އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަކީ އަމާޒެއް: ރައީސް

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ތެރެެއިން --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރު ކުރުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލް ޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ ރައީސް ޞާލިޙެވެ.

އެ ޕެނަލް ޑިސްކަޝަންގައި ރައީސް ވިދާޅުވީ ސިޔާސީ, އިގްތިސޯދީ އަދި އިޖުތިމާއީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ތެރެެއިން --- ފޮޓޯ/ ރައީސް އޮފީސް

ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޖެންޑަ އީކުއަލިޓީ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލައި މިހާރު ފާސްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ މައިދާނުތަކުގައާއި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ ކަންކަން މިހާރު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުގައި މިހާރު އަންހެނުންގެ ނިސްބަތަކީ 33 ޕަސެންޓް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އަމާޒަކީ ވެސް އަދި އުންމީދަކީ ވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ތެރެެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވަނީ ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކަން ވެސް ފާހަގަކުރައްވާފައެވެ.

"އިންތިޚާބީ މަގާމުތަކުގެ ތެރެއިން ކައުންސިލްތަކުގެ، 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ކަނޑައަޅާފައިވާއިރު މިހާރު ކައުންސިލްތަކުގެ 39.8 ޕަސެންޓަކީ އަންހެން ކައުންސިލަރުން،" ރައީސް ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި ފުރަތަމަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މިންތީގެ ހަމަހަމަކަމުގެ މައްޗަށެވެ.

އެ ސެޝަންގެ ރިޔާސަތު ރައީސް ޞާލިޙު ބަލަހައްޓާފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މިނިސްޓަ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއީލާއި، މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް، އަޙްމަދު މަޚްލޫފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު، ޖީހާން މަޙްމޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ތެރެެއިން --- ފޮޓޯ/ ރައީސް އޮފީސް

އެ ސެޝަންގައި، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ޖެންޑަ މިނިސްޓަރު ޢާއިޝަތު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މައުލޫމާތު ހިއްސާ ކުރައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.

މީގެ އިތުރުން ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން ބޭއްވި "ފަނޯއްލަ" ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރަން ބޭނުންވާ އިތުރު ކަންކަން ފާހަގަކުރުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ވަނީ ފުރުސަތު ދީފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިިން 107 ބޭފުޅުންނާއެކު ޖުމްލަ 270 ބޭފުޅުން ބައިވެރިވެއެވެ.

comment ކޮމެންޓް