12 ދުވަހަށް ފަހު ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމު ނަގައިފި

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް މި މަހުގެ 16 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް މިއަދު ނަގައިފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމު ނަގާފައިވާއިރު ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން މިދިޔަ އަންގާރަ ދުވަހު ވަނީ ޕްލެޓްފޯމު ދެ ދުވަސް ތެރޭގައި ނަގާނެ ކަމުގެ ޔަގީންކަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ވަނީ ދީފައެވެ.

ނަމަވެސް ބުރާސްފަތި އެ ކުންފުނިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ ކަމަށެވެ.

އެ ޕްލެޓްފޯމު މިއަދު ނަގާފައިވަނީ ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

އީޕީއޭއިން ބުނީ ޕްލެޓްފޯމް ފުންކުރުމުން ފަރަށް ލިބުނު ގެއްލުމުގެ ދިރާސާއެއް ކުރާނެ ކަމަށެވެ.

ބްރިޖް ޕްލެޓްފޯމް އެތަނުން ނެގުމަށް އެކަށީގެންވާ ވަަރަށް މަސައްކަތް ކުރާކަމަށް ގަބޫލުނުކުރެވޭކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު ސޭވް ދަ ބީޗް މޯލްޑިވްސް އާއި ވިލިމާލޭގެ ޖަމިއްޔާއެއްކަމަށްވާ ވިލިޖޯލިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެއިތުރުން ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ރަނގަޅަށް ހަދައި އެ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށް އެ ދެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް