ކުޑަފަރީން އެމްޑީޕީގެ ގިނަ އަދަދެއްގެ އިސް މެންބަރުން އެމްޑީއޭއަށް ސޮއިކޮށްފި

ނ. ކުޑަފަރީން އެމްޑީއޭއަށް ސޮއިކުރި މީހުންގެ ފޯމުތައް އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމަށް ހަވާލުކުރެއްވުން --- ފޮޓޯ/ އެމްޑީއޭ

ނ. ކުޑަފަރީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ އަދަދެއްގެ މެންބަރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް އިއްޔެ ސޮއިކޮށްފިއެވެ.

ކުޑަފަރީ ކައުންސިލުގެ ރައީސް އަލީ ޝަމީމް މިއަދު "ސަން"އަށް ވިދާޅުވީ އެމްޑީޕީގެ 50 މީހުން އިއްޔެ އެމްޑީއޭއަށް ސޮއި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަށު ކައުންސިލުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ކުރީގެ ރަށު ކަތީބުން ހިމެނޭ ކަމަށާއި ބައެއް މީހުންނަކީ އެމްޑީޕީ އުފެއްދި ހިސާބުން ފެށިގެން އެ ޕާޓީއަށް ތާއީދު ކުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ނޫނަސް އެންމެ އިސްކޮށް އެމްޑީޕީގެ އެކި ހަރަކާތްތަކުގައި މަަސައްކަތް ކުރި ކަމަށް ފާހަގަކުރެވޭ ގިނަ މީހުންވެސް އިއްޔެ ވަނީ ސޮއިކޮށްފަ،" އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމްޑީޕީގެ އެހާ ގިނަ މެންބަރުން އެމްޑީއޭއަށް ސޮއިކުރީ ކުއްލި ގޮތަކަށް ނަމަވެސް އެމީހުންގެ ފިކުރު މާ ކުރިން ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ރަށުގެ އިތުރު މީހުން ވެސް އެމްޑީއޭއަށް ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަފަރީގެ ގިނަ އަދަދެއްގެ މީހުން އެމްޑީއޭއަށް ސޮއިކުރަމުންދާ އެއް ސަބަބަކީ، ޕާޓީގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދަކީ އެ ރަށު ބޭފުޅަކަށް ވާތީކަން ޝަމީމް ފާހަގަކުރެއްވިއެވެ.

"ސިޔާމްއަކީ ކުޑަފަރީ ބޭފުޅެއް. ދެން ކުޑަފަރީ ބޭފުޅަކަށް ސިޔާމް ވާއިރު މިހާރު އެވަނީ އިންތިހާބަށް ކުރިމަތިލާން ނިންމަވާފަ. އެހެންވީމަ އެކަމަށް ތާއިދުކޮށް އެއްބާރުލުން ދިނުން ވެސް އެއީ އެއް ސަބަބު،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެމްޑީޕީ ހިމެނޭ ސަރުކާރު ކޯލިޝަނުން ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދުމަކީ އެ ޕާޓީގެ މެންބަރުން ތާއިދު އަނބުރާ ގެންދާ ސަބަބެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ހުރިހާ މުއައްސަސާއެއްގެ ބާރު ލިބުމުން ވެސް، ރައްޔިތުން ސަރުކާރާ މެދު ކުރާ އުއްމީދުތަކާ އެއް ވަރަށް ސަރުކާރު ނުހިންގޭ ކަމަށާއި އެ ފެންވަރަށް ވެރިކަން ކުރެވޭނެ ކަމަށް ބެލެވޭ ލީޑަރެއްގެ ޕާޓީއަށް އެ މީހުން ސޮއިކުރީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕާޓީއަށް ސޮއިކުރި 50 މީހުންގެ ފޯމު، އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިޔާމްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކުޑަފަރީގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް އެމްޑީއޭގެ މެމްބަޝިޕް އިތުރު ކުރުމުގެ އެކި ހަރަކާތްތައް މިހާރު ކުރިއަށްގެންދާއިރު، އެ ޕާޓީން އިއްޔެ ބުނީ މި އަހަރު ނިމުމުގެ ކުރިން 25،000 މެންބަރުން ހަމަކުރުމަކީ އެ ޕާޓީގެ އަޒުމެއް ކަމަށެވެ.

comment ކޮމެންޓް