ކަނޑުއަޑީ ފަރުބަދަތައް

މުޅިދުނިއޭގެ ގާތްގަނޑަކަށް ¾ ބައި (%71) އެއީ ކަނޑުގެ ސަރަހައްދެވެ. މުޅިކަނޑުގެ ސަރަހައްދަށް ބަލާއިރު ބޮޑުބައެއް (%95) އެއީ 130 މީޓަރަށްވުރެ ފުން ސަރަހައްދެވެ. ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކަނޑުތައް ދިރާސާކުރުމުގެ ފުރުސަތުތައް ވަނީ އިތުރުވެފައެވެ. މީގެތެރޭގައި ސެޓެލައިޓް އަދި ބޯޓުފަހަރުތަކުގައި ހުންނަ، މީހުންގެ އެހީއާއިނުލާ މައުލޫމާތުއެއްކުރާ އެކިބާވަތުގެ އާލާތްތަކުގެ ބޭނުންކޮށްގެން މާކަނޑުގެ އަޑި އޮންނަގޮތް ޗާޓުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެސަބަބުން މާކަނޑުގެ އަޑީގައިހުންނަ އެކިބާވަތުގެ އުފުލުންތަކާ ކެނޑުންތައް އަދި ފުންވަޅުގަނޑުތައް ފާހަގަ ކުރެވިފައި ވެއެވެ. އަޑިއަށް ފީނުމަށް ތައްޔާރު ކުރެވިފައިހުންނަ އެކިބާވަތުގެ ޓެކްނޮލޮޖީގެ އެހީގައި މާކަނޑުގައި ހުންނަ ތިލަތަކާ ލާމެހިފައިހުންނަ މުއްސަނދި މާހައުލީނިޒާމުތަކާ އެފަދަ ތަންތަނުގައި އުޅޭ އެކިބާވަތުގެ ދިރުންތައް ދެނެގަތުމުގެ ފުރުސަތު މިހާރުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އެހެންކަމުން އިންސާނުން މާކަނޑުގެ ދިރުންތަކާ ދޭތެރޭ ދެކޭގޮތް ވެސް ދަނީ ބަދަލުވަމުންނެވެ. މިފަދަ އާލާތްތަކުގެ އެހީގައި، އިންސާނުންގެ ސަބަބުން މާކަނޑުގެ އަޑީގައިވާ މުހިންމު މާހައުލީ ނިޒާމުތަކަށްކުރާ އަސަރުތައްވެސްވަނީ ފާހަގަކުރެވިފައެވެ.

ކަނޑުއަޑީ ފަރުބަދަ އުފެދޭގޮތް

ކަނޑުއަޑީ ފަރުބަދައަކީ މާކަނޑުގެ އަޑިން އުފުލިފައި ހުންނަ ނަމަވެސް ލޮނުގަނޑުގެ މައްޗަށް ނާރާ ހުންނަ ތަންތަނެވެ. މިފަދަ އުފުލުންތަކުގެ މަތީގައި އެކިބާވަތުގެ އަޑިތަކާ، ފުން ވަޅުގަނޑުތަކާ އަދި ހަނިކޮށް ކެނޑިފައި ހުންނަ ތަންތަން ހުރެއެވެ. ސައެންސްވެރިން އެންމެ ފުރަތަމަ ކަނޑައެޅީ ކަނޑުއަޑީ ފަރުބަދައަކީ މާކަނޑުގެ ސަރަހައްދުން މަދުވެގެން 1000 މީޓަރަށް އުފުލިފައިހުންނަ އުފުލުންތައް ކަމުގައެވެ. ނަމަވެސް ދިރާސާތައް ފުޅާވެ އިތުރުހޯދުންތަކުން އެނގުނީ 1000 މީޓަރަށްވުރެ މާތިރިކޮށް އުފެދިފައިހުންނަ ކަނޑުއަޑީ ފަރުބަދަތަކުގައި ހުންނަސިފަތަކާ ހިނގާކަންތައްތަކާ ދާދިއެއްގޮތް ކަމެވެ. އެހެންކަމުން މިހާރު 100 މީޓަރަށްވުރެ އުސްކޮށް އުފުލިފައިހުންނަ ތަންތަނަކީ ކަނޑުއަޑީ ފަރުބަދަ (ސީމައުންޓްސް) ކަމުގައި ބަލައެވެ. ބޮޑެތިކަނޑުއަޑީ ފަރުބަދަތައް އުފެދުމާ ގުޅިފައި ހުންނަނީ ކަނޑުއަޑީގައި އުފެދޭ އަލިފާންފަރުބަދައާ ކަމުގައި ބެލެވެއެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި މިފަދަ ފަރުބަދަ އުފެދެނީ އެކިބައްރުތައް (ކޮންޓިނެންޓުތައް) ގާއިމުވެފައިވާ ޕްލޭޓްތައް ކޮޅުކޮޅުމައްޗަށް ހަރަކާތްތެރި ވުމުންނެވެ. 1000 މީޓަރަށްވުރެ އުސްކޮށްހުންނަ ކަނޑުއަޑީ ފަރުބަދައިގެ އަދަދު 14000 ހާހާއި 30000 ހާހާއި ދެމެދު ކަމުގައި ބެލެވެއެވެ. 100 މީޓަރަށްވުރެ އުސްކޮށްހުންނަ ކަނޑުއަޑީ ފަރުބަދައިގެ އަދަދު އެތައްސަތޭކަ ހާހަށްއަރައެވެ.

ކަނޑުއަޑީ ފަރުބަދައިގެ މުހިންމުކަން

އޮމާންކޮށް އުފެދިފައި އޮންނަ މާކަނޑުގެ އަޑިއަށް ތަފާތުތަކެއް ފަރުބަދަތަކުން ގެނެއެވެ. ކަނޑުއަޑީގައި އުފެދިފައި ހުންނަ މިފަދަ އުފުލުންތަކުން / ފަރުބަދަތަކުގެ ސަބަބުން މާކަނޑުގެ އަޑީގައި އޮއިދެމޭގޮތް ބަދަލުވެއެވެ. ބައެއްސަރަހައްދުތަކުގައި އޮއިވަރު ބާރުވެއެވެ. އަދި އަނެއްބައި ސަރަހައްދުތަކުގައި އޮއިދަތުރުކުރާ މިސްރާބަށް ބަދަލުއާދެއެވެ. އަދި އޮއިވަރަށް އަންނަމިފަދަ ބަދަލުތަކުގެ ސަބަބުން ކަނޑުއަޑީގެ ފަރުބަދަތައްކައިރީގައި ކާނާ (ނިއުޓްރިއެންޓްސް) ޖަމާވުމަށް މަގުފަހިވެއެވެ. މީގެސަބަބުން ކާނާގެ ވިއުގަރ ފެށޭހިސާބުގައި ހިމެނޭ ފަނިފަކުސާތައް (ޕްލެންކްޓަން) އުފެދިއިތުރުވުމަށް ބޭނުންވާ އެކިބާވަތުގެ ނިއުޓްރިއެންޓްސް، ކަނޑުގެ ސަތަހައިގެ މަތީފަށަލައަށް ވާސިލުވުމަށް މަގުފަހިވެއެވެ. މިހެންވެ ކަނޑުއަޑީ ފަރުބަދަތައް އަދި ތިލަތައް ހުންނަތަންތަނަށް އެކިބާވަތުގެ ދިރޭތަކެތި ޖަމާވެއެވެ. މިކަހަލަ ބައެއްތަންތަނުގައި ފުނުގައިހެދޭ އެކިބާވަތުގެ ގާ އަދި ހަރުތަންތަނުގައި ތަތްކޮށްލާ ހިފަހައްޓާލައިގެން ތިބޭ ދިރޭތަކެތި ހުންނަކަން ފާހަގަވެއެވެ. އަދިމިތަކެތީން އުފައްދާ މާހައުލީ ނިޒާމުތަކުގެތެރޭގައި އެހެންބާވަތްތަކުގެ ދިރޭތަކެތި ހިމާޔަތް ހޯދައިގެން އުޅެއެވެ.

ކަނޑުއަޑީ ފަރުބަދައާ ގުޅިފައިވާ މަސް

ދުނިއޭގެ އެކިސަރަހައްދުތަކުގައި ކުރެވިފައިވާ ދިރާސާތަކުން އެނގުނީ ކަނޑުއަޑީ ފަރުބަދަތައް ހިމެނޭ ސަރަހައްދުތަކަކީ ދިރޭތަކެތީގެ ވަރަށް މުއްސަނދި ތަންތަންކަމެވެ. ތަންކޮޅެއް ފުޅާކޮށް ބަލަނީނަމަ މާކަނޑުގައި ދިރިއުޅޭ ޝިކާރަކުރާ މަސްތައް މިފަދަ ތަންތަން ކައިރިއަށް ގިނައިން ޖަމާވެއެވެ. މިފަދަތަންތަނުގެ ކައިރިއަށް ކަނޑުމަސް، ހިބަރު، މިޔަރު، ވެލާ އަދި އެކިބާވަތުގެ އައިންމަތީ ދޫނި ޖަމާވެއެވެ. މިދިރޭތަކެތި ކަނޑު އަޑީ ފަރުބަދަތައްކައިރިއަށް ޖަމާވަނީ އެސޮރުމެނަށް ބޭނުންވާ ކާނާ ހޯދުމަށް ކަމަށް ބެލެވެއެވެ. އަދި މީގެއިތުރުން މާކަނޑުގައި ދަތުރުކުރާ ދިރުންތައް ކަނޑުތެރޭ ދަތުރުކުރާއިރު މިސްރާބު ދެނެގަތުމަށް އެހީއެއްގެ ގޮތުގައި މިފަރުބަދަތައް ބޭނުންކުރެއެވެ. އަނެއްބައި މަސްތައް މިފަދަތަންތަން ބޭނުންކުރަނީ ބިސްދޫކުރާ / ދަރިމައިވާ ތަންތަނުގެ ގޮތުގައެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެގުނީ ތަފާތު 800 ބާވަތުގެ މަސް ކަނޑުއަޑީ ފަރުބަދަތަކުގެ ކައިރީ އުޅޭކަމެވެ. މިފަރުބަދަތަކުގެ ކައިރީ ދާއިމީކޮށްއުޅޭ މަސްތަކަށް ބަލާއިރު މިއީކަނޑުގެ ބާރު އޮއިވަރުގެ ތެރޭގައި އުޅެން ކުޅަދާނަ މަހެވެ. އަދި ގަދައޮއިވަރުތެރޭ އުޅެންޖެހުމުން މިމަސް ބޭނުންކުރާ ހަކަތަ އިތުރުވެއެވެ. ވުމާއެކު ބޭނުންކުރާ ކާނާވެސް އިތުރުވެއެވެ. މިކަންކަމާހުރެ މިފަދަ ފަރުބަދަތަކުގައި ވަޒަންވެރިވެ ދާއިމަށްއުޅޭ މަހަކީ އެހާބޮޑެތިވާ މަހެއްނޫނެވެ. މީގެތެރޭގައި އޮރެންޖު ރައުފީ، ރޮކްފިޝް، ކާޑިނަލްފިޝް އަދި އަލްފަސޯ ހިމެނެއެވެ. މިފަދަމަސްތައް މާކަނޑުތެރޭ އުފެދިފައިހުންނަ ރަށްރަށުގެ ފުން އުރަފަތްމަތިންވެސް ފެނެއެވެ.

ކަނޑުއަޑީ ފަރުބަދައިގައި ހެދިފައި ހުންނަ ތަކެތި

ކަނޑުއަޑިގައި އުފެދިފައި ހުންނަ ފަރުބަދަތަކަކީ ހަރުތަންތަނަށް ވުމުން މިފަދަތަންތަނުގައި ހަރުކޮށްލައިގެން ތިބެވޭ ތަފާތުތަކެތި އުފެދުމުގެ ފުރުސަތުއޮވެއެވެ. އެހެންވުމުން އާދަޔާހިލާފު ފުނުގައި އުފެދިފައިހުންނަ ގަލުގެ ބާވަތްތައް މިފަދަ ފަރުބަދަތަކުގައި ހުރެއެވެ. މިފަދަ ފަރުބަދަ ތަކުގައި ހުންނަ ގަލުގެބާވަތްތަކުގެތެރޭ ސްޓޯނީ ކޮރަލް، ބޮލެކް ކޮރަލް (އެންދެރި) އަދި އެކިބާވަތުގެ ސޮފްޓު ކޮރަލް ހިމެނެއެވެ. ގަލުގެ އިތުރުން ގާފޮރި، ބްރައިއޮޒޯއަންސް، ޕޮލިކީޓް ވޯރމް، މޮލަސްކް، ސްޕޮންޖު، އަދި ފަސްއިނގިލި އާއިލާގެ ތަކެތި ހިމެނެއެވެ. މިތަކެތި ކެއުމަށް ބޭނުންކުރަނީ ލޮނުގަނޑު ތެރޭގައި އޮޔާދާ ކުދިކުދި ދިރުން(ޕްލެންކްޓަން)އެވެ. މިފަދަ މާހައުލީނިޒާމުތަކުގައި ދިރިއުޅޭ ތަފާތުބާވަތުގެ ދިރުންތައް އެކަތިއަނެކެއްޗާ ގުޅިފައިވާގޮތްތައް އަދި އެންމެރަނގަޅަށް ދިރާސާކުރެވިފައެއް ނުވެއެވެ. އެހެންވުމުން ގަލުގެބާވަތްތަކާ އެހެނިހެން ދިރުމާ މަސްމަހާމެހި ގުޅިލާމެހިފައިވަނީ ކިހެނެއްކަން އެންމެފުރިހަމަކޮށް ބުނެދިނުމަކީ އުނދަގޫކަމެކެވެ. ކަނޑުއަޑީ ފަރުބަދަތައް އުފެދިފައި ހުންނަ އުސްކަމުން / ކަނޑުގެ މަތީފަށަލަ – ރަނަގަޅަށް އިރުގެ އަލިލިބޭ ހިސާބުގައި ފަރުބަދައިގެ ކުރި ހުރުމުން އެތަނަށް ޖަމާވާ އަދި ފަރުބަދައިގައި އުފެދިފައިހުންނަ ދިރުން ތަފާތުވެއެވެ. ރަނގަޅަށް އަލިފޯރާކަމުގައިވަނީނަމަ އެފަދަތަންތަނުގައި އެކިބާވަތުގެ އަލްގޭ (ފެހި) ހެދިފައިހުރެއެވެ.

އިންޑިއާކަނޑުގައި ހިމެނޭ ކަނޑުއަޑީ ފަރުބަދަތަށް ބަލާ އެކަށީގެންވާ ދިރާސާތަކެއް އަދިމިހާތަނަށް ކުރެވިފައެއްނެތެވެ. އިންޑިއާކަނޑުގެ ދެކުނުގައި ހިމެނޭ ކަނޑުއަޑީ ފަރުބަދަތަކުން މަދުފަރުބަދަތަކެއްގައި ކޮންމެސްވަރެއްގެ ދިރާސާތަކެއް ކުރެވިފައި ވެއެވެ. މިދިރާސާތަކުން އެގުނީ ހުޅަނގު އިންޑިއާކަނޑުގެ ސަރަހައްދުގައި އޮއިވަރު އެނބުރޭގޮތަށް މިފަރުބަދަތަކުން އަސަރުކުރާކަމެވެ. މީގެސަބަބުން މާކަނޑުގެ މަސްވެރިކަމަށް އޭގެއަސަރު ފޯރައެވެ. މޮޒަމްބިކާ މަޑަގަސްކަރަ ސަރަހައްދުގައި އުފެދިފައިހުންނަ ކަނޑުއަޑީ ފަރުބަދަތަކުން މޮޒަމްބީކު ޗެނަލްގައި ވަކިމޫސުމަކު އޮއިވަރު ދެމޭގޮތަށް އަސަރުކޮށް ވަރަށްވަރުގަދަ މަސްވެރިކަމެއްއުފެދުމަށް މަގުފަހިވެއެވެ. ރާއްޖޭގެ ސަރަހައްދުގައި ހުންނަ މިފަދަ ކަނޑުއަޑީ ފަރުބަދަތައް ރައްޖޭގައި ކުރާ މަސްވެރިކަމާ ގުޅިފައިހުންނަނީ ކިހާވަރަކަށްތޯ ބެލުމަކީވެސް މުހިންމުކަމެކެވެ. އަދި މިފަދަތަންތަނާ ގުޅިލާމެހިފައިހުންނަ މަސްވަރިކަމަށް ނޭދެވޭއަސަރު ފޯރުކުރުވަނިވި ކަންތައްތައް ދެނެގަތުންވެސް އެހާމެ މުހިންމެވެ.

comment ކޮމެންޓް