ހުދުއަލި ބިއްލޫރި ޕްރިސަމްގެ ތެރެއިން ދަތުރުކުރުމުން އަލީގެ ކުލަތައް ފެނޭ

ސައެންސްވެރިން ބުނާގޮތުގައި އަލި އެއީ ހަކަތައެކެވެ. އަދި އަލި ބެލެވެނީ މުޅިކައުނުގާވެސް އެންމެ ބާރަށް ދަތުރުކުރާ އެއްޗެއްގޮތުގައެވެ. ލޮލަށް މިފެންނަ އަލި އެކުލެވިގެންވަނީ އެތައް ބައިވަރު ކުލަތަކެއްގެ މައްޗަށެވެ. އިރުން އަންނަ ހުދު އަލީގެ ދޯދިތައް ވިއްސާރަދުވަސްވަރު ޖައްވުގައި ހުންނަ ފެނުގެއާވީގެ (ވޯޓަރވޭޕަރ) ތެރެއިން، ވަކިއެންގަލަކުން ދަތުރުކުރުމުން އެދޯދިތަކުގައި ހުންނަ އެކިކުލަތައް – ވިއްސާރަ ދުނީގެ ގޮތުގައި ފެނެއެވެ. ސައެންޓިފިކް ގޮތުން ބުނަނީނަމަ އަލި މިއީ އެލެކްޓްރޯމެގްނެޓިކް އެނެޖީގެ ބާވަތެކެވެ. އިންސާނުންގެ ލޮލަށް ފެނުމުގެ ކުޅަދާނަކަން ދެއްވާފައި މިވަނީ މުޅި އެލެކްޓްރޯމެގްނެޓިކް ސްޕެކްޓްރަމްގައި ހިމެނޭ އެނެޖީ ވޭވްތަކުގެ ވަރަށް ކުޑަ ތަންކޮޅެކެވެ. އެއީ އަލި (ލައިޓް) މިހިމެނޭ އެލެކްޓްރޯމެގްނެޓިކް އެނެޖީގެ ބާވަތެވެ. އާއްމުކޮށް ދެން އަޑުއިވޭ އެލެކްޓްރޯމެގްނެޓިކް އެނެޖީގެ ބާވަތަކީ އަލްޓްރާވައިލެޓް އަދި އިންފުރާރެޑް ގެ ބާވަތެވެ. މި ދެބާވަތުގެ އެލެކްޓްރޯމެގްނެޓިކް އެނެޖީ ފެނުމުގެ ކުޅަދާނަކަމެއް އިންސާނުންގައި ލައްވާފައެއް ނުވެއެވެ. ނަމަވެސް ބައެއް އެހެން ޖަނަވާރުތަކަށް މި ދެބާވަތުގެ އެލެކްޓްރޯމެގްނެޓިކް އެނެޖީ ވޭވްތައް ދެނެގަތުމުގެ ކުޅަދާނަކަން ދެއްވާފައިވެއެވެ. އިންސާނުން އަލްޓްރާ ވައިލެޓް އަދި އިންފުރާރެޑް ވޭވްތައް ދެނެގަތުމަށް / ދުށުމަށް އެކިބާވަތުގެ ކެމެރާ ބޭނުންކުރެއެވެ.

އެލެކްޓްރޯ މެގްނެޓިކް ސްޕެކްޓްރަމްގެ ބައެއް

އެކިކުލައިގެ އަލިތައް

އެކިއެއްޗިއްސަށް އަލި އެޅުމުން އެއެއްޗެއްގެ ހުންނަ ސިފަތަކާގުޅިގެން އެކިގޮތްގޮތަށް އަލި ހަރަކާތްކުރެއެވެ. ބައެއްބާވަތުގެ ތަކެއްޗަށް އަލިއެޅުމުން އަލި އެއެއްޗެއްގައިޖެހި އެނބުރި އައިކޮޅަށް ދެއެވެ، ރިޕްލެކްޓް ވެއެވެ. އަނެއްބައި ތަކެތީގައި އަލިޖެހުމުން އޭގެތެރޭން އަލި ދަތުރުކުރެއެވެ. މިސާލަކަށް ސާފު ބިއްލޫރިއަށް (ބިއްލޫރި ފުޅި ނުވަތަ އެއްފަރާތުން އެނެއްފަރާތް ފެންނަ ބިއްލޫރި) އަލިއެޅުމުން އެބިއްލޫރީގެ ތެރެއިން، އެއްފަރާތުން އަނެއްފަރާތަށް އަލިދަތުރުކުރެއެވެ. އަދި ވަކިއޭންގަލެއްގައި ހުދުއަލީގެ ދޯދިތައް ބައެއްއެއްކަހަލަ ތަކެތީގެ އެތެރެއިން ދަތުރުކުރުމުން ހުދުއަލި އެކުލެވިފައިހުންނަ އެކިކުލައިގެ އަލިތައް އެކިއެންގަލްތަކަށް ލެނބެއެވެ. މިސާލަކަށް ބިއްލޫރި ޕްރިސަމެއްގެ ތެރެއިން ހުދުއަލި ދަތުރުކުރުމުން އެކިކުލަތަކުގެ އަލި ފެނެއެވެ.

އެކިކުލައިގެ ތަކެތި

ވަށައިގެންމިވާ މާހައުލުގައި ހުންނަތަކެތި އެކި ކުލަކުލައިގައި މިފެންނަނީ އެތައް ބައިވަރު ކުލައެއްހިމެނޭ ހުދުއަލި އެއެއްޗެއްސަށް އެޅުމުން އެތަކެތިން ރިފްލެކްޓްވެގެން އަންނަ އަލި ލޮލަށް ވަނުމުންނެވެ. ހުދުކުލައިގައި ފެންނަ ތަކެއްޗަކީ ހުރިހާ ކުލައެއްގެ އަލި ރިފްލެކްޓްކުރާ ތަކެއްޗެވެ. ގަހުގެ ފަތްތައް ފެހިކުލައިން އެފެންނަނީ ގިނަކުލަތަކުން އުފެދިފައި ހުންނަ ހުދުއަލި ފަތަށްއެޅުމުން ފެހިއަލި އެފަތްތަކުން ރިފްލެކްޓްކުރާތީއެވެ. އަދި އެހެން ކުލަތައް އެއަށް ވަދެގެންދާތީ (އެބްސޯބްކުރާތީ) އެވެ. ކަޅުކުލައިގަ ތަކެތި ފެންނަނީ އެތަކެތި ހުރިހާކުލައެއްގެ އަލި އެއަށް އެބްސޯބް ކުރާތީ / ވަދެގެން ދާތީއެވެ. ހަމަމިފަދައިން ޖައްވުގެ ތެރޭގައި ހުދުއަލި ދަތުރުކުރާ އޭންގަލްގެ (މިސްރާބު) ސަބަބުން ދުވަހުގެ އިރުއަރާއިރު އަދި އިރުއޮއްސޭއިރު އުޑުމައްޗަށް އޮރެންޖު/ރަތްކުލަ އާދެއެވެ.

އެކިކުލައިގެ އަލީގެ ބާރު

ބިއްލޫރީގެ ތެރެއިން އަލި ވަދެގެންދާކަހަލަގޮތަކަށް، ފެން ނުވަތަ ލޮނުގަނޑަށް އަލި އެޅުމުން ލޮނުގަނޑުގެ ތެރެއަށް އަލި ވަދެގެން ދެއެވެ. އަދި މީގެއިތުރުން ލޮނުގަނޑުގެ މަތީ ފަށަލައިގައި އަލިޖެހުމުން އަލީގެ ބައެއް ޖައްވުގެތެރެއަށް އަނބުރާ ފޮނުވާލައެވެ. ރިފްލެކްޓް ވެއެވެ. ހުދުއަލި އުފެދިފައި ހުންނަނީ ތަފާތު ކުލަތަކުގެ އަލިނެވެ. މި އަލިތަކުގެ ދޯދި ތަކަށް ލިބިފައިވާ ބާރުވެސް ތަފާތެވެ. ލޮލަށްފެންނަ އަލިހިމެނޭ ސްޕެކްޓްރަމަށް ބަލާލުމުން އެއްކޮޅުގައި ވަނީ ރަތްކުލައެވެ. އަދި އެކޮޅުގައި ހަމަ ރަތްކުލަޔާ ވިދިގެން އިންސާނުންގެ ލޮލަށް ނުފެންނަ އިންފުރާރެޑް ދޯދިތައް ހިމެނެއެވެ. ސްޕެކްޓްރަމްގެ އަނެއްކޮޅުގައި ހިމެނެނީ ނޫ އަދި ވައިލެޓް ކުލައެވެ. އަދި އެވައިލެޓް ކުލައާ ވިދިގެން އިންސާނުންގެ ލޮލަށް ނުފެންނަ އަލްޓްރާވައިލެޓް ދޯދިތައް ހިމެނެއެވެ. މި ދޯދިތަކުގެ ބާރަށް ނުވަތަ އެއްޗެހީގެ ތެރެއަށް ވަދެގެން ދިއުމުގެ ގާބިލުކަމަށް ބަލާއިރު ނޫ އަދި ވައިލެޓްކުލައިގެ ދޯދި ތަކުގެ ބާރުގަދައެވެ. އޮރެންޖު އަދި ރަތްކުލައިގެ ދޯދި ތަކުގެ ބާރު ކުރިންބުނި ދެކުލައަށްވުރެ ދެރައެވެ. ހަމަ އެގޮތަށް އިންސާނުންގެ ލޮލަށް ނުފެންނަ އިންފުރާރެޑްގެ ބާރު އަލްޓްރާވައިލެޓަށް ވުރެ ދެރައެވެ.

މާކަނޑުގައި އަލި

ހުދުއަލި ކަނޑުގެ ތެރެއަށް ވަދެގެން ދާމިންވަރު ބިނާވެފައި ހުންނަނީ ހުދުއަލި އުފެދިފައިހުންނަ ތަފާތުކުލަތަކުގެ އަލިތަކުގައި ހުންނަ ހަކަތައިގެ މިންވަރު (އެނެރޖީ ސްޓރެންގތް) ގެ މައްޗަށެވެ. އެހެންކުލަތަކުގެ އަލިތަކާ އަޅާބަލާއިރު ރަތް އަދި އޮރެނޖު ކުލައިގެ އަލީގެ ބާރު ދައްވުމުން ލޮނުގަނޑުގެ ތެރެއަށް މިކުލައިގެ އަލި ވަދެގެންދާވަރު ކުޑައެވެ. ޕެނެޓްރޭޝަން ޕަވަރ ދަށެވެ. މިއާ ހިލާފަށް ނޫކުލައިގެ އަލީގެ ބާރުގަދަވުމުން މިކުލައިގެ އަލި ލޮނުގަނޑުގެ ތެރެއަށް ވަދެގެންދާ މިންވަރު ބޮޑެވެ. ނޫކުލައިގެ އަލީގެ ޕެނެޓްރޭޝަން ޕަވަރ މައްޗެވެ. އެހެންވުމުން ފުންކަނޑުގެ ތެރެއަށް، ފުނަށް ނޫކުލައިގެ އަލި ވަދެގެންދެއެވެ. މިގޮތަށް ކަނޑުގެ ފުންމިނުގެ 200 މީޓަރެއްހާ ހިސާބަށް މި ނޫއަލީގެ އަލިކަން ކޮންމެވެސް ވަރަކަށް ފޯރައެވެ. އޭގެސަބަބުން މުޅިމާކަނޑުގައި ކަޅުނޫކުލައެއް ހުރެއެވެ. އަދި 200 މީޓަރާހިސާބުން ފެށިގެން 1000 މީޓަރާގާތަށް ވަރަށް ވަރަށް ފަނޑުފަނޑު އަލީގެ އަސަރެއް ހުރެއެވެ. ނަމަވެސް 1000 މީޓަރުން އަޑިއަށް އިރުގެއަލީގެ އެއްވެސް ކަހަލަ އަސަރެއް ނުފޯރައެވެ. 200 މީޓަރާ 1000 މީޓަރާ ދެމެދު ސަރަހައްދަށް އިނގިރޭސިން ކިޔަނީ ޓުވައިލައިޓް ޒޯނެވެ.

މާކަނޑުގެ ދިރުމާއި އަލި

ކަނޑުތަކުގެ އެކިފުންމިނަށް ބަލާއިރު ކަނޑުގައި އެންމެގިނަ ކަންތައްތައް ހިނގާ، އެންމެގިނަ ދިރޭތަކެތި ހަރަކާތްތެރިވަނީ ކަނޑުގެ އެންމެ މަތީފަށަލައިގައެވެ. އެންމެ މަތީ 100 މީޓަރު ތެރޭގައެވެ. މިފަށަލައިގައި ކާނާގެ ވިއުގަރ ފެށުމުގައި ހިމެނޭ، އަމިއްލައަށް އިރުގެއަލި ބޭނުންކޮށްގެން ކާނާއުފައްދާ ފަނިފަކުސާ (ޕްލެންކްޓަން) އުޅެއެވެ. މާކަނޑުތެރޭ އުޅޭ، ހަމަލޮލަށް ރަނގަޅަށް ނުފެންނަ، މިތަކެތި ހުންނަނީ ސާފު ބިއްލޫރި ކުލައިގައެވެ. އަދި މިތަކެތި ކައިގެން އުޅޭ އެކިބާވަތުގެ ކުދި ދިރޭތަކެތިވެސް މިސަރަހައްދުގައި އުޅެއެވެ. ދެންހަމަ މިކުދިކުދި ތަކެތި ކައިގެންއުޅޭ ކުދިމަހާއި އެމަސްތައް ކައިގެންއުޅޭ ބޮޑެތިމަސްތައްވެސް ކަނޑުގެ މަތީފަށަލައިން ފެނެއެވެ.

ފުންކަނޑުތަކުގައި އުޅޭ ދިރުންތަކުގެ ތެރެއިން ނޫކުލައިގައި ހުންނަ ދިރުންތައް ފެނުމަށް ފަސޭހަވެއެވެ. އެހެނީ ހުދުއަލީގައި ހިމެނޭ ނޫކުލައިގެ އަލި މިފަދަ ދިރޭތަކެތީގައި ޖެހުމުން ރިޕްލެކްޓް ކުރާތީއެވެ. ފުންކަނޑުގައި އުޅޭ ރަތްކުލައިގެ ތަކެތި ކަނޑުގެ ފުންހިސާބުތަކުގައި އުޅޭއިރު ނުފެނެއެވެ. އެހެނީ ހުދުއަލީގައި ހިމެނޭ ރަތްކުލައިގެ އަލި ކަނޑުގެ މަތީފަށަލައިން (ކަނޑުގެ މާއަޑިއަށް ދަތުރު ނުކުރަނީސް) އެބްސޯބް ކޮށްލާތީއެވެ. ރަތްކުލައިގެ އަލީގެ ހަކަތަ ދައްވުމުން ކަނޑުގެ ފުންހިސާބަށް ދަތުރުނުކުރާތީއެވެ. މިސާލަކަށް ކަނޑުގެ ފުންހިސާބުތަކުން (300 – 400 މީޓަރު) ބާނާ ރަތްގިއުޅު، އެފަދަފުނުގައި އުޅޭއިރު ނުފެންނާނެއެވެ. އެއީ އެމަސް އުޅޭ ހިސާބަށް ރަތްކުލައިގެ އަލި ނުފޯރާތީއެވެ. ކުރިންވެސް ފާހަގަ ކުރިހެން ރަތްކުލައިގައި ހުންނަ ތަކެތި ރަތްކުލައިގައި ފެންނަނީ އެތަކެތިން ރަތްކުލައިގެ އަލި ރިފްލެކްޓު ކުރާތީއެވެ. ރަތްގިއުޅު ބޭނުމުން ރަތްކުލައިގަ ފެންނަނީ އިރުގެ ހުދުއަލި ރަތްގިއުޅުގައި ޖެހުމުން ރަތްކުލައިގެ އަލި ރިފްލެކްޓްކޮށް އަދި އެހެން ހުރިހާކުލަތަކުގެ އަލި ރަތްގިއުޅު އެބްސޯބު ކުރާތީއެވެ.

ކަނޑުގެ ފުންމިނުގައި 11000 މީޓަރު ހުންނަ ތަންތަން މިހާރު ރެކޯޑުކުރެވިފައި އެބަހުއްޓެވެ. ރާއްޖޭގެ މާކަނޑުގައިވެސް 5000 މީޓަރަށްވުރެފުން ސަރަހައްދު އެބަހުއްޓެވެ. މާކަނޑުގައި އަޅާފައި ހުންނަ އޮއިވާލި ކަނދުފަތިތައް އަޅާފައި ހުންނަ ތަންތަނުގެ ފުނުމިނުގައި 2000 އަދި 3000 މީޓަރުގެ ފުންމިން ހުރެއެވެ. ފުން ކަނޑުގެ އަނދިރީގައި ދިރިއުޅޭތަކެތި ރޭގަނޑުގެ ކަނުއަނދިރީގައި ކޮންމެވެސްވަރަކަށް ކަނޑުގެ މަތީ ފަށަލައާގާތަށް މައްޗަށް އަރައެވެ. މާކަނޑުގެ ފުންހިސާބުތަކުން ހިފާ ތުތިބޯވަދިލަމަސް (ޑައިމަނޑްބެކް ސްކުއިޑް) އާއްމުކޮށް 500 މީޓަރު އަޑީގައި (ކަނުއަނދިރީގައި) އުޅުނަސް ރޭގަނޑު ތިލަވެއެވެ.

comment ކޮމެންޓް