އައިންހެދުމުން މަހަށްލިބޭ ފައިދާ

އައިންހަދައިގެން އުޅޭ މަސް

ޖަނަވާރު އުޅޭގޮތައް ބަލާއިރު އެންމެ ހައިރާންކުރަނިވި އެއްކަމަކީ އެކިސައިޒުގެ ބައިބައިގަނޑު - އައިން ހަދައިގެން އުޅޭކަމެވެ. އެއީ ހަމައެކަނި މަސްމަހާމެއްސެއް ނޫނެވެ. ދޫނިސޫފާސޫފި އަދި އެނޫންވެސް އެއްގަމުގައި އުޅޭ އެތައް ޖަނަވާރެއް އައިން ހަދައިގެން އުޅެއެވެ. މަސްތަކަށް ބަލާއިލާއިރު އައިން ހަދައިގެން އެންމެ އާއްމުކޮށް އުޅެނީ ހަރުކަށި ހުންނަ ޒާތުގެމަސް - (ބޯނީ ފިޝް) އެވެ. ބެލެވޭގޮތުގައި ދުނިއޭގައި ލައްވާފައިވާ މަހުގެ ތެރެއިން %25 މަސް މިގޮތަށް އައިން ހަދައެވެ. މުޅިދުނިއޭގައި އިންސާނުން ހިފާ އެކިބާވަތުގެ މަހަށް ބަލާއިރު ގާތްގަނޑަކަށް %50 މަހަކީ އައިންހަދައިގެން އުޅޭ މަހުގެ ބާވަތްތަކެވެ. މީގެތެރޭގައި ކަނޑުމަހުގެ ބާވަތްތައްވެސް ހިމެނެއެވެ.

އައިންހެދުމުން ލިބޭ ރައްކާތެރިކަން

މިގޮތަށް ބަލާއިރު އެކެނި އުޅުމަށްވުރެ އައިންހަދައިގެން އުޅުމުން އެހެން އެއްޗެހީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ކުޑަވެއެވެ. އެއީ އައިނެއްގައި އެތައްބައިވަރު މަސްހިމެނުމުން އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވާނަމަ ފަސޭހައިން ދެނެގަނެވޭތީއެވެ. އަދިހަމަލާދޭން އަންނަ އެއްޗެހިން ފަސޭހައިން ސަލާމަތްވުމުގެ ފުރުސަތު އިތުރުވެއެވެ. މީގެ އިތުރުން ހަމަލާދޭން އަންނަ އެއްޗެހީގެ ފޯކަސް ގެއްލުވާލަން ފަސޭހަވެއެވެ. އެތައްބައިވަރު އެއްކަހަލަ މަސްތަކެއް އެއްފަހަރާ ހަރަކާތްތެރިވާން ފެށުމުން އެއްމަހަކަށް ފޯކަސްކޮށް ހަމަލާދިނުމަށް އުނދަގޫވެއެވެ. އެހެންވުމުން އެކަނި އުޅޭ މަހަކަށް ލިބޭ ރައްކާތެރި ކަމަށްވުރެ އައިންހަދައިގެން އުޅޭ މަސްތަކަށް ލިބޭ ރައްކާތެރިކަން ބޮޑުވެއެވެ. ދިރާސާތަކުން އެނގޭގޮތުގައި ބޮޑެތި މަސްއައިންތަކަށް ހަމަލާދީ ސިކާރަކުރާ ފަހަރުތަކުގައި ޝިކާރަކުރާ އެއްޗަކަށް ކާމިޔާބު ވުމުގެ ފުރުސަތު ކުޑަވެއެވެ.

އައިންހަދާގޮތް

މަސް އައިނުގައި ބައިވެރި ވުމުގައި މަސް އެކިއައިންތަކުގެ ސައިޒަށް ބަލާ ބައިވެރިވުމަށް ހިޔާރުކުރެއެވެ. ބެލެވޭގޮތުގައި މަސްއައިން އުފެދުން ބިނާވެފައި އޮންނަނީ އެކަނިއުޅޭ މަހެއް އެސޮރު މަސްއައިނުގައި ބައިވެރިވުމުން ލިބޭ ފައިދާތަކުގެ މައްޗަށެވެ. ކަނޑުމަހުގެ ބާވަތްތައް އައިންހެދުމަށް އެއްތަނަކަށް ޖަމާވެއެވެ. މިގޮތުން ކަނޑުތެރޭގައި އޮޔާދާތަކެތީގެ ކައިރިއަށް މަސްތައް ޖަމާވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެތެރޭގައި އޮއިވާލި، ކަނޑުގައި އަޅާފައިހުންނަ އެކިބާވަތުގެ ބޮއި އަދި ޕްލެޓްފޯމްތައް ހިމެނެއެވެ. އެކިބާވަތުގެ އަދި އެކިސައިޒުގެ ކަނޑުމަހުގެ ބާވަތްތައް މިފަދަ ފެންމަތީ ނުވަތަ ދެފެންދޭތެރޭ ހުންނަތަކެތި ކައިރިއަށް ޖަމާވެއެވެ. އަދި ޖަމާވެފައިވާ މަސްތައް ވަކިވަރަކަށް ގިނަވުމުން އެއްސައިޒެއްގެ އަދި އެއްބާވަތެއްގެ މަސް އެތަންދޫކޮށް އައިންހަދައިގެން ކަނޑުތެރެއަށް ނުކުމެ ދަތުރުފަށައެވެ. މިގޮތަށް އެއްބާވަތެއް އަދި އެއްސައިޒެއްގެ މަސް އެކުގައި އުޅުމުން އައިނުގައި އުޅޭމަސްތަކަށް އެކިބާވަތުގެ ފައިދާލިބެއެވެ.

ކާތަކެތި ހޯދުން

އެކުގައި އައިންހަދައިގެން ދަތުރުކުރާ މަސްތަކަށް ކާތަކެތި ހޯދުމުގައި ފަސޭހަތަކެއް ހުރެއެވެ. އެހެނީ އެކުގައި އުޅުމުން ލިބޭ ރައްކާތެރިކަން އިހުސާސުކުރެވުމުން ކާނާހޯދުމަށް ހޭދަކުރެވޭ ވަގުތު އަދި ސަމާލުކަން އިތުރުވެއެވެ. އަދި އެތައްސަތޭކަ މަހެއް އެއްފަހަރާ ކާތަކެތި ހޯދުމަށް މަސައްކަތްކުރުމުން އެކިބާވަތުގެ ކާތަކެތި ހޯދާ އެތަކެތި ޝިކާރަކުރުމަށް ނުވަތަ އަތުލައިގަތުމަށްވެސް ފަސޭހަވެއެވެ. ކާތަކެތި ލިބޭ ސަރަހައްދުތައް ހޯދުމަށްވެސް ފަސޭހަވެއެވެ. މީގެ އިތުރުން ބޮޑު ބައިގަނޑަކަށް (އައިނެއް) އެއްފަހަރާ ޝިކާރަކުރަން ދިމާކުރުމުން އެހެންބާވަތުގެ އެކަނި ޝިކާރަކުރާ ތަކެތި އެތަނަކުން ދުރަށްޖެހެއެވެ. އައިން މާބޮޑަށް ބޮޑުވުމަކީވެސް ކާނާހޯދުމަށް އުނދަގޫ ކުރިމަތިވާކަމެކެވެ. އެހެނީ އައިންތެރޭގައި ހިމެނޭ ކޮންމެމަހެއް އައިނުގައި ދެންތިބި އެހެންމަސްތަކާ، ކާނާ ހޯދުމުގައި ވާދަކުރަން ޖެހުމެވެ. މިހެންވުމުން އައިންއެކުގައި އުޅުނަސް އައިނުގެތެރެއިން އެކިބައިގަނޑު އުފެދި ވަކިވަކިން ޝިކާރަކުރުމަށް މަސައްކަތްކުރެއެވެ. މިފަދަ ހާލަތަށް ކަންތައް ދިއުމުން އައިނުގައި ހިމެނޭމަސްތައް އިތުރުއައިނެއް ހެދުމަށް ނިންމައެވެ. އަދި އެސޮރުމެންނަށް މުހިންމީ ކާނާހޯދުންތޯ ނުވަތަ ރައްކާތެރިކަންތޯ އަޅާބަލައެވެ. މިގޮތަށް ބެލުމަށްފަހު އެވަގުތައް އެންމެފައިދާހުރި ގޮތަކަށް ކަންތައް ނިންމައެވެ.

ކަޅުބިލަމަސް

މަހުގެ ދިގުމިން

އައިންހެދުމުގައި އެންމެމުހިންމު ރޯލެއް އަދާކުރާ އަނެއްކަމަކީ އައިނުގައި ހިމެނޭ ދިރުންތަކުގެ (މަސްތަކުގެ) ސައިޒެ – ދިގުމިނެވެ. ވަކިވަކި މަސް އައިނުގައި ބައިވެރިވެ އައިނާއެކު ދަތުރުކުރާއިރު އައިނުގައި ހިމެނިފައިވާ އެހެންމަސްތަކާ އެއްވަރެއްގައި އެއްބާރުމިނުގައި ދުވެލި ހިފަހައްޓާލުމަކީވެސް މުހިންމުކަމެކެވެ. މިގޮތަށް އެއްބާރުމިނުގައި ދުވެލި ހިފެހެއްޓޭނީ އެއްވަރުގެ ދިގުމިން ހުންނަ އެއްވަރެއްގެ ޕިޓްނަސް ހުންނަ މަސްތަކަށެވެ. ކުދި އަދި ބަލިކަށިމަސް އެހެންމަސްތަކާއެކު ކާނާހޯދުމަށް ވާދަކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި މިފަދަމަސް އައިނުގައި ހިމެނޭކަމުގައި ވަނީނަމަ އައިނަށް ފާރަލައި އައިނުން ޝިކާރުކުރާ ކޮންމެވެސް އެހެން އެއްޗެއްގެ ޝިކާރައަކަށް ވަރަށްފަސޭހައިން ވެދާނެއެވެ. އައިންހަދައިގެން އުޅުމަކީ މަސްތައް ޕިޓުކޮށް ހެއުހާލުގައި ތިބުމަށްވެސް ބާރުއަޅާކަމެކެވެ. ޖުމުލަގޮތެއްގައި ހުރިހާބާވަތުގެ މަސް އެއްމެއިސްކަމެއްދޭ އެއްކަމަކީ ވީހާވެސް ކުޑަހަކަތައެއް ހޭދަކޮށްގެން އުޅުމެވެ. މިހެންވެ އައިންހަދައިގެން ހުރިހާމަސްތައް އެކީގައި މަސައްކަތްކުރުމުން ކާނާޖަމާވެފައިހުންނަ ދުރުސަރަހައްދުތަކަށް ދަތުރުކުރަންވެސް ފަސޭހަވެއެވެ. އެއީ މަސްއައިނުގައި އެއްވަރުގެ މަސްތައް އެކުގައި ދަތުރުކުރާއިރު މަސްތައް އެތުރިފައި ހުންނަގޮތުން މަހުގެ ހައިޑްރޯޑައިނަމިކް އެފިޝަންސީ އިތުރުވެއެވެ. މީގެސަބަބުން ކަނޑުތެރޭގައި ދަތުރުކުރުމަށް ހޭދަކުރަންޖެހޭ ހަކަތަ މަދުވެއެވެ.

އާޖީލެއް އުފެއްދުމުގެ ފުރުސަތު

އައިންހަދައިގެން އެތައްހާސް މަސްއެކުގައި އުޅުމުން މަސްތައް ބިސްދޫކުރާދުވަސްވަރު ބިސްތައް ދަރިމައިވުމުގެ ފުރުސަތު އިތުރުވެއެވެ. ކަނޑުތެރޭގައި އައިންހަދައިގެން އުޅޭ ގިނަބާވަތުގެ މަހަކީ އެސޮރުމެން އެއުޅޭ މާހައުލަށް – ލޮނުގަނޑަށް – ބިސް ދޫކުރާމަހެވެ. އަންހެން އަދި ފިރިހެން މަސް ކަނޑުގެ ލޮނުގަނޑުތެރެއަށް ބިސްތައް ދޫކޮށްލުމުން ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ބިސްތައް އޮޔާދާންފަށައެވެ، އަދި މިހެންއޮޔާދިއުމުގެ ތެރޭގައި އަންހެން ބިސް ފިރިހެން ބިހާ ޖެހި (ބައްދަލުވެ) ދަރިމައިވެއެވެ. އައިންހަދައިގެން އުޅުމުން ބައިވަރު އަންހެން މަހާއި ފިރިހެންމަސް އެއްތަނަކަށް ބިސް ދޫކުރުމުގެ ފުރުސަތުއިތުރުވެއެވެ. އަދި މީގެސަބަބުން ބިސްތައް ދަރިމައިވެ އާ ޖީލެއް އުފެދުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.

ކަނޑުމަހުގެ ބާވަތްތައް އައިންހެދުން

ކަނޑުމަހުގެ ބާވަތްތަކަށް ބަލާއިރު އެކިސައިޒުގެ މަސް އައިންހެދުމުގައި ތަފާތު ތަކެއްހުރެއެވެ. މީގެތެރެއިން ފާހަގަކުރެވޭ އެއްކަމަކީ އައިނުގެ ބޮޑުކުޑަމިން އެއައިނުގައި ހިމެނޭ މަސްތައް ކާންބޭނުންވާ މިންވަރާ ގުޅިފައިހުންނަ ކަމެވެ. ބޮޑެތި އައިނުގައި އުޅޭމަސްތައް އެސޮރުމެން އިތުރަށް ކާނާހޯދުމަށް ކުދިކުދި ބައިގަނޑުގަނޑުހަދާ، މައިއައިނާފެއަށް ދުރަށްޖެހި، ޝިކާރަކުރެއެވެ. އެހެންކަމުން ކަނޑުތެރޭގައި ކާނާ މަދުއިރު ކުދިއައިންތައް ކަނޑުތެރެއަށް ފެތުރިފައި ހުރެއެވެ. އަދި މިޔާހިލާފަށް ކަނޑުތެރޭ ކާނާގިނަ ސަރަހައްދުތަކުގައި ބޮޑެތި މަސްއައިން އުފެދިފައި ހުރެއެވެ. ދިރާސާތަކުން އެނގިފައިވާގޮތުގައި ގާތްގަނޑަކަށް 10 ކިލޯއިން ދަށުގެ ރިނދޫއުރަހަ ކަންނެލި އައިންހަދާއިރު ބޮޑެތި އައިން ހަދައެވެ. އަދި ގާތްގަނޑަކަށް 10 ކިލޯއިން މަތީގެ ކަންނެލި އައިންހަދާއިރު ނިސްބަތުން ކުދި އައިންހަދައެވެ. އައިނުގެ މަހުގެ ސައިޒާ މަސް ކާން ބޭނުންކުރާ ތަފާތު ތަކެތީގެ ސައިޒާވެސް ގުޅުންހުރެއެވެ. ބޮޑެތިމަސް ތަފާތު ބާވަތުގެ އެކިސައިޒުގެ ތަކެތި ކެއުމަށް ބޭނުންކުރާއިރު ކުދިމަސް ގިނައިން ބޭނުންކުރަނީ ކުދިސައިޒުގެ ކާނާއެވެ. ކުދިމަހާ ހިލާފަށް ބޮޑެތިމަސް ކެއުމަށް އެހެން ބޮޑެތި ސައިޒުގެ ކާނާ ލިބެންހުރުމަކީވެސް ބޮޑެތިސައިޒުގެ މަސް ހަދާ އައިންތައް ކުދިވުމަށް މަގުފަހިވާ ކަމެއްކަމަށް ބެލެވެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި ބައެއް ކަޅުބިލަމަސް އައިނުގައި 50،000 މަސް އެކުގައި ހުރެއެވެ.

comment ކޮމެންޓް