާ ސިއްރު މައުލޫމާތު ޔުކްރެއިން އާ ހިއްސާކޮށްގެންކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ނިޔުޔޯކް ޓައިމްސް" ބުނެއެވެ.

ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީވެސް ވިދާޅުވިގޮތުގައި އެމެރިކާގެ ވަރަށް ބޮޑު އެހީތެރިކަމެއް ނުލިބުނުނަމަ ރަޝިއާގެ މައްޗަށް މިފަދަ ކުރިއެރުމެއް ހޯދުމަކީ ޔުކްރެއިން ސިފައިންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

ރަޝިއާ ސިފައިންނަށް ޔުކްރެއިންގެ ޚަރްކީވްގައި ލިބުނު ނާކާމިޔާބީތަކާ ގުޅިގެން ރަޝިއާގެ އަސްކަރީ ތަޖްރިބާކާރެއް ކަމަށްވާ ޗެޗްނިއާގެ ރައީސް އަދި ރަޝިއާގެ މުސްލިމް ކޮމާންޑަރެއްކަމަށްވާ ރަމަޟާން ގަދީރޯވް ވަނީ ރަޝިއާގެ އަސްކަރީ ޕްލޭންތަކަށް ފާޑު ވިދާޅުވެފައެވެ.

ގަދީރޯވް ވިދާޅުވިގޮތުގައި ރަޝިއާ ޔުކްރެއިންގައި ހަނގުރާމަކުރަނީ މުޅި ނޭޓޯއާ ދެކޮޅަށެވެ. ނޭޓޯގެ ހުރިހާ ގައުމަކުން ޔުކްރެއިން އަށް އެހީވާއިރު ޖާސޫސީ މައުލޫމާތުތައްވެސް އިންތިހާއަށް ފޯރުކޮށްދެއެވެ. މިހުރިހާ ގައުމުތަކެއް ޕްރޮކްސީކޮށް ޔުކްރެއިންގެ ބިމުގައި ރަޝިއާއާ ހަނގުރާމަ ކުރަމުން ގެންދިޔަނަމަވެސް ގޯސްތަކެއް ނުހެދުނުނަމަ އަދި ފަރުވާކުޑަ ނުކުރެވުނުނަމަ ޚަރްކީވްގައި ރަޝިއާ ސިފައިން ފަހަތަށް ޖެހެން ނުޖެހުނީސްކަމަށް ރަމަޟާން ގަދީރޯވް ވިދާޅުވިއެވެ.

ރަޝިއާގެ ޖުމްހޫރިއްޔަތެއް ކަމަށްވާ ޗެޗްނިއާގެ ރައީސް ރަމަޟާން ގަދީރޯވްއަކީ ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ޕޫޓިންގެ އަސްކަރީ މުސްތަޝާރެއްވެސްމެއެވެ. ޗެޗްނިޔާގެ ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ގަދީރޯވް ވަނީ ޔުކްރެއިންގައި ރަޝިއާއަށް ގެއްލުނު ސަރަހައްދުތައް (ރަޝިއާ ސިފައިން ފަހަތަށްޖެހި ފައިބަން ޖެހުނު ސަރަހައްދުތައް) ލަސްތަކެއް ނުވެ އަލުން ހިފާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޔުކްރެއިންގެ ޚަރްކީވް

ގަދީރޯވް ވިދާޅުވިގޮތުގައި ޚަރްކީވްގައި ރަޝިއާ ސިފައިންނަށް ވަނީ ގޯސްތަކެއް ހެދިފައެވެ. އެގޯސްތައް އަލުން ރަނގަޅުކޮށް ކުޅިފަސް އަނބުރައި ހޯދާނެކަމަށާ އެވަރުގެ އަސްކަރީ ގާބިލްކަން ރަޝިއާގެ ކިބާގައި އެބަ ހުރިކަމަށް ގަދީރޯވް ވިދާޅުވިއެވެ.

ރަޝިޔާގެ ސިފައިން ޔުކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ޚަރްކީވްއިން ފައްސާލުމުގައި ޔުކްރެއިން ހޯދި ކާމިޔާބީއާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދާއި ނޭޓޯގެ ގައުމުތަކުން ގެންދަނީ އުފާފާޅު ކުރަމުންނެވެ. ޔުކްރެއިން ސިފައިންނަށާއި ރައީސް ޒެލެންސްކީގެ ސަރުކާރަށް ތައުރީފްކޮށް ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ޔުކްރެއިން އަށް ވަރަށް ހިއްވަރު ދެމުންނެވެ.

މިކާމިޔާބީއާ ގުޅިގެން ޔުކްރެއިންގެ ރައީސް ޒެލްންސްކީވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށާއި އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝުކުރު އަދާ ކުރައްވާފައެވެ.

ޚަރްކީވްގައި ލިބުނު ގެއްލުންތަކަށްފަހު ރަޝިއާ ސިފައިންވަނީ ޔުކްރެއިންގެ އެތަންމިތަނުގައިވާ ޔުކްރެއިން ސިފައިންގެ ކޭޕްތަކަށާއި ކޮމާންޑް ސެންޓަރުތަކާއި ހަތިޔާރު ގުދަންތަކަށާއި އިންފްރާސްޓްރަކްޗަރަށް ބާރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. ރަޝިއާއިން އިއްޔެއާއި އޭގެ ކުރީދުވަހު ޔުކްރެއިން ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޔުކްރެއިން ސިފައިންގެ ތިން ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް