އެފްއޭ ކަޕް: ސަސް މެޗު ނުކުޅެން ނިންމުމުން ގްރީން ސްޓްރީޓްސްއަށް ތިން ވަނަ

އެފްއޭ ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން —- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗުގައި އެއްކޮޅުން ބައްދަލުކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސް) އެ މެޗު ނުކުޅެން ނިންމުން އެ މެޗުގައި ދެން ބައްދަލުކުރާ ކުލަބް ގްރީން ސްޓްރީޓްސް އަށް މެޗު ލިބިއްޖެއެވެ.

މިއަދު އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ކުޅެން ހަމަޖެހިފައިވާ އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗުގައި ބައިވެރި ނުވެވޭނެކަމަށް ސަސްއިން އަންގާފައިވާކަމަށެވެ.

އެފްއޭ ކަޕްގެ ގަވައިދުގައި ވާގޮތުން އެއްވެސް ޓީމަކަށް މުބާރާތް ނިމުމުގެ ކުރިން މުބާރާތުން ވަކިނުވެވޭނެއެވެ. އެެހެންކަމުން ސަސްއިން މުބާރާތުގެ ގަވައިދާ ހިލާފުވެފައިވާތީ އެފްއޭއެމް އިން އެ މައްސަލަ ބަލާނެކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ.

ސަސް މުބާރާތުގެ ތިން ވަނަ ހޮވާ މެޗަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލް މެޗުގައި ކުލަބު ވެލެންސިއާއާ ބައްދަލުކޮށް މެޗުގެ ނަތީޖާ 1-1އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އެ ޓީމު ބަލިވުމުންނެވެ.

އެފްއޭ ކަޕްގައި ސަސް ފުރަތަމަ ކުޅެފައިވަނީ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށްށެވެ. އެ މެޗު އެ ޓީމުން ވަނީ ފަސޭހަކަމާއެކު 10-0ގެ ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލަ ގޮސްފައެވެ.

އެ ޓީމު ސެމީއަށް ގޮސްފައިވަނީ ކުއާޓާގައި ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅެ އެ ޓީމު މުބާރާތުން ކަޓުވާލައިގެންނެވެ. ސަސް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 2-2ގެ ނަތީޖާއަކުން އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން މޮޅުވެގެންނެވެ. ސަސްއިން ޕެނަލްޓީގައި ކުރި ހޯދީ 7-6ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސަސްގެ ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲގެ މޮޅު ކުޅުން ވަނީ ފެނިފައެވެ.

އެފްއޭކަޕްގެ ތިން ވަނަ ހޮވާ މެޗު ގްރީން އިން ކުޅެންޖެހިފައިވަނީ ދިވެހި ފުޓުބޯޅައިގެ ގަދަ ބާރު މާޒިޔާ ސްޕޯޓްސް އެންްޑް ރެކްރިއޭޝަން ކުލަބު އަތުން ބަލިވުމުންނެވެ. އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

އެ ޓީމު ސެމީއަށް ގޮސްފައިވަނީ ކުއާޓާ ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، 1-1ގެ ނަތީޖާއަކުން މެޗު އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން މޮޅުވެގެންނެވެ. އެ ޓީމުން ވަނީ ޖެހި ފަަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ޓީސީއަށް ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.

އެފްއޭކަޕްގެ ފައިނަލް މާދަމާ ރޭ 9:00 ގައި ކުޅޭއިރު އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އަދި ވެލެންސިއާއެވެ.

comment ކޮމެންޓް